ޔޫރަޕްގެ މޮޅު ކުޅުންތެރިޔާގެ މަގާމު ލެވަންޑޯސްކީ އަށް

ޖެނީވާ، ސްވިޒަލެންޑް (އޮކްޓޫބަރު 1) - މިިދިޔަ ސީޒަނުގެ ޔޫރަޕްގެ އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާގެ މަގާމު ބަޔާން މިއުނިކްގެ ޕޮލެންޑް ފޯވާޑް ރޮބަޓް ލެވަންޑޯސްކީ ހޯދައިފި އެވެ.
އެންމެ މޮޅު ކުޅުންތެރިޔާ އަށް ލެވަންޑޯސްކީއާ ވާދަކުރީ ޗެމްޕިއަންސް ލީގުގެ އެންމެ މޮޅު ކީޕަރުގެ މަގާމު ހޯދި ބަޔާންގެ މެނުއަލް ނޯޔާ އާއި އެންމެ މޮޅު މިޑްފީލްޑަރުގެ މަގާމު ހޯދި މެންޗެސްޓާ ސިޓީގެ ބެލްޖިއަމް މިޑްފީލްޑަރު ކެވިން ޑިބްރޭނާ އެވެ.
މިއީ މިދިޔަ 15 އަހަރު ތެރޭ މި އެވޯޑަށް ޔުވެންޓަސްގެ ކްރިސްޓިއާނޯ ރޮނާލްޑޯ އާއި ބާސެލޯނާގެ މެސީ ނޮމިނޭޓްނުވެ ދިޔަ ފުރަތަމަ ފަހަރެވެ. އަދި ފަހަކަށް އައިސް މި ދެ ކުޅުންތެރިން ނޫން އެހެން ކުޅުންތެރިއަކަށް މި އެވޯޑް ލިބުނު ތިން ވަނަ ފަހަރެވެ. މީގެ ދެ އަހަރު ކުރިން ރެއާލްގެ ކްރޮއޭޝިއާ މިޑްފީލްޑަރު ލޫކަ މޮޑްރިޗް ހޯދިއިރު، މިދިޔަ އަހަރު ހޯދީ ލިވަޕޫލްގެ ނެދަލެންޑްސް ޑިފެންޑަރު ވާޖިލް ވެން ޑައިކަށެވެ.
ލެވަންޑޯސްކީ މޮޅު ކުޅުންތެރިއާގެ އެވޯޑް ހޯދީ 477 ޕޮއިންޓާ އެކު އެވެ. ދެ ވަނަ އަށް ދިޔަ ޑިބްރޭނާ އަށް ލިބުނީ 90 ޕޮއިންޓެވެ. ނޯޔާ ތިން ވަނައިގައި އޮތީ 66 ޕޮއިންޓާ އެކު އެވެ. ނޯޔާގެ ފަހަތުން އޮތް މެސީ އާއި ޕީއެސްޖީގެ ނޭމާއާ އެއް ލިބުނީ 53 ޕޮއިންޓެވެ. ހަ ވަނައިގައި އޮތް ބަޔާންގެ ތޯމަސް މުލާ އަށް 41 ޕޮއިންޓް ލިބުނުއިރު، ހަތް ވަނައިގައި އޮތް ޕީއެސްޖީގެ ކީލިއަން އެމްބާޕޭ އަށް ލިބުނީ 39 ޕޮއިންޓެވެ. އަށް ވަނައިގައި އޮތީ ބަޔާނުން ދާދި ފަހުން ލިވަޕޫލަށް ބަދަލުވި ތިއާގޯ އަލްކަންޓާރާ އެވެ. އޭނާ އަށް 27 ޕޮއިންޓް ލިބުނުއިރު، ނުވަ ވަނައިގައި އޮތް ބަޔާނުގެ ޔޯސުއާ ކިމިކަށް ލިބިފައިވަނީ 26 ޕޮއިންޓެވެ. ދިހަ ވަނައިގައި އޮތް ޔުވެންޓަސްގެ ރޮނާލްޑޯ އަށް ލިބިފައިވަނީ 25 ޕޮއިންޓެވެ.
އުމުރުން 32 އަހަރުގެ ލެވަންޑޯސްކީ ވަނީ ޔޫރަޕްގެ މޮޅު ފޯވާޑްގެ މަގާމު ވެސް ހޯދައިފަ އެވެ. މިދިޔަ ސީޒަނުގައި 47 މެޗުން 55 ގޯލު ޖެހި ލެވަންޑޯސްކީ ވަނީ ޗެމްޕިއަންސް ލީގުގައި އެކަނި ވެސް 15 ގޯލު ޖަހައިފަ އެވެ. އޭނާގެ ގޯލުތަކާ އެކު ބަޔާނުން ވަނީ މިދިޔަ އަހަރު ޖަރުމަނު ލީގާއި ޖަރުމަނު ކަޕް ވެސް ހޯދައިފަ އެެވެ. ޖަރުމަނު ސުޕަ ކަޕާއި ޔުއެފާ ސުޕަ ކަޕް މި ފަހަރު އުފުލާލީ ވެސް ބަޔާނުންނެވެ. އެ ޓީމުން ވަނީ މި އަހަރު މިހާތަނަށް ފަސް މުބާރާތް ކާމިޔާބުކޮށްފަ އެވެ.
ޔޫރަޕްގެ އެންމެ މޮޅު އަންހެން ކުޅުންތެރިއަކަށް ހޮވުނީ މިދިޔަ އަހަރު ވުލްފްސްބާގަށް ކުޅެ މިހާރު ޗެލްސީ އަށް ބަދަލުވެފައިވާ ޕާނީލް ހާޑާ އެވެ. އެންމެ މޮޅު ފިރިހެން ކޯޗަކީ ބަޔާން މިއުނިކުގެ ހަންސީ ފްލިކް އެވެ. އަދި އެންމެ މޮޅު އަންހެން ކޯޗަކީ ލިޔޯންގެ ޔިއަން-ލުކް ވާސޯ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ