މޫސުމަށް ބަދަލު އަންނަކަން ޤަބޫލުނުކުރާ ފަރާތްތަކުން ކުރާ މަސައްކަތުގެ ސަބަބުން، މޫސުމަށް އަންނަމުންދާ ބަދަލުތަކުގެ އެއްވެސް ހެތްކެއް ބަދަލުނުވާ ކަމުގައި ރައީސް ވިދާޅުވެއްޖެ

މޫސުމަށް ބަދަލު އަންނަކަން ޤަބޫލުނުކުރާ ފަރާތްތަކުން ކުރާ މަސައްކަތުގެ ސަބަބުން، މޫސުމަށް އަންނަމުންދާ ބަދަލުތަކުގެ އެއްވެސް ހެތްކެއް ބަދަލުނުވާ ކަމުގައި ރައީސުލްޖުމްހޫރިއްޔާ މުހައްމަދު ނަޝީދު  ވިދާޅުވެއްޖެ އެވެ.އެމަނިކުފާނު މިހެން ވިދާޅުވީ، ދެކުނު ކޮރެއާގެ ހެންސޯ ޔުނިވަރސިޓީގައި މިއަދު މެންދުރުފަހު ތަޤްރީރު ކުރައްވަމުން ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި، މޫސުމަށް ބަދަލު އަންނަމުންދާކަމާއި، އެކަމުގެ ސަބަބުން އިންސާނުންނަށާއި، ދުނިޔޭގެ ދިރުމަށް ކުރިމަތިވެފައިވާ ގޮންޖެހުންތައް ޤަބޫލުނުކުރާ ފަރާތްތައް ރާއްޖެ އައިސް، މިކަމުގެ ހެކިތައް، ލޮލުން ދެކި، އަމިއްލައަށް ތަޖްރިބާ ކުރުމަށް، އެފަދަ ފަރާތްތަކަށް ގޮވާލެއްވިކަމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބުންޏެވެ. އަދި މޫސުމަށް އަންނަ ބަދަލުތަކާ ބެހޭގޮތުން ހޯދިފައިވާ ސައެންސްގެ ހޯދުންތަކާމެދު މިފަދަ ފަރާތްތަކުން މީހުންގެ ހިތްތަކުގައި ޝައްކު އުފެއްދުމަށް ކެނޑިނޭޅި ތަފާތުމަސައްކަތްތައް ކުރަމުންދާއިރު، ރާއްޖޭގެ ރައްޔިތުން ދަނީ މޫސުމަށް އަންނަބަދަލުތަކުގެ ނޭދެވޭ އަސަރުތައް، ކޮންމެ ދުވަހަކު ތަޙައްމަލް ކުރަމުން ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވި ކަމަށް ވެސް ރައީސް އޮފީހުން ބުންޏެވެ.ރައީސުލްޖުމްހޫރިއްޔާގެ ތަޤްރީރުގައި، މޫސުމަށް އަންނަ ބަދަލުތައް ޤަބޫލު ނުކުރާ މަދުބަޔަކު ކުރާ މަސައްކަތަށް އިޖާބަނުދީ، މުސްތަޤްބަލުގެ ޖީލުތަކަށްޓަކައި ދުނިޔެ ޙިމާޔަތްކުރުމަށް ކުރަމުންމިދާ މަސައްކަތައިގެން ކުރިއަށް ދިއުމަށް އެމަނިކުފާނު ގޮވާލައްވާ ގޮވާލެއްވުން ތަކުރާރު ކުރެއްވި އެވެ.ކުރިއަށް އޮތް އ.ދ.ގެ މޫސުމާބެހޭ ބައްދަލުވުމަށް ތައްޔާރުވަމުންދާއިރު،މޫސުމާބެހޭ ފުރިހަމަ އެއްބަސްވުމަކަށް އައުމަށްޓަކައި، މޫސުމާބެހޭ ބަޙުޘްތަކުގައި ތަރައްޤީވެފައިވާ ޤައުމުތަކާއި، ތަރައްޤީވަމުން އަންނަ ޤައުމުތަކުގެ މެދުގައި އުފެދިފައިވާ ދެބަސްވުންތައް ނައްތާލުމުގެ މުހިންމު ކަމުގެ މައްޗަށް ރައީސުލްޖުމްހޫރިއްޔާގެ ތަޤްރީރުގައި އަލިއަޅުއްވާލެއްވި ކަމަށާއި، މޫސުމަށް އަންނަމުންދާ ބަދަލުތަކުގެ ސަބަބުން، ރާއްޖެއަށް ކުރިމަތިވަމުންދާ ގޮންޖެހުންތަކާއި، ކުރިއަށް އޮތް 10 އަހަރު ދުވަހުގެ ތެރޭގައި، ރާއްޖެއަކީ ކާބަން ނިއުޓްރަލް ޤައުމަކަށް ހެއްދެވުމަށް ސަރުކާރުން ހުށަހަޅުއްވާފައިވާ ޕްލޭނާ ބެހޭގޮތުން ރައީސުލްޖުމްހޫރިއްޔާ ވާހަކަފުޅު ދެއްކެވި ކަމަށް ވެސް ރައީސް އޮފީހުން ބުންޏެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ