ރައްޔިތުން ބޭނުންވެއްޖެ ނަމަ އިރުއިރުކޮޅުންވެސް ނިޒާމު ބަދަލު ކުރެވޭނެ: އާޒިމް

ރައްޔިތުން ބޭނުންވެއްޖެނަމަ، އިރުއިރުކޮޅުންވެސް ވެރިކަމުގެ ނިޒާމު ބަދަލު ކުރެވިދާނެ ކަމަށް ވިދާޅުވެ، ވެރިކަން ކުރާ މައި ޕާޓީ، އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕްގެ ލީޑަރު އަލީ އާޒިމް، ކުރީގެ ރައީސް މައުމޫން ޢަބްދުލްޤައްޔޫމަށް ރައްދު ދެއްވައިފިއެވެ.
ދިވެހިރާއްޖޭގެ ވެރިކަމުގެ ނިޒާމު ބަރުލަމާނީ ނިޒާމަކަށް ބަދަލުކޮށް، ބޮޑުވަޒީރުގެ މަޤާމުގައި ހުންނަވަން ބޭނުންފުޅުވެލައްވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދު ވަނީ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙުއަށް މެސެޖެއް ކުރައްވައި، އަންގަވައިފައެވެ.
ރައީސް ނަޝީދު އެދިވަޑައިގަތީ 2023 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބު ނުބާއްވައި، 2024 ވަނަ އަހަރު ރައްޔިތުންގެ މަޖިލީހުގައި ނަގާ ވޯޓަކުން ރައީސަކު އިންތިޚާބު ކުރުމަށެވެ. އަދި "އެއްފަރާތެއްގައި" ހުންނަވަން ބޭނުންފުޅު ނުވާ ކަމަށާއި، ޤައުމު ހިންގަން ބޭނުންފުޅުވާ ކަމަށްވެސް ވިދާޅުވިއެވެ.
ރައީސް ނަޝީދުގެ މި ވާހަކަފުޅަށް ރައްދު ދެއްވައި ރައީސް މައުމޫން ވިދާޅުވީ، ވެރިކަމުގެ ނިޒާމަކީ އިރުއިރުކޮޅުން ބަދަލު ނުކުރެވޭނެ ކަމަށާއި، ރިޔާސީ ނިޒާމަކީ ރައްޔިތުންގެ ވަރަށް ބޮޑު އަޣުލަބިއްޔަތަކުން ހޮވާފައިވާ ނިޒާމެއް ކަމަށެވެ.
ރައީސް މައުމޫން މިހެން ވިދާޅުވެ ކުރެއްވި ޓްވީޓު، ރީޓްވީޓް ކުރައްވަވައި، އާޒިމް ވިދާޅުވީ ރައްޔިތުން ބޭނުންވެއްޖެ ނަމަ، ނިޒާމުވެސް ބަދަލު ކުރެވިދާނެ ކަމަށެވެ.
"ރައްޔިތުން ބޭނުން ވެއްޖެނަމަ، އިރުއިރުކޮޅުންވެސް ކުރެވޭނެ ދެއްތޯ؟" އާޒިމް ސުވާލު އުފެއްދެވިއެެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ