ލަންކާ އާއި ރާއްޖޭގައި ދެ ގައުމުގެ ފައިސާ ބޭނުން ކުރެވޭނެ އެއްބަސްވުމެއްގައި ސޮއިކުރަނީ

ސްރީ ލަންކާ އާއި ރާއްޖޭގައި މި ދެ ގައުމުގެ ފައިސާއިން މުއާމަލާތް ކުރެވޭނެ އެއްބަސްވުމެއްގައި ސޮއިކުރަން ހަމަޖެހިފައިވާ ކަމަށާއި އެ އެއްބަސްވުމުގެ ދަށުން އެ ގައުމުގެ ސެންޓްރަލް ބޭންކުން ރާއްޖެއަށް 200 މިލިއަން ޑޮލަރުގެ ކްރެޑިޓް ލައިނެއް ގާއިމްކޮށްދިނުމަށް އެދިފައިވާ ކަމަށް ރައީސް މުހައްމަދު ނަޝީދު މިއަދު ވިދާޅުވެއްޖެ އެވެ.
ލަންކާގެ ރައީސް މަހިންދަ ރާޖަޕަކްސަ ދެވަނަ ދައުރަކަށް ހޮވިވަޑައިގެންފައިވާތީ އެ މަނިކުފާނު ހުވާކުރެއްވުމުގެ ރަސްމިއްޔާތަށް ފުރާވަޑައިގަތުމުގެ ކުރިން ބޭއްވި ނިއުސް ކޮންފަރެންސްގައި ރައީސް ނަޝީދު ވިދާޅުވީ މަޝްވަރާތައް ނިމި ކްރެޑިޓް ލައިނެއް ރާއްޖެއަށް ފޯރުކޮށްދިނުމުގެ އެއްބަސްވުމުގައި މި ފަހަރު ސޮއިކުރެވޭ ވަރުވާނެ ކަމަށް އުއްމީދު ކުރައްވާ ކަމަށެވެ.
"އަޅުގަނޑުމެންގެ އަމާޒަކީ މި ދެންނެވި ފައިސާ އެއްވެސް ކަމަކަށް ބޭނުންކުރުމެއް ނޫން. އަޅުގަނޑުމެންގެ އަމާޒަކީ ސްރީލަންކާ ފައިސާ ދިވެހިރާއްޖެއިން ގަންނަން ލިބި ދިވެހި ފައިސާ ސިލޯނުން ގަންނަން ލިބޭނެ އިންތިޒާމެއް ހަމަޖެއްސުން. އެ އިންތިޒާމް ހަމަޖެއްސުމަށްޓަކައި އެންމެ ފުރަތަމަ ބޭނުންވާ ފްރޭމްވޯކް އެއްބަސްވުމެއް އެބަ ގާއިމްކުރަން ޖެހޭ. އެހެންވީމަ އިރާދަކުރެއްވިއްޔާ މި މަޝްވަރާތައް ވެސް މި ބައްދަލުވުމުގެ ތެރޭގައި ކޮޅެއްގައި ޖެހޭނެ. މިއަދާ ހަމައަށް އައިރު އެމްއެމްއޭއިން ވެސް އަދި މިނިސްޓްރީ އޮފް ފިނޭންސުން ވެސް އަދި ސްރީލަންކާގައި ހުންނަވާ ދިވެހިރާއްޖޭގެ ހައިކޮމިޝަނަރު ވެސް އަދި ފޮރިން އެފެއާޒް ޑރ. ޝަހީދު ވެސް މި މަސައްކަތް ގެންދަވަނީ ކުރައްވަމުން،" ރައީސް އޮފީހުގައި މެންދުރު ފަހު ބޭއްވި ނިއުސް ކޮންފަރެންސްގައި ރައީސް ނަޝީދު ވިދާޅުވި އެވެ.
އެމަނިކުފާނު އަދި ވިދާޅުވީ ލަންކާ އާއި ރާއްޖޭގެ ފައިސާއިން ދެ ގައުމުގައި މުއާމަލާތް ކުރެވޭނެ އިންތިޒާމް ހަމަޖެއްސުމުން ރައްޔިތުންނަށް ލިބޭނެ ގެއްލުމެއް ނެތް ކަމަށާއި ލަންކާގެ މީހުން އެ ގައުމުގެ ފައިސާ ބޭނުންކޮށްގެން ރާއްޖެއިން ތަކެތި ގަތުމާ ގުޅިގެން އެ މީހުން ގަންނަ ތަކެތި އިތުރުވެގެންދާނެ ކަމަށެވެ.
"އަދި ދިވެހިންނަށް ސީދާ ސްރީލަންކާއަށް ދިވެހި ރުފިޔާ ހަރަދުކުރެވޭ ގޮތްވީމަ މި ރާއްޖެއިން ޑޮލަރު ބޭނުންވާ ވަރު އެތައް ތަނަކުން ދަށްވެގެންދާނެ. އަޅުގަނޑުމެންނަށް ފެންނަ ފެނުމުގައި ބެލެންސް އޮފް ޕޭމަންޓަށް ނުވަތަ ޑޮލަރަށް މިހިރަ ޑިމާންޑަށް ވެސް މިކަމުން ލުއިވެގެން ދާނެ. އަދި އޭގެ އިތުރުން ވިޔަފާރި ފުޅާވެގެންދާނެ ކަމަށް ސަރުކާރުން ދެކެނީ،" ރައީސް ވިދާޅުވި އެވެ.
ރައީސް ނަޝީދު ވިދާޅުވީ ސާކް ގައުމުތަކުގައި އެކްސްޗޭނޖްް ރޭޓެއް ގާއިމް ކުރުމާ ބެހޭ ގޮތުން ވާހަކަދެކެވިފައިވާއިރު ރާއްޖެއިން ލަންކާގެ ސެންޓްރަލް ބޭންކާ ވާހަކަ ދައްކަމުން ގެންދާތާ ދުވަސްތަކެއް ވެއްޖެ ކަމަށެވެ.
އެ މަނިކުފާނު ވިދާޅުވީ ލަންކާ އާއި ރާއްޖޭގައި ދެ ގައުމުގެ ފައިސާއިން މުއާމަލާތް ކުރެވޭނެ އިންތިޒާމް ހަމަޖެހުމާއެކު ދެ ގައުމުގެ ވިޔަފާރި އިތުރަށް ފުޅާކުރުމަށް އަންނަ އަހަރު ވަރަށް ބޮޑަށް މަސައްކަތް ކުރައްވާނެ ކަމަށެވެ.
ލަންކާގެ ރައީސް ރާޖަޕަކްސަ ހުވާ ކުރައްވާނީ މާދަމާ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ