ހާލުގައި ޖެހިފައިވާ ސޯމާލިއާ ބަޔަކު ފުވައްމުލަކަށް ލައްގައިފި

39: 19 - ހާލުގައި ޖެހިފައިވާ ސޯމާލިއާގެ ހަތް މީހަކު ޑިންގީއެއްގައި ފުވައްމުލަކަށް މިއަދު ލައްގައިފި އެވެ.
ފުވައްމުލަކު ތުނޑި އަށް ލެއްގި އެ މީހުން އެ ރަށު ހޮސްޕިޓަލަށް ގެންގޮސްފައިވާ އިރު އެއްވެސް މީހެއްގެ ހާލު ދެރަ ނޫން ކަމަށް އެ ރަށުން ވާހަކަ ދެއްކި މީހުން ބުންޏެވެ.
ސޯމާލިއާ މީހުން ލެއްގި މަންޒަރު އެންމެ ފުރަތަމަ ފެނުނު މީހުންގެ ތެރޭގައި ހިމެނޭ އައްބާސް އަހުމަދު ބުނިގޮތުގައި އެ މީހުން ފުވައްމުލަކާ ކައިރި ކުރީ ޑިންގީ ދުއްވާފަ އެވެ. އޭރު ޑިންގީގެ އިންޖީނު ރަނގަޅު ކަމަށް އޭނާ ބުންޏެވެ.
އައްބާސް ބުނިގޮތުގައި ޑިންގީގައި ހަތިޔާރެއް ނެތެވެ. އަދި އޭނާ ބުނީ އޭގައި ހަމައެކަނި ހުރީ ތެޔޮ އަޅާ ހަންތަކެއް ކަމަށާއި އެއް ހަމުގައި ކޮންމެވެސް ވަރަކަށް ތެޔޮ ހުރި ކަމަށެވެ.
"އަޅުގަނޑު އާއިލާއާ އެކު ޕިކްނިކް ގޮސް އުޅެނިކޮށް ދުރުން ފެނުނީ ޑިންގީއެއް ކަހަލަ އެއްޗެއް. އޭރު އެ މީހުން ފޮތިގަނޑެއް ހޫރުވާ. އެ ދިމާ ވަރަށް ގަދަ. ބޮޑެތި ރާޅުތަކު ތެރޭގައި އެ މީހުން އުޅެނިކޮށް އަޅުގަނޑު އަތުން އެންގީ ކައިރި ކުރަން،" އައްބާސް ކިޔައިދިނެވެ. "އޭރު ވެސް ކޮން ބައެއް ކަމެއް ނޭނގޭ. ދެން އަޅުގަނޑުމެން އެންމެން ވެގެން އޭގެ ތެރޭގައި އޮތް ވަލެއް ޖަހާފައި ޑިންގީ އެއްގަމަށް އެރުވީ. އެ މީހުންނަށް އިނގިރޭސިން ވާހަކަ ދައްކާކަށް ނޭނގެ. މޭގައި އަތް ޖަހާފައި ބުނަނީ ސޯމާލިއާއޭ. ދެން އަޅުގަނޑުމެން މިއީ މޯލްޑިވްސްއޭ ބުނީމަކާ ވެސް ނޭނގުނު. އަހަނީ އިންޑިއާހޭ."
އައްބާސް ބުނީ ސޯމާލިއާ މީހުން ކަނޑުމަތީގައި ހޭދަކުރީ ކިހާ ދުވަހެއް ކަމެއް އެ މީހުންގެ ވާހަކައިން އޮޅުން ނުފިލާ ކަމަށާއި ނަމަވެސް ޑިންގީ ކަނޑުމަތީގައި ގިނަ ދުވަސްތަކެއް ވެފައިވާ ކަމަށް ނުބެލެވޭ ކަމަށެވެ.
"ޑިންގީގައި ފެހި ޖަހާފައެއް ނެތް. އެހެންވީމާ އެހެން އުޅަނދަކުން ޓްރާންސްފާ ވެފައިވާ ކަމަށް ލަފާ ކުރެވެނީ،" އައްބާސް ބުންޏެވެ.
-----------------
ހާލުގައި ޖެހިފައިވާ ސޯމާލިއާގެ ހަތް މީހަކު ޑިންގީއެއްގައި ފުވައްމުލަކަށް މިއަދު ލައްގައިފި އެވެ.
ފުވައްމުލަކުން ވާހަކަ ދެއްކި އަހުމަދު އިބްރާހީމް ބުނިގޮތުގައި ހަވީރު 00: 6 ހާއިރު ޑިންގީއެއްގައި އެ ރަށަށް ލައްގާފައި ވަނީ ހަތް މީހެކެވެ.
އެ މީހުން ފުވައްމުލަކުގެ ހޮސްޕިޓަލަށް ގެންގޮސްފައިވާ އިރު އެއްވެސް މީހެއްގެ ހާލު ދެރަ ނޫން ކަމަށް އެ ރަށުން ވާހަކަ ދެއްކި އެހެން މީހަކު ބުންޏެވެ.
އަހުމަދު ބުނީ ސޯމާލިއާ މީހުންގެ ޑިންގީ ފުރަތަމަ ފެނުނީ ޕިކްނިކް ގޮސް ތުނޑީގައި ތިބި ބަޔަކަށް ކަމަށެވެ.
"އެ މީހުން ހުދު ފޮތިގަނޑަކުން ހަނާ އަޅަނިކޮށް ޕިކްނިކް ގޮސް ތިބި މީހުންނަށް ފެނިގެން އިޝާރާތުން އަންނާށޭ ބުނީމަ ގާތް ކުރީ. ޑިންގީގެ އިންޖީނު ވެސް ރަނގަޅު،" އަހުމަދު ބުންޏެވެ. "އޭގެ ތެރެއިން އެކަކު ފުދޭ ވަރަކަށް ރަނގަޅަށް އިނގިރޭސިން ވާހަކަ ދައްކާ. އޭނަ ބުނީ އެ މީހުން ސޯމާލިއާ އޭ. އެކަމަކު އެއީ މަސްވެރިންކަމެއް ނޫނީ ކީއްކުރާ ބައެއް ކަމެއް ސާފެއް ނުވޭ."
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ