އަޅުގަނޑުމެންގެ އަމާން ބަލަހައްޓަން ތިބި މީހުން އަނދިރި ދައުލަތަށް ބައިއަތު ހިފައިފި: ނަޝީދު

އަޅުގަނޑުމެންގެ އަމަން ބަލަހައްޓަން ތިބި މީހުން އަނދިރި ދައުލަތަށް ބައިއަތު ހިފައިފި ކަމަށް ކުރީގެ ރައީސް އަދި މިހާރުގެ ރައްޔިތުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
މިއަދު ހެނދުނު ކުޑަކުދިންގެ ހައްގުތަކާއި ކުޑަކުދިންގެ އަދުލުގެ ނިޒާމާއި ބެހޭ ސެމިނާރުގައި ވާހަކަފުޅުދައްވަމުން ރައީސް ނަޝީދު ވިދާޅުވީ ރާއްޖޭގައި އޮތީ ސައްތައިން ސައްތަ އިސްލާމްދީން ކަމަށާއި، އެހެން ގޮތަކަށް އިސްލާމް ދީނަށް އުޅުމަށް ފުރުސަތު ނުދެވޭނެ ކަމަށެވެ. އަދި އެކަމަށް ފުރުސަތު ދީގެން ތިބުކަމީ ކުޑަކުދިންގެ ހައްގުތަކަށް އަރައިގަތުމަށް ދޫކޮށްލާފައިވާ މިންވަރު ކަމަށެވެ.
ކުޑަކުދިންނާއި ގުޅިގެން އެކުދިންގެ ހައްގުތައް ހިމާޔަތް ކުރުމަށް ކިތަންމެ ގާނޫނެއް ވެސް ފާސްކުރެވިދާނެ ކަމަށާއި ނަމަވެސް މިހާރު މިއުޅެނީ ގާނޫނެއް ނެތިގެން ނޫން ކަން އެމަނިކުފާނު ފާހަގަ ކުރެއްވިއެވެ. އަދި ދިވެހިންގެ ތެރެއަށް ވަކި ފަލްސަފާއެއް ފެތުރެން ފަށާފައިވާ ކަމަށާއި ދިވެހިންގެ ދިރިއުޅުމުގެ ގޮތް ބަދަލު ކުރަން ބަޔަކު މަސައްކަތް ކުރާ ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ. މިއީ ފިކުރީ ހަނގުރާމައެއް ކަމަށާއި މިކަމަށް ވަކި ގާނޫނެއް ލިޔެގެން މައްސަލަ ބެލޭނެ ކަންކަމެއް ނޫންކަމަށް ވެސް ވިދާޅުވި އެވެ.
''އަޅުގަނޑުމެންގެ އަމަން ބަލަހައްޓަވަން ތިއްބަވާ ބޭފުޅުން، އަޅުގަނޑުމެންގެ އާންމު މަސްލަހަތު ބަލަހައްޓަން ތިއްބަވާ ބޭފުޅުން، މި މައްސަލަތައް ނުބައްލަވާ ދޫކޮށްލައްވަނީ އެބޭފުޅުންއެ އަނެއް ފަލްސަފާއަށް ލެނބެން ފަށައި، އަނދިރި ދައުލަތަށް ބައިއަތު ހިފައިފި. އަޅުގަނޑުމެންގެ ރާއްޖެ އަޅުގަނޑުމެން ސަލާމަތް ކުރަން މިއަދު އެދެނީ ނަމަ މި ނިދިން އަޅުގަނޑުމެން ތެދުވާން ވެއްޖެ، ހޭލާން ވެއްޖެ.'' ރައީސް ނަޝީދު ވިދާޅުވިއެވެ.
އެމަނިކުފާނު ވިދާޅުވީ އަލަށް ފެތުރެމުންދާ ފަލްސަފާގެ މަގުން ރައްޔިތުން އެދޭ ބަދަލެއް، ރައްޔިތުން އެދޭ ތަރައްގީއެއް، ރައްޔިތުން އެދޭ ހަމަޖެހުމެއް ނުހޯދޭނެ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ