ޝިޕިން ގަވާއިދު އުވާލީ އިސްލާހު ކުރަން: ޓްރާންސްޕޯޓު

ދިވެހި ރާއްޖޭގެ ޝިޕިން އެޖެންސީގެ ހިދުމަތް ދިނުމާބެހޭ ގަވާއިދު އުވާލީ އިސްލާހު ކުރަން ކަމަށް ޓްރާންސްޕޯޓް މިނިސްޓްރީން ބުނެފި އެވެ.
ދިވެހި ޝިޕިން އެޖެންޓުންގެ ގަވައިދު އުވާލުމާ ގުޅިގެން 70 އަށްވުރެ ގިނަ ވިޔަފާރިވެރިން ގުޅިގެން، އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަށް ރޭ ވަނީ މައްސަލައެއް ހުށަހަޅައިފަ އެވެ.
މިކަމާއި ގުޅިގެން ޓްރާންސްޕޯޓު މިނިސްޓްރީން ބުނީ މިނިސްޓަރު އައިޝަތު ނަހުލާ އެ ގަވައިދު އުވާލެއްވީ ރައްޔިތުންގެ މަޖިލީހުގެ އިގްތިސޯދީ ކޮމިޓީގެ ވެސް ލަފާގެ މަތިން ކަމަށެވެ.
ރާއްޖޭގައި ހިދުމަތް ދޭ ހުރިހާ ޝިޕިން އެޖެންސީތަކެއް ޓްރާންސްޕޯޓް އޮތޯރިޓީގައި ރަޖިސްޓްރީ ކުރަން ލާޒިމްކޮށް ގަވާއިދެއް އެކުލަވާލީ މިދިޔަ ޖުލައި މަހުގެ 16 ވަނަ ދުވަހު އެވެ. ނަމަވެސް މިމަހުގެ 17 ވަނަ ދުވަހު އެ ގަވާއިދު ވަނީ އުވާލައިފަ އެވެ.
ގަވާއިދު އުވާލަން ނިންމި ސަބަބެއް ކަމަށް ޓްރާންސްޕޯޓް މިނިސްޓްރީން އޭރު ބުނީ، އެ ގަވާއިދާ ގުޅިގެން ދާއިރާގައި މަސައްކަތް ކުރާ ފަރާތްތަކުން ގަވާއިދުގައި މައްސަލަތަކެއް ހުރިކަން ފާހަގަކޮށް ކަންބޮޑުވުން ފާޅުކޮށްފައި ވުމާއި އެ ގަވާއިދުގައި ބައިނަލްއަގްވާމީ މިންގަޑުތަކާއި ތައާރަޒުވާ ޓެކްނިކަލް މައްސަލަތަކެއް ހުރުމުން ގަވާއިދު މުރާޖާކުރުމަށް ޓަކައި ކަމަށެވެ.
ރޭ އޭސީސީއަށް ފޮނުވި ސިޓީގައި ބުނެފައިވަނީ ޝިޕިން އެޖެންސީތައް ރެގިޔުލޭޓު ކުުރުމަށްޓަކާ މޯލްޑިވްސް ޓްރާންސްޕޯޓު އޮތޯރިޓީ އިން 16 ޖުލައި 2020 ވަނަ ދުވަހު ގެޒެޓުކުރި ޝިޕިން އެޖެންސީގެ ހިދުމަތް ދިނުމާ ބެހޭ ގަވައިދު ތަންފީޒު ކުރުމަށް މިނިސްޓްރީ އިން އެއްވެސް މަސައްކަތެއް ކޮށްފައިނުވާ ކަމަށާއި އަދި އެ ގަވައިދު ތަންފީޒު ނުކުރެވޭ ކަމުގެ ޝަކުވާ ތަކުރާރުކޮށް މިނިސްޓްރީ އަށް ހުށަހަޅާފައިވާ ކަމަށެވެ.
އެގޮތުން އެ ގަވައިދު ހިންގާނީ ޓްރާންސްޕޯޓު އޮތޯރިޓީ އިން ނުވަތަ ކަނޑު ދަތުރުފަތުރުގެ ކަންތައް ބެލެހެއްޓުމުގެ ކަންތައް ބަލަހައްޓާ މިނިސްޓްރީ އިން ކަން އެނގެން އޮންނަ ކަމަށާއި އެ ގަވައިދު އުވާލާ ޝިޕިން އެޖެންސީތަކަށް އަލުން ފައިސާ ނެގޭނެ ގޮތް ހަމަޖެއްސުމަށް އިންޓާނަލް މެމޯއަކުން މިނިސްޓަރު ޓްރަންސްޕޯޓު އޮތޯރިޓީގެ ބޯޑަށް އަންގާފައިވާ ކަމަށެވެ.
އަދި ގަވައިދު ތަންފީޒު ނުކުރެވޭތީ، ގަވައިދު ތަންފީޒު ކުރުމުގެ ގޮތުން ބޯޑުން މިނިސްޓްރީ އަށް އެކަން ތަކުރާރުކޮށް އަންގާފައިވާ ކަމުގެ މައުލޫމާތުވެސް ލިބިފައިވާ ކަމަށް އެ ސިޓީގައި ބުނެފައިވެއެވެ.
އެ ސިޓީގައި ބުނީ ޓްރާންސްޕޯޓު އޮތޯރިޓީގެ ގާނޫނުގެ 14 ވަނަ މާއްދާގައި އެ ގާނޫނު ތަންފީޒުކުރުމުގެ ގޮތުން ކަނޑައަޅަންޖެހޭ އުސޫލުތައް ކަނޑައެޅުމާއި ގަވައިދުތައް ހެދުމަކީ ޓްރާންސްޕޯޓު އޮތޯރިޓީގެ ބޯޑުގެ މަސްއޫލިއްޔަތެއް ނަމަވެސް ޓްރާންސްޕޯޓު އޮތޯރިޓީ ހިންގުމާއި އަދި އެ އޮތޯރިޓީ އިން ހަދަންޖެހޭ ގާނޫނުތަކާއި ގަވައިދުތައް ހެދުމާއި އެ ގާނޫނުތަކާއި ގަވައިދުތައް ބާތިލް ކުރުމަކީ އެ އޮތޯރިޓީގެ ބޯޑުން ކުރަން ޖެހޭ ކަމެއްކަމަށާއި އެއްވެސް ހާލަތެއްގައި ބޯޑުން ފާސްކުރުމެއް ނެތި އެއިރަކު މިނިސްޓަރަކަށް ހުންނަވާ ބޭފުޅަކަށް ފެނިވަޑައިގަންނަވާ ގޮތަށް ކުރެވޭނެ ކަމެއް ނޫން ކަމަށް ބުނެފައިވެއެވެ.
ނަމަވެސް ޝިޕިން އެޖެންޓުންނާ ބެހޭ ގަވައިދު ބާތިލްކޮށްފައިވަނީ އެ އޮތޯރިޓީގެ ބޯޑުން ފާސް ކުރުމެއް ނެތި ކަމަށާއި އެ އޮތޯރިޓީގެ ބަހެއް ނެތި މިނިސްޓަރު އަމިއްލަފުޅަށް ގަވައިދު އުވާލައްވާފައިވަނީ މަގާމުގެ ނުފޫޒު ބޭނުންކުރައްވައިގެން ނާޖައިޒުފައިދާއެއް ހޯދައިދިނުމަށް ކަމަށް ފެންނާތީ އެ މައްސަލަ ބަލައިދިނުމަށް އެދި އޭސީސީ ގައި ވަނީ އެދިފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ