އަދީބުގެ މައްސަލާގައި ރައީސާއި ތިން ލީޑަރުންނާ ބައްދަލުކުުރުމަށް އާއިލާއިން އެދިއްޖެ

ކުރީގެ ނައިބްރައީސް އަހްމަދު އަދީބަށް ބޭނުންވާ ބޭސްފަރުވާއަށް ހުރަސްއަޅަމުންދާ ކަމަށް އާއިލާއަށް ގަބޫލުކުރެވޭތީ ރައީސް އިބްރާހިމް މުހައްމަދު ސާލިހާއި، އިއްތިހާދުގައި ހިމެނޭ ލީޑަރުންގެ ތެރެއިން ތިން ލީޑަރުންނާ މަޝްވަރާކުުރުމަށް ބައްދަލުކުރެވޭނެ އިންތިޒާމެއް ހަމަޖައްސައިދިނުމަށް އާއިލާއިން އެދިއްޖެ އެވެ.
މިކަން ހާމަކޮށް އަދީބުގެ އާއިލާއިން ނެރެފައިވާ ބަޔާނެއްގައި ބުނެފައިވަނީ 10 ބޭފުޅަކާއި ބައްދަލުކުރުމަށް އެދި ހުށަހަޅާފައިވާ ކަމަށެވެ.
އެއީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞޯލިހާއި، ރައްޔިތުންގެ މަޖިލީހުގެ ރައީސް ގާސިމް އިބްރާހިމާއި، ކުރީގެ ރައީސް މުހައްމަދު ނަޝީދާއި، ކުރީގެ ރައީސް އަލްއުސްތާޛް މައުމޫން އަބްދުލް ޤައްޔޫމާއި، އެކްޓިން ކޮމިޝަނަ އޮފް ޕޮލިސް މުހައްމަދު ހަމީދާއި، އެންޓި-ކޮރަޕްޝަން ކޮމިޝަންގެ ރައީސް ހަސަން ލަތީފާއި، މިނިސްޓަރ އޮފް ހެލްތު އަބްދުﷲ އަމީންއާ ކަމަށެވެ. އަދި ނެޝަނަލް އިންޓެގްރިޓީ ކޮމިޝަނާއި، މޯލްޑިވްސް މެޑިކަލް ކައުންސިލާއި ބައްދަލުކުރުމަށް އެދިފައިވާނެ ކަަމަށްވެސް އަދީބުގެ އާއިލާއިން ބުނެ އެވެ.
އާއިލާއިން ބުނީ އަދީބުގެ ސިއްހީ ހާލަތު ގޯސްވެ، ކުއްލި ހާލަތުގައި އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލުގައި އެޑްމިޓްކުރެވި ފަރުވާދެމުން ދަނިކޮށް، ތަފާތު ނުފޫޒުތަކެއް ޑޮކްޓަރަށް މެދުވެރިވި ކަމަށާއި އަދި މަޖުބޫރީ ހާލަތެއް ކުރިމަތިވި ކަމަށް ވިދާޅުވެ ފަރުވާ ފުރިހަމަވުމުގެ ކުރިން ހޮސްޕިޓަލުން ދޫކޮށްލުމަށްފަހު އަބުރާ ޖަލަށް ގެންގޮސްފައިވާ ކަމަށެވެ.
މިބޭފުޅުންނާ ބައްދަލުކުރެއްވުމަށް ހުށަހެޅުއްވީ މި މައްސަލައިގައި ހުރި ކަންބޮޑުވުންތަކާއި އަދި އަދީބުގެ ބޭސްފަރުވާއަށް ހޯމް މިނިސްޓަރު އައްޝައިޚް އިމްރާން އަބްދުﷲ ހުރަސް އަޅުއްވަމުން ގެންދަވާތީ ކަމަށްވެސް އަދީބުގެ އާއިލާއިން ބުނެ އެވެ.
އާއިލާއިން ބުނީ އަދީބަކީ ބޭއިންސާފުން 33 އަހަރުގެ ޖަލު ހުކުމެއްގައިވާ ފަރާތެއް ނަމަވެސް، ބޭސްފަރުވާގެ ހައްގަކީ އިންސާނީ ހައްގެއް ކަމަށެވެ. އަދީބަށް ކުރެވިފައިވާ ސިޔާސީ ޖަލު ހުކުމަކީ އަދީބުގެ ބޭސްފަރުވާގެ ކަންކަމާއި އަޅުވާ ކިޔޭނެ ކަމެއް ނޫން ކަމަށްވެސް އާއިލާ އިން ބުނެ އެވެ. އަދި އާއިލާގެ ފަރާތުން އެދިފައިވާ ގޮތަށް މިބޭފުޅުންނާއި ބައްދަލުކުރެވޭނެ ކަމަށް އުއްމީދު ކުރާ ކަމަށްވެސް އަދީބްގެ އާއިލާ އިން ވަނީ ބުނެފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ