ވިސާ ހޯދުމާއި ހިލަޔާއި ހިލަވެލި ގެނައުމުގައި ދިމާވެފައިވާ ދަތިތަކަށް ހައްލެއް ހޯދުމަށް މަސައްކަތް ކުރަނީ

ޑިފެންސް މިނިސްޓަރު މުހައްމަދު ނާޒިމް މި މަހު އިންޑިޔާއަށް ކުރައްވާ ރަސްމީ ދަތުރުފުޅުގައި އިންޑިއާއިން ދިވެހީންނަށް ކުރިމަތިވަމުންދާ ބައެއް ކަހަލަ ދަތިތަކަށް ހައްލެއް ހޯއްދެވުމަށް މަސައްކަތް ކުރައްވާނެ ކަމަށް އެމްއެންޑީއެފުން ބުނެފި އެވެ.
އެމްއެންޑީއެފުން ބުނީ އިންޑިއާގެ ޑިފެންސް މިނިސްޓަރު އޭކޭ އެންތަނީގެ ދައުވަތަކަށް މިމަހުގެ 14 އިން 19 އަށް ނާޒިމް އިންޑިއާއަށް ކުރައްވާ އެ ދަތުރުފުޅުގައި ދިވެހީން އިންޑިޔާއަށް ދަތުރުކުރުމަށް ވިސާ ހޯދުމުގައި ކުރިމަތިވަމުންދާ ދަތިތަކާއި އިންޑިޔާއިން ރާއްޖެއަށް މުދާ ގެނައުމުގައި ދިމާވަމުންދާ ދަތިތަކާއި އަދި ހާއްސަގޮތެއްގައި ރާއްޖެއަށް ބޭނުންވާ ހިލައާއި ހިލަވެލި ހޯދުމުގައި ކުރިމަތިވެފައިވާ ދަތިތަކަށް ހައްލެއް ހޯއްދެވުމަށް ކަމާ ބެހޭ ފަރާތްތަކާ އެކު މަޝްވަރާ ކުރެއްވުމަށް ވަނީ ހަމަޖެހިފަ އެވެ.
މިނިސްޓަރުގެ އެ ދަތުރުފުޅުގެ މައިގަނޑު މަގުސަދަކީ އިންޑިއާ އާއި ދިވެހިރާއްޖެ އާއި ދެމެދު އޮންނަ ދިފާއީ އަދި އަސްކަރީ ގުޅުން އިތުރަށް ބަދަހިކުރެއްވުމާއި ރާއްޖޭގެ އަސްކަރިއްޔާގެ ތަރައްގީއަށްޓަކައި އިންޑިޔާ ސަރުކާރުގެ އެހީތެރިކަން ހޯއްދެވުމެވެ.
އިންޑިއާއަށް ރާއްޖޭގެ ޑިފެންސް މިނިސްޓަރު ކުރައްވާ އެ ދަތުރުފުޅުގައި އިންޑިއާގެ މިނިސްޓަރު އޮފް ޑިފެންސް އާއި މިނިސްޓަރު އޮފް ހޯމް އެފެއާޒް އާއި ނެޝަނަލް ސެކިޔުރިޓީ އެޑްވައިޒަރުގެ އިތުރުން އިންޑިޔާގެ ނޭވީ، އާމީ، އަދި އެއާފޯސް ގެ ޗީފުންނާއި އިންޑިޔާގެ ކޯސްޓްގާޑުގެ ޑައިރެކްޓަރު ޖެނަރަލްއާ ވެސް ބައްދަލުކުރައްވުމަށް ވަނީ ހަމަޖެހިފަ އެވެ. އަދި މި ދަތުރުފުޅުގައި އިންޑިޔާގެ ޕޫނާގައި ހުންނަ އާމްޑް ފޯސަސް މެޑިކަލް ކޮލެޖަށާއި، ޕޫނާގައި ހުންނަ ކޮލެޖް އޮފް މިލިޓަރީ އިންޖިނިޔަރިންއަށް ޒިޔާރަތް ކުރައްވައި، މެޑިކަލް ދާއިރާއިންނާއި ސިވިލް އިންޖިނިޔަރިންގް ދާއިރާއިން ދިވެހި ސިފައިން ތަމްރީނު ކުރުމުގެ އިތުރު ފުރުސަތުތައް ހޯއްދެވުމަށް މަސައްކަތްޕުޅު ކުރެއްވުމަށް ވެސް ވަނީ ހަމަޖެހިފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ