2036ވަނަ އަހަރާ ހަމައަށް ވެރިކަމުގައި ޕުޓިން ހުންނަވަން ރައްޔިތުން ތާޢީދު

ރަޝިޔާގެ ރައީސް ވްލަޑްމީރު ޕުޓިންއަށް ވެރިކަމުގެ އިތުރު ދަޢުރަކަށް ކުރިމަތިލެއްވޭނެ ގޮތަށް އެ ޤައުމުގެ ޤާނޫނުއަސާސީ ބަދަލު ކުރުމަށް އެ ޤައުމުގެ ރައްޔިތުން ރުހުންދީފިއެވެ.
ރަޝިޔާގެ ޤާނޫނުއަސާސީއަށް ގެންނަ ބަދަލުތަކުގެ ތެރޭގައި 6 އަހަރު ދުވަހުގެ އިތުރު ދެ ދަޢުރަށް ރައީސްގެ މަޤާމުގައި ހުންނެވުމަށް ޕުޓިންނަށް މަގުފަހިވާގޮތަށް ހުށަހަޅާފައިވާ ބަދަލެއް ހިމެނެއެވެ. އެ ހުށަހެޅުން ފާސްވުމުން ފާއިތުވި 20 އަހަރު ރަޝިޔާގެ ވެރިކަމުގައި ހުންނެވި ޕުޓިންގެ ހަތަރުވަނަ ދަޢުރު 2024ވަނަ އަހަރު ހަމަވުމުން އަލުން އިތުރު ދެ ދަޢުރަށް ކުރިމަތިލެއްވޭނެއެވެ. އިދިކޮޅު ފަރާތްތަކުން ބުނާ ގޮތުގައި ޤާނޫނުއަސާސީއަށް ބަދަލު ގެނައުމުގެ ބޭނުމަކީ 2036ވަނަ އަހަރާ ހަމައަށް ރައީސްގެ މަޤާމުގައި ޕުޓިން ހުންނެވުންކަމަށާއި އެގޮތަށް އެކަން ކުރުމަކީ ދުސްތޫރީ ބަޣާވާތެއް ޕުޓިން ކުރެއްވުންކަމަށެވެ.
ރަޝިޔާގެ ޤާނޫނުއަސާސީއަށް ބަދަލު ގެންނަން ފެނޭތޯ ބެލުމަށް ޖޫން މަހުގެ 25ވަނަ ދުވަހުން ޖުލައި މަހުގެ 1ވަނަ ދުވަހަށް ނެގި ފެންނަ ނުފެންނަ ވޯޓުގައި އައު ދަޢުރަކަށް ރައީސް ޕުޓިންނަށް ކުރިމަތިލެއްވޭނެ ގޮތަށް ޤާނޫނުއަސާސީ އިޞްލާހުކުރުމަށް ވޯޓުގައި ބައިވެރިވި މީހުންގެ ބޮޑު އަޤުލަބިއްޔަތެއްވަނީ ތާޢީދުކޮށްފައެވެ. ވޯޓުލުމުގެ ހައްޤު ލިބިފައިވާ މީހުންގެ 65 އިންސައްތަވަނީ ފެންނަ ނުފެންނަ ވޯޓުގައި ބައިވެރިވެފައެވެ. ޤާނޫނުއަސާސީ ބަދަލުކުރުމަށް ތާޢީދުކުރާކަމަށް ދުނިޔޭގެ އެންމެ ބޮޑު ޤައުމުގެ 78 އިންސައްތަ މީހުން ވޯޓު ދީފައިވާކަން ވޯޓުގެ 98 އިންސައްތަ ގުނުމުންވަނީ ޔަޤީންވެފައެވެ. އެ ބަދަލު ގެނައުމާ ދެކޮޅަށް ވޯޓު ދިނީ 21 އިންސައްތަ މީހުންނެވެ.
ރަޝިޔާގެ އިންތިޚާބާބެހޭ ކޮމިޝަނުން ބުނީ ވޯޓުލުމުގެ މަރުހަލާ ކުރިއަށް ގެންގޮސްފައިވަނީ ދެ ފުށް ފެންނަ ގޮތަކަށްކަމަށާއި ވޯޓުގެ ނަތީޖާގެ ސައްޙަކަން ކަށަވަރުކުރުމަށް ރަސްމީ ފަރާތްތަކުން ކުރަންޖެހޭ ހުރިހާ މަސައްކަތެއް ކޮށްފައިވާކަމަށެވެ. ނަމަވެސް އިދިކޮޅު ސިޔާސީވެރިޔާ އެލެކްސީ ނަވަންނީ ވިދާޅުވީ އެ ވޯޓަކީ ވެރިކަމުގައި މުޅި ޢުމުރަށް ޕުޓިންނަށް ހުންނެވޭނެ ގޮތް މަގުފަހިކުރެއްވުމަށް ނެގި ޤާނޫނާ ޚިލާފު ވޯޓެއްކަމަށެވެ. އަދި އެ ވޯޓުގެ ނަތީޖާ ބަލައިނުގަންނާނެކަށްވެސް އޭނާ ވިދާޅުވިއެވެ.
އެލެކްސީ ނަވަންނީ ވިދާޅުވީ ކޯވިޑް-19 ފެތުރޭތީ ވޯޓުގެ ނަތީޖާއާ ގުޅޭގޮތުން މުޒާހަރާކުރަން އިދިކޮޅުން ނުވިސްނާކަމަށެވެ. ނަމަވެސް އިދިކޮޅު ކެންޑިޑޭޓުންނަށް ސަރަޙައްދީ އިންތިޚާބުގައި ބައިވެރިވުމަށް ހުރަސްއަޅާނަމަ ނުވަތަ އެ އިންތިޚާބުގެ ނަތީޖާ ބަދަލުކޮށްފިނަމަ ގިނަ ޢަދަދެއްގެ މީހުން އެއްވެ މުޒާހަރާކުރާނެކަމަށް އޭނާ ވިދާޅުވިއެވެ. ނަވަންނީ ވިދާޅުވީ ޕުޓިންގެ އެންމެ ބޮޑު ބިރަކީ ރައްޔިތުން މަގުމައްޗަށް ނުކުތުންކަމަށާއި މިލިޔަނުން މީހުން އެއްވެގެން މެނުވީ ވެރިކަމުން ޕުޓިން ދުރަށްވަޑައިނުގަންނަވާނެކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ