ކުޑަކުއްޖަކަށް ޖިންސީ ގޯނާ ކުރި މީހަކު ހޯދަން އަނެއްކާ އިއުލާން ކޮށްފި

ކުޑަކުއްޖަކަށް ޖިންސީގޯނާ ކޮށްފައިވާކަމަށް ތުހުމަތުކުރެވޭ މައްސަލައިގެ ތަހުގީގަށް މީހަކު ހޯދުމަށް، އޭނާގެ ފޮޓޯއާއި ވަނަވަރާއެކު އަނެއްކާ ވެސް އިއުލާން ކޮށްފިއެވެ.
ފޮޓޯއާއި ވަނަވަރު އާންމުކޮށް، ފުލުހުންގެ ތަހުގީގަށް ހާޒިރުވުމަށް އެދިފައި ވަނީ، އުމުރުން 59 އަހަރުގެ ތ. ތިމަރަފުށި/އަސަރީގެ، ޙަސަން ނިޒާރު (A251407) އެވެ. ކުޑަކުއްޖަކަށް ޖިންސީ ގޯނާކޮށްފައި ވާކަމަށް ތުހުމަތުކުރެވޭ މައްސަލައިގެ ތަހުގީގަށް އޭނަ ހާޒިރު ވުމަށް އަންގާފައި ވަނީ ޝަހީދު ހުސެއިން އާދަމް ބިލްޑިން އަށެވެ.
އޭނާ ޝަހީދު ހުސެއިން އާދަމް ބިލްޑިން އަށް ހާޒިރު ވުމަށް އަންގާފައި ވަނީ އަންނަ ޖުލައި މަހުގެ 1 ވަނަ ދުވަހުގެ ހެނދުނު 10:00 އަށެވެ.
ފުލުހުން ބުނީ، ނަމާއި ފޮޓޯ އާންމުކުރީ، 13 އަހަރުގެ އަންހެން ކުއްޖަކަށް ޖިންސީ ހާނިއްކަ ކޮށްފައިވާ ކަމަށް ތުހުމަތު ކުރެވޭ މައްސަލައެއްގެ ތަހުގީގަށް މީހަކު ހާޒިރު ކުރުމަށް ބޭނުންވެ، އުޅޭ ވަކިތަނެއް ނޭނގުމުގެ ސަބަބުން ތަހުގީގަށް ހާޒިރުވުމަށް ޗިޓް ރައްދުކުރެވި ފައިނުވާތީ ކަމަށެވެ. އެހެންކަމުން ޖިނާއީ މައްސަލަތައް ތަހުގީގު ކުރުމުގައި ފުލުހުން އަމަލުކުރާނެ އިޖުރާއަތުގެ ގަވާއިދުގެ 27 ވަނަ މާއްދާގައި ވާގޮތުގެ މަތިން ތަހުގީގަށް ހާޒިރުވުމަށް އަންގައި އިއުލާނުކުރާ ކަމަށް ފުލުހުން ބުނެއެވެ.
މީގެ ކުރިން ވެސް ފުލުހުން ވަނީ، އޭނާ އުޅޭ ވަކި ތަނެއް ނޭނގޭތީ، އޭނާ ފުލުހަށް ހާޒިރުވުމަށް އަންގާ އެކަން އާންމުކޮށް އިއުލާން ކޮށްފައެވެ. އެގޮތުން މިިދިޔަ އޮކްޓޯބަރު މަހުގެ 3 ވަނަ ދުވަހު، ތ. ތިމަރަފުށި ޕޮލިސް ސްޓޭޝަނަށް ހާޒިރުވުމަށް އަންގާ ވެސް ފުލުހުން ވަނީ އިއުލާން ކޮށްފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ