ކޮރޯނާ ވައިރަހުން ރައްކާތެރިވުމަށް އަޅަންޖެހުނު ކޮންމެ ފިޔަވަޅެއް އަޅާނެކަމުގެ ޔަޤީންކަން ސަރުކާރުން ދެއްވައިފި

ކޮރޯނާ ވައިރަހުން ރައްކާތެރިވުމަށް އަޅަންޖެހުނު ކޮންމެ ފިޔަވަޅެއް އަޅާނެކަމުގެ ޔަޤީންކަން ސަރުކާރުން ދެއްވައިފި އެވެ. ސަރުކާރުން މިޔަޤީންކަން ދެއްވައިފައި ވަނީ ހެލްތްމިނިސްޓްރީއާއި ޓޫރިޒަމް މިނިސްޓްރީ ގުޅިގެން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައެވެ.
ނޫސްވެރިންގެ ބައްދަލުވުމުގައި ހެލްތް މިނިސްޓަރ ޢަބްދުﷲ އަމީންވިދާޅުވީ ކޮރޯނާ ވައިރަހުން ރައްކާތެރިވުމަށް ސަރުކާރު ފިޔަވަޅުތައް އަޅުއްވަމުން ގެންދަވަނީ މިވަގުތުވެސް ރާއްޖޭގައި އެބަލީގެ މީހަކު ހުރެދާނެކަމަށް ބައްލަވައިގެން ކަމަށެވެ. ނަމަވެސް އަދި މިހާތަނަށް އެބައްޔައް ޝަކުކުރެވޭ މީހަކު ފެނިފައި ނުވާކަމަށް ނޫސްވެރިންގެ ބައްދަލުވުމުގައި ހެލްތް މިނިސްޓަރ ވިދާޅުވިއެވެ. މިވަގުތު ސަރުކާރުން އެންމެ އިސްކަންދެނީ ކޮރޯނާ ވައިރަހުން ރައްކާތެރިވުމަށް އަޅަންޖެހޭ ފިޔަވަޅުތަކަށް ކަމަށް ވެސް ނޫސްވެރިންގެ ބައްދަލުވުމުގައި ހެލްތް މިނިސްޓަރާއި ޓޫރިޒަމް މިނިސްޓަރ ވަނީ ވިދާޅުވެފައެވެ.
ކޮރޯނާ ވައިރަހުން ރައްކާތެރިވުމަށް އަޅަންޖެހޭ ވިޔަވަޅުތައް ރާއްޖޭގައި އަޅުއްވަމުން ގެންދަވަނީ ޑަބްލިޔޫއެޗްއީގެ އިރުޝާދުގެ މަތިން ކަމަށް ވިދާޅުވިއެވެ. ކޮރޯނާ ވައިރަހުން ރައްކާތެރިވުމަށް އަޅަންޖެހޭ ފިޔަވަޅުތަކުގެ ގައިޑް ލައިނެއް އެކުލަވާލައްވާ އެޤައިޑް ލައިނަށް މީހުން އަހުލުވެރިކުރެއްވުމުގެ މަސައްކަތް ކުރައްވަމުން ގެންދަވާކަމަށް ވެސް ނޫސްވެރިންގެ ބައްދަލުވުމުގައި ވަނީ ވިދާޅުވިއެވެ.
ރާއްޖެއިން ކޮރޯނާ ވައިރަހަށް ޝައްކުކުރެވޭ މީހަކު ފެނިއްޖެނަމަ އެމީހަކު އެކަހެރިކޮށް ބެހެއްޓޭނެ އިންތިޒާމު އެއަރޕޯރޓްގައި ވެސް ޤާއިމްކުރެވިފައިވާ ކަން ހެލްތް މިނިސްޓަރ ފާހަގަކުރެއްވިއެވެ. ކޮރޯނާ ވައިރަސް ޖެހޭ މީހުން އެކަހެރިކޮށް ފަރުވާދެވޭ ވަރަށް ވަޞީލަތްތައް ޤާއިމް ކުރައްވައިފައިވާ ކަމަށް ވެސް ހެލްތް މިނިސްޓަރ އަމީން ވިދާޅުވި އެވެ. ކޮރޯނާ ވައިރަސްޖެހޭ މީހުން އެކަހެރިކޮށް ފަރުވާ ދިނުމުގެ އިންތިޒާމު ހުޅުމާލޭގަ ޤާއިމްކޮށްފައިވަނީ ޑަބްލިޔޫއެޗްއޯގެ ލަފާގެ މަތިން ޞިއްޙީ ޚިދުމަތްދޭ ތަންތަނާ ގާތުގައި އެފަދަ ތަނެއް ހުރުން މުހިންމު ވާތީކަމަށް ހެލްތް މިނިސްޓަރ ވިދާޅުވިއެވެ. ބަލިފެތުރިގެން ގޮސްފިނަމަ މީހުން އެކަހެރިކޮށް ބޭތިއްބުމަށް މާލެ ކައިރީގައި އޮންނަ ތެޔޮ ފޮނަދޫގައިވެސް ވަޞީލަތްތައް ޤާއިމުކުރުމަށް ވަނީ ހަމަޖައްސަވައިފައެވެ. އެކަމުގެ ތައްޔާރީތައްވެސް ވަމުންދާކަމަށް މިނިސްޓަރ ފާހަގަ ކުރެއްވިއެވެ. ބަލި އިތުރަށް ފެތުރިއްޖެ ހާލަތެއްގައި އެކަހެރިކޮށް ފަރުވާދެވޭނެ ތަންތަންވެސް އިތުރު ކުރުމަށް ކުރެވޭނެ ކަންކަން ވެސް ބައްލަވަމުން ދާކަމަށް ހެލްތް މިނިސްޓަރ ފާހަގަ ކުރެއްވިއެވެ.
ކޮރޯނާ ވައިރަސް ފެތުރިގެން ގޮސްފިނަމަ ޢަމަލުކުރާނެ އުޞޫލުތަކާއި އަދި ވަޞީލަތްތައްވެސް ގެންދަވަނީ ޤާއިމުކުރައްވަމުންކަމަށް ހެލްތް މިނިސްޓަރ ވިދާޅުވިއެވެ. ޞިއްޙީ ހިދުމަތް ދޭ ފަރާތްތަކާއި އެއާޕޯޓުތަކުގައި މަސައްކަތް ކުރާ ފަރާތްތަކުގެ ސަލާމަތާއި ރައްކާތެރިކަމަށް ކޮންމެހެން އަޅަންޖެހޭ ފިޔަވަޅުތައް އަދި ބައްޔައް ޝަކުކުރެވޭ މީހަކު ފެނިއްޖެނަމަ ޢަމަލުކުރާނެގޮތާބެހޭ މައުލޫމާތު ދީފައިވާ ކަމަށް ވެސް ހެލްތްމިނިސްޓަރ އަމީން ވިދާޅުވި އެވެ. ކޮރޯނާ ވައިރަސް ފެނިއްޖެ ހާލަތެއްގައި ބޭނުންވާނެ މާސްކުތައް ހޯދުމުގެ މަސައްކަތާއި ސިއްހީ އެހެނިހެން ވަސީލަތްތައް ހޯދުމުގެ މަސައްކަތް ކުންފުނިތަކާއެކު ވަނީ ފަށްޓަވައިފައެވެ.
ހެލްތ މިނިސްޓަރ ފާހަގަ ކުރެއްވި ގޮތުގައި ކޮރޯނާ ވައިރަހަށް ޓެސްޓް ކުރުމުގެ އިންތިޒާމު އަދި ޤާއިމްވެފައި ވަނީ ވަރަށް މަދު ޤައުމުތަކެއްގައެވެ. ރާއްޖެއާ އެންމެ ކައިރިން އެ އިންތިޒާމު ހަމަޖެހިފައި ވަނީ އިންޑިއާ ގައެވެ. އިންޑިއާއިން ޓެސްޓްތަކުގެ ނަތީޖާ 48 ގަޑީއިރުތެރޭގައި ލިބޭނެ އިންތިޒާމު ހަމަޖެހިފައިވާކަމަށް ވެސް ހެލްތް މިނިސްޓަރ ހާމަކުރެއްވިއެވެ.
ކޮރޯނާ ވައިރަހަށް ޝައްކުކުރެވޭފަރާތްތައް ދެނެގަތުމަށް ބޭނުންކުރާ ތާމަލް ކެމެރާތައް ރާއްޖޭގެ ބައިނަލް އަޤަވާމީ ވައިގެ ބަނދަރުތަކުގައި ބަހައްޓައި ބޭނުން ކުރަމުންދާކަމަށް ހެލްތް މިނިސްޓަރ ފާހަގަ ކުރެއްވިއެވެ. މިފަދަ އިތުރު ކެމެރާތަކެއް ގެނައުމުގެ މަސައްކަތް ވެސް ކުރަމުންދާކަމަށް ވެސް ވިދާޅުވިއެވެ. މިފަދަ ކެމެރާތަކުގެ ޑިމާންޑު ދުނިޔޭގައި ވަރަށް ބޮޑުވެފައިވާކަންވެސް މިނިސްޓަރު މިނިސްޓަރ ފާހަގަކުރެއްވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ