އިސްލާމީ ގައުމެއްގެ އުއްތަމަ ފަނޑިޔާރަކަށް ހުންނަންވާނީ ޝަރުއީ އިލްމު ހުރި އަމާނާތްތެރި ބޭފުޅެއް: އަލީ ޒައިދު

ރާއްޖެ ފަދަ ސައްތައިންސައްތަ އިސްލާމީ ގައުމެއްގެ އުއްތަމަ ފަނޑިޔާރަކަށް ހުންނަންވާނީ ޝަރުއީ އިލްމުހުރި ގާބިލް ބޭފުޅެއްކަމަށް ޝެއިހް އަލީ ޒައިދު ވިދާޅުވެއްޖެއެވެ.
އަލީ ޒައިދު މިފަދައިން ވިދާޅުވެފައިވަނީ ކުރެއްވި ޓްވީޓެއްގައެވެ. ފަނޑިޔާރުގެ އިސްލާހުކުރުމުގެ ވާހަކައިގެ އަޑު ގަދަވެފައިވާ މި ދަނޑިވަޅުގައި އަލީ ޒައިދު ވިދާޅުވެފައިވަނީ ޖުޑިޝަރީ އިސްލާހު ކުރަންވާނެ ކަމަށާއި ނަމަވެސް އިސްލާހުކުރުމަކީ " ސެކިއުލާރ" ކުރުން ކަމަށް ވަނީ ނަމަ އެކަމާއި ދެކޮޅަށް ރައްޔިތުން ތެދުވާނެކަމަށެވެ.
އަލީ ޒައިދުގެ ޓްވީޓަށް ބާރުލިބޭގޮތަށް ޑރ އިޔާޒު ކުރެއްވި ޓްވީޓްގައި ވިދާޅުވެފައިވަނީ އުއްތަމަ ފަނޑިޔާރަކަށް ހުންނަވާ ބޭފުޅަކީ ޝަރުއީ އިލްމުހުރި މީހެއްގެ އިތުރުން ނަޒާހާތްތެރި އިންސާފުވެރި ބޭފުޅަކަށް ވާންޖެހޭނެ ކަމަށެވެ. އަދި ގޮނޑި ދިފާއުކުރައްވަން ހުކުމް ވިއްކަވާ ބޭފުޅަކަށްވެގެން ނުވާނެ ކަމަށާއި ބަޔަކު މީހުން ދައްކާ ބިރަކަށް ގުޑާ ބޭފުޅަކަށް ވެގެން ނުވާނެކަމަށްވެސް ޑރ އިޔާޒު ގެ ޓްވީޓްގައި ވަނީ ފާހަގަކޮށްފައެވެ.
ޝެއިހް އަލީ ޒައިދު ޓްވީޓް
މި ދެބޭފުޅުން މި މޭރުމުން ވާހަކަ ދައްކަވާފައިވާއިރު އުއްތަމަ ފަނޑިޔާރު އަހުމަދު އަބްދުﷲ ދީދީ ގިނަ މައްސަލަތަކެއް ޖުޑީޝަލް ސާވިސް ކޮމިޝަނުން އަންނަނީ ބަލަމުންނެވެ. އެ ކޮމިޝަނުން ހާމަކޮށްފައިވާ ގޮތުގައި އުއްތަމަ ފަނޑިޔާރުގެ 18 މައްސަލައެއް ހިމެނެއެވެ.
އުއްތަމަ ފަނޑިޔާރުގެ ދިފާއުގައި ޝެއިހް އިލްޔާސް ވަނީ ވާހަކަ ދައްކަވާފައެވެ. ޝެއިހް އިލްޔާސް ވިދާޅުވެފައިވަނީ ޑރ. އަހްމަދު އަބްދުﷲ ދީދީ އަކީ އިލްމު ލިބިވަޑައިގެންފައިވާ ގާބިލް، ގުރުއާން ހިތުދަސް އަދި ޝަރީއާ އިން ޕީއެޗްޑީ އޮތް ބޭފުޅެއް ކަމަށެވެ. މިފަދަ ބޭފުޅަކު މި ގައުމުގެ އުއްތަމަ ފަނޑިޔާރަކަށް ހުންނެވުމަކީ ފަހުރެއް ކަމަށް ވިދާޅުވި އެވެ. އެފަދަ ބޭފުޅަކު މަގާމުން ވަކިކޮށް ޝަރުއީ އިލްމު ލިބިފައި ނުވާ ބަޔަކު މަގާމަށް ގެނައުމަކީ ކޮން ކަހަލަ އިންސާފެއްތޯ، އިލްޔާސްގެ ޓުވީޓުގައިވަނީ ސުވާލު އުފައްދަވާފައެެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ