ރިޒާގެ ކުންފުންޏަށް އިތުރަށް ވެސް ފައިސާ ދީފައިވާނެ، މުވައްޒަފުންނަށް މުސާރަ ނުދެވެންވީ ސަބަބެއް ނެތް: ސީލް

ބ. އަތޮޅުގައި ރިސޯޓެއްގެ ގޮތުގައި ތަރައްގީކުރަމުން އަންނަ ބޮޑުފިނޮޅުގައި ތިބި ރިޒް ކުންފުނީގެ ބިދޭސީ މުވައްޒަފުން ހަމަނުޖެހުން ހިންގީ ރަށް ތަރައްގީކުރާ ސީލް މޯލްޑިވްސް އިން ފައިސާ ނުދޭތީ ކަމަށް ބުނެ ރިޒް ކުންފުނީގެ ގާނޫނީ ވަކީލުން ކަމަށްވާ ލޯކްރާފްޓުން ނެރުނު ބަޔާނަށް ސީލްގެ ވަކީލުން ރައްދު ދީފިއެވެ.
ރައްޔިތުންގެ މަޖިލީހުގެ މިލަންދޫ ދާއިރާގެ އެމްޑީޕީ މެމްބަރު އަލީ ރިޒާގެ ކުންފުނި، ރިޒްގެ ވަކީލުން ރޭ ނެރުނު ބަޔާނެއްގައި ބުނީ، ބިދޭސީންގެ މުސާރަ އާއި ކެއުންބުއިމުގެ ހުރިހާ ހަރަދެއް ކުރަން ޖެހޭނީ ސީލް ކުންފުނިން ކަމަށެވެ. އެގޮތުން ދިވެހިންނާއި ބިދޭސީންނާއެކު 200 އެއްހާ މީހުން ލައްވައި ބޮޑުފިނޮޅުގައި މަސައްކަތް ކުރުވާ އިރު، މަސައްކަތު މީހުންނަށް މަހަކު 7،000 ރުފިޔާގެ މުސާރައަކާއި ކެއުންބުއިމަށް ދުވާލަކަށް 40 ރުފިޔާ ދޭން، ސީލް އިން އެއްބަސްވެފައިވާ ކަމަށް ވެސް ރިޒްގެ ވަކީލުން ނެރުނު ބަޔާނުގައިވެއެވެ.
ނަމަވެސް މި އަހަރުގެ ޖަނަވަރީން ފެށިގެން ހަތަރު މަހަށް ވުރެ ގިނަ ދުވަހަށް، މުވައްޒަފުންނަށް ޖެހޭ ހަރަދު ސީލް އިން ދީފައިނުވާ ކަމަށާއި ރަށުގައި ހަމަނުޖެހުން ހިންގަން ފެށީ ރިސޯޓުގެ މަސައްކަތުގައި ސީލުން ގެންގުޅޭ މުވައްޒަފުންނަށް ބަރާބަރަށް މުސާރަ ދިން ނަމަވެސް ރިޒްގެ މީހުންނަށް މުސާރަ ނުލިބޭތީ ކަމަށް ވެސް އެކުންފުނީގެ ގާނޫނީ ވަކީލުން ބުނެފައިވެއެވެ.
އެވާހަކަތަކަށް ރައްދުދީ ސީލް މޯލްޑިވްސް ތަމްސީލްކުރާ އެޑްވޮކަސީ ޗެމްބާސް އިން ނެރުނު ބަޔާނުގައި ބުނީ ރިޒްއާއެކު ދެ އެއްބަސްވުމެއްގައި ސޮއިކޮށްފައިވާއިރު އެއްބަސްވުންތަކުގައި ބަޔާންކޮށްފައިވާ މަސައްކަތްތައް އެއްކޮށް ފުރިހަމަކޮށް ނިމުމުން، ސީލް އިން ރިޒް އަށް ދައްކަންޖެހެނީ ޖުމްލަ 12،332،765 ރުފިޔާ ކަމަށެވެ. ނަމަވެސް ސީލްގެ ފަރާތުން ރިޒް އަށް ދައްކާފައިވާ ފައިސާތަކަށް ބަލާއިރު މިހާތަނަށް 21,773,338 މިލިއަން ރުފިޔާ ދައްކާފައިވާނެ ކަމަށް ބަޔާނުގައިވެއެވެ.
ސީލްގެ ވަކީލުން އިތުރަށް ބުނީ، ދެފަރާތުގެ ދެމެދުގައިވެފައިވާ ކަމަށް ލޯކްރާފްޓުގެ ފަރާތުން ބަޔާންކޮށްފައިވާ ދެ އެއްބަސްވުމުގައި ވެސް ރިޒްގެ މުވައްޒަފުންގެ މަހު މުސާރައިގެ އިތުރުން މުވައްޒަފުން އިންޝުއާކޮށް މުވައްޒަފުންގެ ބޭސް ފަރުވާ އާއި ވިސާ ނެގުންފަދަ އެންމެހާ ކަންކަމެއް ބަލަހައްޓައި އެކަމުގެ ހަރަދު ކުރާނީ އެކުންފުނިން ކަމަށް ބުނެފައިވާނެ ކަމަށެވެ.
އޭގެ އިތުރުން ރިޒްގެ މުވައްޒަފުންނަށް މުސާރަ ދިނުމަކީ އެކުންފުނީގެ ޒިންމާއެއް ކަމަށާއި އެކުންފުނީގެ ދަށުން 7،000 ރުފިޔާގެ ރޭޓުން ސީލް އިން ރިޒްއަށް ފައިސާ ދައްކަންޖެހޭނެ ކަމަށް އެއްބަސްވުމުގައި ބަޔާންކޮށްފައިވާއިރު 21 މިލިއަނަށްވުރެ ގިނަ ރުފިޔާ މިހާރު ވެސް ސީލްގެ ފަރާތުން ރިޒްއަށް ދައްކާފައިވުމުން، 200 އެއްހާ މުވައްޒަފުންނަށް ފައިސާ ނުދެވެންވީ ސަބަބެއް ނުވިސްނޭ ކަމަށް ވެސް ސީލްގެ ވަކީލުން ބުނެފައިވެއެވެ.
ރިޒް ކުންފުނީގެ ވަކީލުންގެ ބަޔާނުގައި، ބޮޑުފިނޮޅުގައި ތިބި މުވައްޒަފުން ޓްރެފިކް ކުރުވުން ކަމަށް ބެލެވިދާނެ ކަމަށް ބަޔާންކޮށްފައިވާތީ އެކަމަށް ވެސް ސީލްގެ ވަކީލުން ވަނީ ރައްދު ދީފައެވެ.
އެގޮތުން މުވައްޒަފުންނަކީ ރިޒްގެ މުވައްޒަފުން ކަމަށާއި އަދި މުޒާހަރާކޮށް މާރާމާރީ ހިންގައި ހެވީ މެޝިނަރީތަކަށް ގެއްލުން ދިނުމާ ގުޅިގެން ފުލުހުންގެ ފަރާތުން ރަށަށް ގޮސް، ރިޒްގެ މުވައްޒަފުންގެ އަތުގައި ޑޮކިއުމަންޓްތައް ނެތުމުގެ ސަބަބުން އެމީހުންނާމެދު ފިޔަވަޅު އެޅުމުގައި ދަތިތަކެއް ހުރި ކަމަށް ސީލްގެ ވަކީލުން ބުނެއެވެ.
އޭގެ އިތުރުން އެކަން އިތުރަށް ބެލި ބެލުމުން، ދެފަރާތުގެ ދެމެދުގައި ވެފައިވާ އެއްބަސްވުމުގެ ދަށުން މުވައްޒަފުން އިންޝުއަރެންސް ކަންކަން ވެސް ރިޒްގެ ފަރާތުން ފުރިހަމަ ކޮށްފައިނުވާ ކަމަށާއި ވޯކް ވިސާ ވެސް އޭގެ ތެރެއިން ގިނަ މުވައްޒަފުންގެ އަތުގައި ނެތްކަން ސީލްއަށް ފާހަގަކުރެވިފައިވާ ކަމަށް ވެސް ވަކީލުންގެ ބަޔާނުގައި ބުނެފައިވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ