"ދަ ހޯންޓިންގް އޮފް ހިލް ހައުސް": ނެޓްފްލިކްސްއިން ބިރުވެރި ހުވަފެނެއް

2018 ވަނަ އަހަރުގެ އޮކްޓޯބަރ މަހު އާންމުންނާ ހަމަޔަށް މަޤްބޫލް އޮންލައިން ސްޓްރީމިންގް ސާރވިސް ކަމަށްވާ ނެޓްފލިކްސިން ވަނީ އާދަޔާޚިލާފު އަމިއްލަ އުފެއްދުމެއް ގެނެސްދީފައެވެ.
އެމެރިކާގެ ލިޔުންތެރިޔެއް ކަމަށްވާ ޝާރލީ ޖެކްސަން 1959 ގައި "ދަ ހޯންޓިންގް އޮފް ހިލް ހައުސް" ނަމުން ލިޔެފައިވާ ފޮތެއްގެ މައްޗަށް ބިނާކޮށް ތައްޔާރުކުރެވުނު މި 10 އެޕިސޯޑުގެ ސީރީޒް އަކީ، އާއިލާއަކަށް މެދުވެރިވާ ތަފާތު ބިރުވެރި، ނާމާން ހާދިސާތަކެއް ދައްކުވަިދޭ އުފެއްދުމެކެވެ.
އަސްލު ފޮތާއި މި ސީރީޒްގަ ފެނިގެންދާ ކަންތައްތަކުގެ ތެރޭގައި ބޮޑެތި ތަފާތުތަކެއް ފާހަގަކުރެވޭއިރު، މި ސީރީޒްގައި ބިރުވެރި މަންޒަރުތަކުގެ އިތުރުން، އާއިލީ ތަފާތު ތަޖުރިބާތަކާއި އިހްސާސްތައްވެސް ވަނީ ވަރަށް މޮޅު ގޮތަކަށް ދައްކުވައިދީފައެވެ.
ފަންނުވެރިން މި އުފެއްދުމުގެ ޑައިރެކްޝަނަށާއި ޕްރޮޑަކްޝަނަށް ތަޢުރީފް ކުރަމުންދާއިރު، ހިލް ހައުސް ގެ މުޅި ވާހަކަ ބިނާވެފަ މި ވަނީ އާއިލާއަކަށް "ހޯންޓެޑް" ގެއެއްގެ ސަބަބުން ދިމާވާ އެކި އުނދަގޫތަކެއްގެ މައްޗަށެވެ. އަދި ދުނިޔޭގެ އެހެން ހުރިހާ އާއިލާތަކެކޭ އެއްފަދައިން، އެމީހުން އެކަކު އަނެކަކާ ޖެހޭ މައްސަލަތަކުގެ އިތުރުން، އެ އާއިލާގެ ކުދިން ބޮޑުވަމުން އަންނަ އިރު އެމީހުންގެ ދިރިއުޅުމުގައި ކުރިމަތިވާ ކަންތައްވެސްް މި ސީރީޒުން ފެނިގެންދާނެއެވެ.
މިފަދަ އުފެއްދުންތަކުގެ މާހިރުން ދެކޭގޮތުގައި މި ސީރީޒް މޮޅުވަނީ ކޮންމެހެން މާ ބޮޑަށް ބިރުވެރި ވެގެނެއްވެސް ނޫނެވެ.
އެއާ ޚިލާފަށް ގިނަ ބަޔަކު ޤަބޫލުކުރާ ގޮތުގައި، "ހިލް ހައުސް"ގެ މަންޒަރުތައް ބެލުންތެރިންނަށް އެހާ ކަމުދަނީ އާއިލީ ގުޅުންތަކާއި، ސީރީޒް ގަ ފެނިގެންދާ 5 އެއްބަނޑު އެއްބަފާ ކުދިން އަދި އެމީހުންގެ މައިންބަފައިންގެ މެދު ހިނގާދާ ކަންތައްތައް ދައްކުވައިދޭ އަސަރުގަދަ ގޮތުންނެވެ.
"ދަ ހޯންޓިންގް އޮފް ހިލް ހައުސް" ގެ ވަކި ވަކި ޝޮޓުތަކުން ބެލުންތެރިޔާއަށް ސިފަވަނީ، ޓީވީ ތަކުން ފެނި ފެނި ބާވެފަ އޮތް އެއްކަލަ "ނާމާން" ގެއެއްގެ ވާހަކައަށް އައު ކުލަވަރެއް ޖެހި، ތަފާތު ދިރުމެއް އަންނަ ތަނެވެ.
މައިކް ފްލެނަގަން ޑައިރެކްޓް ކޮށްފައިވާ "ދަ ހޯންޓިންގް އޮފް ހިލް ހައުސް" ގެ އެޕިސޯޑުތައް ބެލުންތެރިންނަށް ނެޓްފްލިކްސުން ސްޓްރީމްކުރެވެން ހުންނާނެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ