އިސްލާހުކުރަން މި ސަރުކާރުން މަޖިލީހަށް ޖާގަ ދީފި، ޔާމީން މަޖިލީހަށް ވެއްދީ ސިފައިން: ނަޝީދު

ވައްކަމާއި އެނޫން ކަންކަން ވެސް އިސްލާހުކޮށް ރަނގަޅުކުރަން މި ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ޖާގަ ދީފި ކަމަށާއި އެހެން ނަމަވެސް އޭގެ ބަދަލުގައި ރައީސް ޔާމީންގެ ސަރުކާރުގައި މަޖިލީހަށް ވެއްދީ ސިފައިން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.
މަޖިލިސް ރައީސް މިހެން ވިދާޅުވީ ވާދަވެރި ޕާޓީ ތަކުން މި ސަރުކާރުގައި ވައްކަމުގެ ތުހުމަތު ގިނަ ކަމަށް ބުނާތީ، އެކަމަށް ރައްދު ދެއްވައި މިއަދު ހެނދުނު ކުރެއްވި ޓުވީޓެއްގަ އެވެ.
މަޖިލިސް ރައީސް ވިދާޅުވީ، މި ސަރުކާރުން ގެންދަނީ ކަންކަން ފާހަގަކޮށް އިސްލާހު ކުރަމުން ކަމަށާއި އެމްޑީޕީގެ މެޖޯރިޓީ އޮތް ރައްޔިތުންގެ މަޖިލީހަށް ވެސް ޖާގަ ދެއްވަމުން ކަމަށެވެ.
"އެމްޑީޕީގެ ވާދަވެރި ފަރާތްތަކުން މި ސަރުކާރުގައި ވައްކަމުގެ ތުހުމަތުތައް ގިނަ ކަމަށް ބުނާއިރު، ދިވެހި ރައްޔިތުންނަށް ސާފުވަނީ މި ސަރުކާރު އެ ގެންދަނީ އެމްޑީޕީ މެޖޯރިޓީ މަޖިލީހަށް ޖާގަ ދެއްވައި ކަންކަން އިސްލާހު ކުރައްވަމުންކަން. ރައީސް ޔާމީންގެ ސަރުކާރުގައި މަޖިލީހަށް ވެއްދީ އެމްއެންޑީއެފް." މަޖިލިސް ރައީސް ވިދާޅުވި އެވެ.
މަޖިލިސް ރައީސް މިހެން ވިދާޅުވި އިރު، ސަރުކާރުގެ ކަންކަމުގެ ތެރެޔަށް މާ ބޮޑަށް މަޖިލީހުން ވަންނަ ކަމުގެ ތުހުމަތުތައް ވަނީ މަޖިލީހަށް އަމާޒު ވެފަ އެވެ. ސަރުކާރާއި ރައްޔިތުންގެ މަޖިލީހުގެ ރައީސާ ދެމެދު އެންމެ ބޮޑު ހިޔާލު ތަފާތުވުމެއް މިފަހުން އުފެދުނީ މަޖިލިސް ރައީސް އިސްވެ ހުންނަވައިގެން، ރައީސް ސޯލިހުގެ ކެބިނެޓު މިނިސްޓަރު ފައްޔާޒް އިސްމާއީލްގެ އިތުބާރު ނެތް ކަމުގެ ވޯޓު ނަންގަވަން މަސައްކަތް ކުރެއްވި މައްސަލައިގަ އެވެ. އެ މައްސަލައިގައި އެމްޑީޕީގެ ގައުމީ މަޖިލީހުގެ ވަޓްސްއެޕް ގުރޫޕުގެ ތެރޭގައި ވެސް މަޖިލިސް ރައީސް ވަނީ މިނިސްޓަރު ފައްޔާޒަށް ވަރަށް ހޫނު ރައްދުތަކެއް ދެއްވައިފަ އެވެ.
މި މައްސަލައިގައި ރައީސް ސޯލިހު ވަނީ ފައްޔާޒަށް ފުރިހަމަ އިތުބާރު އެބަ އޮތް ކަމަށާއި ފައްޔާޒްގެ މަގާމު ދިފާއު ކުރައްވަން ވެސް މަސައްކަތް ކުރައްވާނެ ކަމަށް ވިދާޅުވެފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ