ރައްޔިތުން ނުކުމެ އިންސާފު ގާއިމް ކުރުމީ ދައުލަތް ފޭލިވުން: ޑރ. ޚަލީލް

ރައްޔިތުންގެ ނުކުމެ މަގުމަތީން އިންސާފު ގާއިމް ކުރުމީ ދައުލަތް ފޭލިވާ ކަމުގެ ހެއްކެއް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ނިލަދަންދޫ ދާއިރާގެ ކުރީގެ މެމްބަރު އަދި ޕީޕީއެމްގެ ކުރީގެ ސެކްރެޓަރީ ޖެނެރަލް ޑރ. އަބްދުﷲ ޚަލީލް ވިދާޅުވެއްޖެއެވެ.
އޭނާ ކުރައްވާފައިވާ ޓުވީޓެއްގައި ވިދާޅުވެފައިވަނީ ގައުމުގެ ކަންކަން އެހިސާބަށް ދިޔައިރު ރައީސް އިބްރާހީމް މުހައްމަދު ސާލީހާއި ރައީސް މުހައްމަދު ނަޝީދު ގެންދަވަނީ ކުޅިވަރާއި މަޖަލުގައި ވަގުތު ހޭދަ ކުރައްވަމުން ކަމަށެވެ.
މަޖަލުގައި ދެ ރައީސުން ހޭދަކުރައްވަމުން ގެންދަވާ ވަގުތުތަކުގެ ތެރެއިން ވަގުތުކޮޅެއް ހުސްކުރައްވައި ރައްޔިތުންނާމެދު ވިސްނަވާނީ ކޮންއިރަކުންތޯ އޭނާ ވަނީ ސުވާލު ކުރައްވައިފައެވެ. ރާއްޖޭގައި މިހާރު ދަނީ އާދަޔާ ޚިލާފަށް ކުށްގިނަވެ ރައްކާތެރިކަން ނެތެމުން ކަމަށް ވެސް އޭނާ ވިދާޅުވެފައިވެއެވެ.
"ރައްޔިތުން ނުކުމެ މަގުމަތިން އިންސާފު ގާއިމްކުރުމީ ދައުލަތް ފެއިލްވާކަމުގެ ހެކި. ރާއްޖޭގައި އާދަޔާޚިލާފަށް ކުށް ގިނަވެ ރައްކާތެރިކަން ނެތްކަމުގެ އިޙްސާސް ރައްޔިތުންދަނީ ކުރަމުން. ކުޅިވަރާއި މަޖަލުގަ ދެރައީސުން ހޭދަކުރައްވާ ވަގުތުކުޑަކޮށް ރައްޔިތުންނާމެދު ވިސްނަވާނީ ކޮންއިރަކުން،" ޚަލީލު ވިދާޅުވެފައިވެއެވެ.
މިދުވަސްވަރަކީ ކުޑަކުދިންނަށް ޖިންސީގޯނާ ކުރަމުންދާ ކަމުގެ ވާހަކަ އާންމުވެފައި ދަނޑިވަޅެކެވެ. ގުރޫޕު ހަދާފައި ގޮސް އެކަން ކުރާމީހުން ވެސް އެބައުޅެއެވެ. އަދި ވަކިވަކިން އެކަންކުރާ މީހުން ވެސް އެބައުޅެއެވެ.
މިކަންކަމާ ބެހޭގޮތުން މީހަކު ކޮށްފައިވާ ޓުވީޓެއްގައި ބުނެފައިވަނީ ނިޔާ ކަނޑަނޭޅުނީމާ ދެން ނިޔާ ކަނޑައަޅާނީ އަމިއްލައަށް ކަމަށެވެ.
ސަރުކާރުން މިހާރުވަނީ މިފަދަ މައްސަލަތައް ވަރަށް ގާތުން ބައްލަވައި ފިޔަވަޅު އައްޅުއްވާނެ ކަމަށް ވިދާޅުވެފައެވެ. އަދި އެފަދަ މައްސަލަތައް ލަސްނުކޮށް އަވަހަށް ނިންމެވުމަށް ވެސް ސަރުކާރުން ގެންދަވަނީ މަސައްކަތް ކުރައްވަމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ