ސާކް ސަމިޓް ތައްޔާރީތަކުގެ ތެރެއިން "އެހެން" މަންޒަރެއް!

"އޭ! ކަލޭމެން ރަނގަޅަށް މަސައްކަތްކުރޭ. ތި މަސައްކަތް ވީހާ ވެސް އަވަހަކަށް ނިންމަން އަހަރެމެން ބޭނުން،" ސ. ހިތަދޫ ބޮޑު މަގު ހެދުމުގެ މަސައްކަތުގައި ވަރަށް ބުރަކޮށް މަސައްކަތްކުރަމުން ދިޔަ ސިފައިންގެ ބަޔަކާ ދިމާއަށް އެ ރަށުގެ ދުވަސްވީ މީހަކު މިދިޔަ ބުރާސްފަތި ދުވަހު ބުންޏެވެ. "ކަލޭމެން މި މަސައްކަތްތައް ނުކުރަންޏާ ދެން ކޮން ބައެއް މި ކަންކުރާނީ؟ އަޅުގަނޑުމެން ބޭނުން މިތާނގައި ސާކް ސަމިޓް ބާއްވަން ވެސް. އެހެންވެ ކަލޭމެން ޖެހޭނެ ރެއާއި ދުވާލު މަސައްކަތްކޮށްގެން ވެސް މި މަސައްކަތް ނިންމަން. އެކަން ހަނދާން ބަހައްޓައިގެން ކަލޭމެން މަސައްކަތްކުރާތި." އޭނާ އަދި ބުނީ ސިފައިންނަކީ މާ ބޮޑު މަސައްކަތެއް ކުރާ ބައެއް ނޫން ކަމަށެވެ. އަދި އެ މީހުންނަކީ "ކައިގެން މަސައްކަތެއް ނެތިފައި ތިބޭ ބައެއް" ކަމަށާއި "ދައުލަތުން މުސާރަ ނައިގެން ތިބޭ" ބައެއް ކަމަށް ބުނެ އޭނާ ސިފައިންނަށް ފާޑުކިޔަމުން ދިޔަ އެވެ. ނޮވެމްބަރު މަހު އައްޑޫގައި ސާކް ސަމިޓް ބޭއްވުމަށް ވަމުން އަންނަ ތައްޔާރީތަކުގައި އެންމެ ބުރަކޮށް މަސައްކަތްކުރާ އެއް ބަޔަކީ ހަމަ ގައިމުވެސް ދިވެހި ސިފައިންނެވެ. ދުވާލާއި ރޭގަނޑު އެ މީހުން އަންނަނީ ހިތްވަރާ އެކު މަސައްކަތްކުރަމުންނެވެ. ޝަކުވާއެއް ނެތި މިއީ ގައުމީ މަސައްކަތެއްގެ ގޮތުގައި ދެކިގެންނެވެ. ނަމަވެސް އައްޑޫގެ ބައެއް މީހުން ސިފައިންނާ ދޭތެރޭ ކަންތައްކުރާ ގޮތުންނާއި އެ މީހުންނާ ދިމާއަށް ކިޔާ އެއްޗެހީގެ ސަބަބުން ކޮންމެވެސް ވަރެއްގެ މާޔޫސްކަމެއް އެ މީހުންނަށް ވެސް ލިބެ އެވެ. އެކަމަކު އެ މީހުންނާ ހަވާލު ކުރި އެއްވެސް މަސައްކަތަކަށް ފަރުވާ ކުޑަކޮށްފައި ހުރިކަން ފާހަގަކުރެވޭކަށް ނެތެވެ. އަދި މަސައްކަތް ހުއްޓާލައިގެން ތިބޭ ތަނެއް ވެސް ނުފެނެ އެވެ. އައްޑޫގެ ގުޅިފައިވާ ރަށްރަށުގައި ދުއްވާލާ އިރު، މިހާރު އެންމެ އާންމުކޮށް ފެންނާނެ އެއް މަންޒަރަކީ ސިފައިން އެކިއެކި މަސައްކަތްތަކުގައި އަވަދިނެތި އުޅޭ ތަނެވެ. ރަށުތެރެ ސާފުކުރުން ކަމަށް ވިޔަސް ލިންކް ރޯޑު ސަރަހައްދުތައް ޒީނަތްތެރިކުރުމުގެ ގޮތުން ފާރުތައް ރާނައި ކުލަލުމުގެ އިތުރަށް ދަރުބާރުގޭ ސަރަހައްދުގެ ޗަސް ބިމުގެ، ފަސްގަނޑު އެއްވަރުކޮށް ރީތިކުރުމުގެ މަސައްކަތްތައް ވެސް ކުރަނީ ސިފައިންނެވެ. މީގެ އިތުރުން ސަދަން ޔުޓިލިޓީސް ލިމިޑެޓް (އެސްޔޫއެލް)އާ ހަވާލުކޮށްފައިވާ މަގު ހެދުމުގެ މަސައްކަތުގައި ވެސް ސިފައިން ވަރަށް ބޮޑު ދައުރެއް އެބަ އަދާކުރެ އެވެ. ދަރުބާރުގޭ ވަށައިގެންވާ މަގުތައް ހެދުމާއި ހިތަދޫ ބޮޑު މަގުގެ މަސައްކަތުގައި ވެސް ސިފައިން ބައިވެރިވެ އެވެ. މީގެ އިތުރުން މަގުގެ ދުވާރު ހެދުމަށް ބޭނުންކުރާ ކާބްސްޓޯން ހިތަދޫ ސަރަހައްދީ ބަނދަރު ކުރިމަތީ އޮންނަ ބިމުގައި ހަދައި އެ ތަކެތި ތަންތަނަށް އުފުލަނީ ވެސް ސިފައިންނެވެ. ބުރާސްފަތި ދުވަހު ސ. ހިތަދޫ ބޮޑު މަގު ހެދުމުގެ މަސައްކަތުގައި ސިފައިން ހަރަކާތްތެރިވަނީ: ސިފައިން ކުރާ މަސައްކަތްތަކުގެ އަގު އައްޑޫގެ ބައެއް މީހުން ވަޒަނެއް ނުކުރޭ. ސަމިޓް ބާއްވާ ވަގުތު ކުޑަތަންވަމުން އަންނަ އިރު، މި ހުރިހާ މަސައްކަތްތަކެއް ފޯރިއާ އެކު ސިފައިން ކުރި ނަމަވެސް، އެ މީހުން ކުރާ މަސައްކަތުގެ އަގު ބައެއް ފަރާތްތަކުން ވަޒަނެއްނުކުރެ އެވެ. އަދި އެ މީހުންނާ ދިމާއަށް ހުތުރު ބަހުން މުހާތަބުކޮށް، ދަށްކޮށްލުމުގެ ބަސްތައް ބައެއް މީހުންގެ ފަރާތުން ދަނީ އަޑު އިވެމުންނެވެ. "އިހައް ދުވަހު ވެސް ޒުވާން ކުދި ބަޔަކު އައިސް ކަލޭމެން ތީ ބަންގާޅީންނޭ. އަހަރެމެންގެ ނޯކަރުންނޭ ކިޔައި ސިފައިންނާ ދިމާކޮށް ހަޅޭއްލަވަމުން ދިޔަ. އެ ކަހަލަ އެއްޗެހި ކިޔާ އިރު، ހިތަކަށް ނާރައޭ ތިމަންނަމެންގެ ރަށަށްޓަކައި އަތޮޅަށްޓަކައި އެ މީހުން ކިހާ ގުރުބާނީއެއްކަން މި ވަނީ. ހަގީގަތުގައި ވެސް ވަރަށް އަސަރުކުރޭ އެކަހަލަ އެއްޗެހި އެެމީހުންނާ ދިމާލަށް ކިޔައި ދިމާކޮށް ހަދާތީ،" ސިފައިންނާ ދޭތެރޭ ހަމްދަރުދީ ފަޅުކުރި ހިތަދޫ ދުވަސްވީ އަންހެނަކު ބުންޏެވެ. "އެ މީހުން އަނބިދަރިން ދޫކޮށްފައި އައިސް ހޭވައްޓާލާފައި ދުވާލާއި ރޭގަނޑު މި މަސައްކަތްތައްކޮށްދޭ އިރު ޝުކުރުކުރާނެ ބަޔަކު ނުވޭ." ހިތަދޫ ބޮޑު މަގު ހެދުމުގެ މަސައްކަތުގައި ސިފައިން ހަރަކާތްތެރިވާ އިރު އެ މީހުންނަށް ހިތްވަރުދިނުމުގެ ގޮތުން، ބައެއް ސަރަހައްދުތަކުގެ އަވަށްޓެރިން ގުޅިގެން ސަޔާއި ޖޫސް ފަދަ ތަކެތި ވެސް ފޯރުކޮށްދެ އެވެ. "ސިފައިންނަކީ އެއްވެސް ބައެއްގެ ގޮތުގައި ބައެއް މީހުން ނުދެކުނަސް، އެއީ ބަތަލުންތަކެއް ގޮތުގައި އަޅުގަނޑުމެން ދެކެނީ. ގައުމަށް ދިމާވާ މި ކަހަލަ ކިތަންމެ ބޮޑު ކަމެއްގައި ސިފައިންގެ އެހީތެރިކަން ނުލިބި ކުރިއަކަށް ނުގެންދެވޭ. އެހެންވެ އެއީ މުހިއްމު ބައެއް،" ސަރުކާރު އޮފީހެއްގައި މަސައްކަތްކުރާ މީހަކު ބުންޏެވެ. "އަޅުގަނޑަށް ވެސް ފާހަގަކުރެވިފައި އެބަހުރި ބައެއް މީހުން ސިފައިންނާ ދިމާކޮށް އެ މީހުންނާ ދިމާއަށް އެއްޗެހި ކިޔާކަން. އެކަމަކު އެއީ ވަރަށް ދެރަ އަދި ވަރަށް ދަށު ދަރަޖައިގެ އަމަލުތަކެއް." ސިފައިން އެހާ ބުރަކޮށް މަސައްކަތްކުރާތީ ބައެއް މީހުން ދަނީ އެ ކަމާ ސުވާލު ވެސް ކުރަމުންނެވެ. މަގު ހެދުމަކީ ސަރުކާރުން އެސްޔޫއެލްއާ ކޮންޓްރެކްޓް އުސޫލުން ހަވާލުކޮށްފައިވާ މަޝްރޫއަކަށްވެފައި މި މަސައްކަތުގައި އެހެން ބަޔަކު އުޅެނީ ކީއްވެތޯ އެއީ ގިނަ ބަޔަކު އުފައްދާ ސުވާލެކެވެ. ނަމަވެސް ސިފައިންގެ ޝަކުވާއެއް ނެތެވެ. އެ މީހުންނާ ހަވާލުކުރި ކޮންމެ މަސައްކަތެއް އެ މީހުން އަންނަނީ ކުރަމުންނެވެ. ބަޔަކު އެ މީހުންނާ ދޭތެރޭ ދަށް ބައެއްގެ ގޮތުގައިި ދެކުނަސް ގަބޫލުކުރަންޖެހޭ ހަގީގަތަކީ ނޮވެމްވަރު 10- 11 ގައި ބާއްވާ ސާކް ސަމިޓް ސިފައިންގެ އެހީތެރިކަމާ ނުލައި ނުބޭއްވޭނެކަން ޔަގީން ކަމެކެވެ. ވަމުން އަންނަ ތައްޔާރީތައް މިހާ ހިސާބަށް އައީ އެ މީހުންގެ ވަރަށް ބޮޑު ހިއްސާއަކާ އެކުގަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ