ކިޔަވާ ކުދިންނަށް ދަތިނުވާނެހެން މުޒާހަރާތައް ކުރިއަށް ގެންދިޔުމަށް އެޑިއުކޭޝަނުން އިލްތިމާސް ކޮށްފި

މި ދުވަސްވަރަކީ ކިޔަވާ ކުދިންގެ އިމްތިހާނު ކުރިއަށް ދާ ދުވަސްވަރަކަށް ވެފައި، ސިޔާސީ ހަރަކާތްތައް ކުރިއަށް ގެންދާއިރު ކިޔަވާ ކުދިންނަށް ދަތި ނުވާނެހެން ކުރިއަށް ގެންދިޔުމަށް އެޑިއުކޭޝަން މިނިސްޓްރީން އިލްތިމާސް ކޮށްފި އެވެ.
އެމިނިސްޓްރީގެ އޮފިޝަލަކު ވިދާޅުވީ، މި ދުވަސްވަރު މާލޭގެ މަގުތަކުގައި އަޑުގަދަކޮށް، މުޒާހަރާތައް ކުރަމުން ދާތީ، އެކަމާ ގުޅިގެން ބެލެނިވެރިންގެ ޝަކުވާތައް ވަރަށް ގިނައިން ލިބެމުން އަންނަ ކަމަށެވެ. އަދި އޭގެ ސަބަބުން ކުދިންގެ އިމްތިހާނަށް ވެސް ނޭދެވޭ އަސަރުތައް ކުރާ ކަމަށް އޮފިޝަލު ވިދާޅުވި އެވެ. މި ދުވަސްވަރު ގްރޭޑް ދިހައެއްގެ އޯ ލެވެލް އިމްތިހާނާއި އެހެން ބައެއް ގްރޭޑްތަކުގެ ފަހު އިމްތިހާނު އަންނަނީ ނަގަމުންނެވެ.
މި ކަމަކާ ގުޅޭ ގޮތުން އެޑިއުކޭޝަނުން ނެރުނު ބަޔާނެއްގައި ބުނީ މާލޭގެ މަގުތަކުގައި މި ދުވަސްވަރު ބައެއް ސިޔާސީ ޕާޓީތަކުން ހިންގާ ހަރަކާތްތަކާ ހެދި ކިޔަވާ ކުދިންނަށް ފިލާވަޅު ދަސްކުރަން ދަތިވެ، އެކަމުގެ ޝަކުވާ ގިނަ ބެލެނިވެރިންތަކެއް ކުރަމުން އަންނަ ކަމަށެވެ. އަދި އެއީ އެޑިއުކޭޝަނުން ވެސް ވަރަށް ކަންބޮޑުވާކަމެއް ކަމަށް އެ ބަޔާނުގައި ބުނެފައި ވެ އެވެ.
"ވީމާ ހުރިހާ ސިޔާސީ ޕާޓީތަކުން މިއީ ކިޔަވާ ކުދިންގެ ޓެސްޓު ދުވަސްވަރުކަން ހަދުމަކުރައްވައި، އެ ކުދިންނަށް ދަތިނުވާނެ ގޮތަކަށް އަމަލުތައް ބަހައްޓަވައިދެއްވުން އެދި ދެންނެވީމެވެ." އެޑިއުކޭޝަނުގެ ބަޔާނުގައި ބުނެފައި ވެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ