ސަލްޓަންސްގެ ލޯނު ފައިސާ ރީތިރަށުގެ އެކައުންޓުން އުނިކުރުމަކީ ބޭންކަށް އޮތް ހައްގެއް: ހުކުމް

ސަލްޓަންސް އޮފް ދަ ސީސް އިން ނަގާފައިވާ ލޯނުތަކަކަށް ގެރެންޓީ ދީފައިވާ ރީތިރަށް ރިސޯޓުން ބޭންކް އޮފް މޯލްޑިވްސްގައި ހުޅުވާފައިވާ ދެ އެކައުންޓަކުން 20 މިލިއަނަށްވުރެ ގިނަ ރުފިޔާ އުނިކުރި މައްސަލާގައި އެ ކުންފުނިން ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)އާ ދެކޮޅަށް ކުރި ދައުވާގައި ބޭންކާ އެއްކޮޅަށް ހުކުމްކޮށްފި އެވެ. ޑީއާރުޕީގެ ލީޑަރު އަހުމަދު ތަސްމީނު އަލީގެ އާއިލީ މަސްލަހަތު އޮންނަ ސަލްޓަންސް އިން ލޯނުތައް އަދާކުރަމުން ނުދާތީ ބީއެމްއެލް އިން ވަނީ ރީތިރަށުގެ ނަމުގައި ހުޅުވާފައިވާ އެއް އެކައުންޓުން 53،168.50 2،7ރ. އަދި އެހެން އެކައުންޓުން 49،240.48 1،1 ޑޮލަރު އުނިކޮށްފަ އެވެ. ރީތިރަށް ރިސޯޓް ޕްރައިވެޓް ލިމިޓެޑްގެ ރަށުގެ ނަމުގައި ހުޅުވާފައިވާ ދެ އެކައުންޓަކުން ފައިސާ އުނިކުރި މައްސަލާގައި އެ ކުންފުނިން ސިވިލް ކޯޓުގައި ކުރި ދައުވާގައި އެދިފައި ވަނީ އެ ފައިސާ އަލުން އެ ދެ އެކައުންޓަށް ޖަމާކުރުމަށް ބޭންކްގެ މައްޗަށް އަމުރުކޮށްދިނުމަށެވެ. ދައުވާއާ ގުޅިގެން ސިވިލް ކޯޓުން ކުރި ހުކުމުގައި ވަނީ އެ ފައިސާތައް އުނިކޮށްފައި ވަނީ ސަލްޓަންސް އޮފް ދަ ސީސް އަށް ބޭންކުން ދޫކޮށްފައިވާ ކްރެޑިޓް ފެސިލިޓީތަކަށް ރީތިރަށް ރިސޯޓް ޕްރައިވެޓް ލިމިޓެޑުން ޔަގީންކަން ދިނުމުގެ ގޮތުން ވެފައިވާ އެއްބަސްވުމުގެ ދަށުން ކަމަށެވެ. އަދި އެއީ ރީތިރަށް ރިސޯޓްގެ އެންމެހާ މުދަލާ ގުޅޭ ގޮތުން އެ ކުންފުނިން ބޭންކާ ދެމެދު ވެފައިވާ އެއްބަސްވުމުގެ ދަށުން ބޭންކަށް ލިބިދީފައިވާ ހައްގެއް ކަމަށް ވެސް ހުކުމުގައިވެ އެވެ. އަދި އެ ފައިސާތައް އުނިކުރުމަށް ބޭންކަށް ލިބިދީފައިވާ ހައްގަކީ އަނބުރާ ނުގެނެވޭނެ ހައްގެއް ކަމަށްވެސް ދެ ފަރާތުގެ ދެމެދުގައިވެފައިވާ އެއްބަސްވުމުގައިވާ ކަމަށް ހުކުމުގައިވެ އެވެ. ކޯޓުން ހުކުމް ކުރީ ރީތިރަށް ރިސޯޓް ޕްރައިވެޓް ލިމިޓެޑުން ބޭންކް އޮފް މޯލްޑިވްސްގައި ހުޅުވާފައިވާ ދެ އެކައުންޓަކުން އުނިކުރި ފައިސާ އަލުން އެ ދެ އެކައުންޓަށް ޖަމާކުރާކުރަން އަންގާނެ ތަނެއް ނެތް ކަމަށެވެ. ސަލްޓަންސް އޮފް ދަ ސީސް އިން ބޭންކް އޮފް މޯލްޑިވްސްއަށް 600 މިލިއަނަށް ވުރެ ގިނަ ރުފިޔާ ދައްކަންޖެހި އެ ފައިސާތައް ނުދެއްކުމުން މިހާރު އެ މައްސަލަތައް ވަނީ ކޯޓުގަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ