ޝާހު: ދަރިފުޅު އާރްޔާން ފިލްމު ކުޅުމަށް ޝައުގުވެރިކަމެއް ނެތް!

އަލަށް ފިލްމީ ދުނިޔެއަށް ތައާރަފުވާ ތަރިންގެ ތެރޭގައި ޝާހުރުކް ޚާންގެ ދެ ދަރިން ކަމަށްވާ އާރްޔާން ޚާންއާއި ސުހާނާ ޚާން ހިމެނޭނެ ކަމަށް ވަރަށް ގިނަ ބަޔަކު އުއްމީދު ކުރިއެވެ.
އަދި އެ ދެ ކުދިންގެ މޫނު ވަރަށް އަވަސް މުސްތަގުބަލެއްގައި ފިލްމަކުން ފެނިގެންދާނެ ކަމަށްވެސް ވަރަށް ގިނަ ބަޔަކު އުއްމީދު ކުރެއެވެ. އެހެންނަމަވެސް އެ ފަރާތްތަކަށް ދޭން އޮތީ ވަރަށް ހިތާމަވެރި ހަބަރެކެވެ.
އާރްޔާން އަދި ސުހާނާވެސް އަވަސް މުސްތަގުބަލެއްގައި ފިލްމަކުން ނުފެންނާނެއެވެ.
ޝާހުއާ ހަވާލާދީ އިންޑިއާގެ ނޫސްތަކުން ބުނާ ގޮތުން ނަމަ އާރްޔާން، ފިލްމު ކުޅުމަށް އެއްވެސް ޝައުގުވެރިކަމެއް ނެތެވެ. ފިލްމު އުފެއްދުމާ ބެހޭގޮތުން މިހާރު އެމެރިކާގައި ތައުލީމު ހާސިލު ކުރަމުން އަންނަ އާރްޔާން ބޭނުންވަނީ ޑައިރެކްޓަރަކަށް ވުމަށް ކަމަށްވެސް ޝާހުއާ ހަވާލާދީ ހަބަރުތައް ބުނެއެވެ.
ހަމައެހެންމެ، އެކްޓަރަކަށް ވުމުގެ ޝައުގުވެރިކަން ހުރި ސުހާނާ ފިލްމީ ދުނިޔެއަށް ނުކުންނާނީ ސުކޫލް ނިންމުމަށްފަހު، އެކްޓިންގ އާ ބެހޭގޮތުން ތިން ހަތަރު ވަރަކަށް އަހަރު ތައުލީމު ހާސިލު ކުރުމަށް ފަހުގައި ކަމަށްވެސް ޝާހުއާ ހަވާލާދީ ހަބަރުތައް ބުނެއެވެ.
ކޮންމެއަކަސް މި ހަބަރު ވެގެންދާނީ އާރްޔަން އާ މެދު ފޮނި އުއްމީދުތައް ކުރި ފަރާތްތަކަށް ވަރަށްވެސް ހިތާމަވެރި ހަބަރަކަށެވެ. އަދި އަވަސް މުސްތަގުބަލެއްގައި ސުހާނާގެ ފިލްމެއް ދެކި ލުމަށް ލިބޭނެކަމުގެ ފޮނި އިންތިޒާރުގައި ތިބި މީހުންނަށްވެސް ލިބުނު މާޔޫސްކަމަކަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ