އިންޑިޔާ ބޭންކަށް ޖަމާ ކުރި ސިލޯން ބޭންކުގެ ޗެކަކަށް ދޫކުރި ފައިސާ ހޯދުމަށް ކުރި ދައުވާ ސާބިތެއް ނުވި

ސްޓޭޓް ބޭންކް އޮފް އިންޑިޔާ [އެސްބީއައި] އަށް ޖަމާ ކުރި ބޭންކް އޮފް ސިލޯންގެ ޗެކަކަށް އެ ބޭންކުން ދޫކުރި ފައިސާ އަނބުރާ ހޯދުމަށް ސިލޯން ބޭންކުން އެސްބީއައިގެ މައްޗަށް ކުރި ދައުވާ ސާބިތުނުވާ ކަމަށް ސިވިލް ކޯޓުން މިއަދު ހުކުމްކޮށްފި އެވެ.
ގާޒީ ހާތިފް ހިލްމީ މިއަދު ކުރެއްވި ހުކުމުގައި ބުނެފައި ވަނީ ޖެނުއަރީ 20، 2010 ގައި ސްރީ ލަންކާގެ ރައްޔިތެއް ކަމަށްވާ އިރުފާން ތާހާ ސިލޯން ބޭންކުގެ 55000 ޑޮލަރު [848،100ރ.] ގެ ޗެކެއް އެސްބީއައި އަށް ޖަމާކޮށްފައިވާ ކަމަށް ދައުވާގައި ބުނާ ކަމަށެވެ. ސިލޯން ބޭންކުން އިންޑިޔާ ބޭންކަށް އެ ޗެކަށްވާ ފައިސާ ދޫކޮށްފައި ވަނީ ބޭންކް އޮފް މޯލްޑިވްސް [ބީއެމްއެލް] ގެ ބޭންކް ގެރެންޓީ ޖަހާފައިވާ 65،000 ޑޮލަރު [1،002،300ރ.] ގެ ޗެކެއް ސިލޯން ބޭންކަށް އިރުފާން ޖަމާކޮށްފައިވާތީ ކަމަށް އެ ދައުވާގައި ބުނާ ކަމަށް ވެސް ހުކުމުގައިވެ އެވެ.
އެ ހުކުމުގައި ބުނެފައި ވަނީ ސިލޯން ބޭންކުން އިންޑިޔާ ބޭންކަށް ފައިސާ ދޫކުރި ފަހުން ބޭންކް ގެރެންޓީ ޖަހާފައި ވަނީ ސީމެކްސް ގްރޫޕް އޮފް ކޮމްޕެނީސް އާއި އިރުފާނާ ދެ ފަރާތުން މަކަރާ ހީލަތް ހަދައިގެން ކަމަށް އެނގިފައިވާ ކަމަށް ސިލޯން ބޭންކުން ބުނާ ކަމަށެވެ. އަދި ބޭންކް ގެރެންޓީ ޖަހާފައި ވަނީ މަކަރާ ހީލަތް ހަދައިގެންކަން ސިލޯން ބޭންކަށް އެނގުނީ ބީއެމްއެލްގެ ބޭންކް ގެރެންޓީ ޖަހާފައިވާ ޗެކު ދޫކޮށްފައިވާ އެކައުންޓުގައި ފައިސާ ނެތް ކަމަށް ބީއެމްއެލް އިން ބުނުމުން ސިލޯން ބޭންކުން ބުނާ ކަމަށް ހުކުމުގައިވެ އެވެ.
އެހެންކަމުން އެއީ ވަރަށް ބޮޑު އޮޅުވާލުމެއްގެ ތެރޭގައި ކޮށްފައިވާ ކަމެއް ކަމަށް ބުނެ އެ ފައިސާ އަނބުރާ ހޯދުމަށް ސިލޯން ބޭންކުން އެދިފައިވާ ކަމަށް ހުކުމުގައިވެ އެވެ. ނަމަވެސް އެ މައްސަލައިގައި އެސްބީއައިގެ އިހުމާލެއް ނެތް ކަމުން ސިލޯން ބޭންކުން ހޯދުމަށް އެދިފައިވާ ފައިސާއާމެދު އެސްބީއައި އިން ޒިންމާވާންނުޖެހޭނެ ކަމަށް ވެސް އެ ހުކުމުގައިވެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ