ފަސް އަހަރު ތެރޭ ރާއްޖެއަށް ޑްރަގު އެތެރެކުރީ 21 ގައުމަކުން

ފާއިތުވި ފަސް އަހަރު ދުވަހުގެ ތެރޭގައި ރާއްޖެއަށް ތަފާތު 21 ގައުމަކުން މަސްތުވާތަކެތި އެތެރެކޮށްފައިވާ ކަމަށް ކަސްޓަމްސް އިން ހާމަކޮށްފި އެވެ.
ކަސްޓަމްސް އިން މިއަދު އާންމުކުރި ޗާޓަކުން ދައްކާ ގޮތުގައި 2013 ވަނަ އަހަރުން ފެށިގެން 2018 ވަނަ އަހަރުގެ ނިޔަލަށް ކަނޑުމަގުންނާއި، ވައިގެ މަގުން އަދި ޕޯސްޓް މެދުވެރިކޮށް ތަފާތު 21 ގައުމަކުން ވަނީ ރާއްޖެ އަށް މަސްތުވާތަކެތި އެތެރެކޮށްފަ އެވެ.
އެ ޗާޓުން ދައްކާ ގޮތުގައި ރާއްޖެ އަށް އެންމެ ގިނައިން މަސްތުވާތަކެތި އެތެރެކޮށްފައިވަނީ އޭޝިއާގެ ގައުމުތަކުންނެވެ. އޭޝިއާގެ 11 ގައުމަކުން މަސްތުވާތަކެތި އެތެރެކޮށްފައިވާއިރު، އެގައުމުތަކުގެ ތެރޭގައި އިންޑިއާ، ސްރީލަންކާ، ޕާކިސްތާން، ބަންގްލަދޭޝް، މެލޭޝިއާ، ތައިލެންޑް، އީރާން، ގަތަރު، ޔޫއޭއީ، ކަޒަކިސްތާން އަދި އުޒްބެކިސްތާން ހިމެނެ އެވެ. ވަކިވަކި ސިޓީތަކަށް ބަލާއިރު، އެއް ގައުމަކުން އެންމެ ގިނައިން ޑްރަގް އެތެރެކޮށްފައިވަނީ އިންޑިއާ އިންނެވެ.
އެ ގޮތުން، އިންޑިއާގެ ޖުމްލަ ފަސް ސިޓީއަކުން ރާއްޖެއަށް މަސްތުވާތަކެތި އައިސްފައިވެ އެވެ.
އެފްރިކާ ބައްރުން އިތިއޯޕިއާ، ބެނިން އަދި ޓޯގޯ ހިމެނޭއިރު، ޔޫރަޕްގެ ފަސް ގައުމަކުން ވެސް ވޭތުވެދިޔަ ފަސް އަހަރު ތެރޭގައި ވަނީ ރާއްޖެއަށް މަސްތުވާތަކެތި އެތެރެކޮށްފައެވެ. އޭގެ ތެރޭގައި ނެދަލޭންޑްސް، ސްޕެއިން، ޖަރުމަނު، އިނގިރޭސިވިލާތް އަދި ބެލްޖިއަމް ހިމެނެ އެވެ.
މީގެ އިތުރުން، ބްރެޒިލް އާއި ޓްރެނިޑާޑް އެންޑް ޓޮބޭގޯއިން ވެސް ވަނީ ރާއްޖެ އަށް މަސްތުވާތަކެތި އެތެރެކޮށްފަ އެވެ. ކަސްޓަމްސްއިން ބުނީ ރާއްޖެއަށް މުދާ ސަޕްލައިކުރާ ސަރަހައްދުތަކުން މަސްތުވާތަކެތިވެސް އަންނަމުންދާކަން ފާހަގަކުރެވިފައިވާކަމަށާއި، ކަމާބެހޭ ފަރާތްތަކުން އެކަމަށް އިތުރަށް ފާރަވެރިވެފައިތިބި ކަމަށެވެ.
ރާއްޖެއަށް ސީދާ އެތެރެކުރާ މަސްތުވާތަކެތީގެ އިތުރުން ދުނިޔޭގެ އެކި ހިސާބުތަކަށް ޑްރަގު ސަޕްލައި ކުރުމުގައި ރާއްޖޭގެ ކަނޑުގެ ސަރަހައްދު ބޭނުންކުރަމުންދާކަމަށް ކަމާބެހޭ އިދާރާތަކުން ވަނީ ބުނެފަ އެވެ.
ފާއިތުވި ފަސް އަހަރުގެ ތެރޭގައި ރާއްޖެއަށް ޑްރަގު އެތެރެކޮށްފައިވާ ގައުމުތައް. -- ގްރެފިކް: ކަސްޓަމްސް
އެގޮތުން މި މަހުގެ ތެރޭގައި ރާއްޖޭގެ ކަނޑުގެ ސަރަހައްދުން 150 ކިލޯގެ މަސްތުވާތަކެއްޗާއެކު ވަނީ ބޭރުގެ ބޯޓެއް އަތުލައިގެންފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ