ވޯޓު ނެގުމުގެ އޮނިގަނޑެއް ނެތި ހިޔާލު ހޯދުމުގެ ވޯޓު ނެގުމަކީ ގާނޫނީ މައްސަލަތަކެއް ނުކުމެދާނެ ކަމެއް މަޝްހޫރު ގާނޫނީ ވަކީލު މުހައްމަދު ނަޝީދު ވިދާޅުވެއްޖެ

ވޯޓު ނެގުމުގެ އޮނިގަނޑެއް ނެތި އިދާރީ ދާއިރާތައް ގުޅާލުމަށް ހިޔާލު ހޯދުމުގެ ވޯޓު ނެގުމަކީ ގާނޫނީ މައްސަލަތަކެއް ނުކުމެދާނެ ކަމެއް ކަމަށް މަޝްހޫރު ގާނޫނީ ވަކީލު މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.ރައްޔިތުންގެ މަޖިލީހުގެ ކުޅުދުއްފުށީ ދެކުނު ދާއިރާގެ ވެސް މެންބަރު މުހައްމަދު ނަޝީދު، ގާނޫނީ ބައެއް ނުކުތާތައް ފާހަގަކުރައްވައި، އޭނާގެ ބްލޮގްގައި ވިދާޅުވެފައި ވަނީ، މަސްއޫލު ފަރާތްތަކުން ދައްކަވަމުންގެންދަވާ ވާހަކަތަކުގެ ސަބަބުން ނަގަން އުޅޭ ވޯޓަކީ، ކިހިނެއް، ކޮންގޮތަކަށް ނަގާ ވޯޓެއްކަން، އޮޅިއްޖެ ކަމަށެވެ. އަދި ވޯޓާ ބެހޭގޮތުން ފުރަތަމަ އިވެމުންދިޔަ ވާހަކަތަކުން، މި ވޯޓަކީ، ލާމަރުކަޒީ ޤާނޫނުގެ ދަށުން ނަގަން އުޅޭ ވޯޓެއްކަން އެނގިގެންދިޔަ ނަމަވެސް މިއީ، ސަރުކާރުގެ ސިޔާސަތެއްގެ ދަށުން އިދިކޮޅު ޕާޓީއާ މަޝްވަރާ ކުރުމަށްފަހު ނަގަން އުޅޭ ވޯޓެއްކަން މިހާރު އެނގިގެންދާ ކަމަށް ވެސް ނަޝީދު ވިދާޅުވެފައިވެ އެވެ. އެހެންކަމުން މި ވޯޓަކީ، ލާމަރުކަޒީ ޤާނޫނުގެ ދަށުން ނެގޭ ވޯޓަކަށް ނުވާނެ ކަމަށާއި، މި ވޯޓު ވާނީ މުހިންމު ކަމެއްގައި ރައްޔިތުންގެ ޚިޔާލު ހޯދުމުގެގޮތުން ނެގޭ ވޯޓަކަށް ކަމަށް ވެސް އޭނާ ވިދާޅުވެފައިވެ އެވެ. އަދި ދެ ރަށެއް އިދާރީގޮތުން ގުޅާލަންވެއްޖެނަމަ، ކަންހިނގަންވާނެގޮތް ލާމަރުކަޒީ ޤާނޫނުގައި ބަޔާންކޮށް، ވަކި އުސޫލުތަކެއް ކަނޑައަޅައިދީފައި ވާއިރު، އެ ޤާނޫނުގެ އުސޫލުތަކުން ބޭރުން، ޚިޔާލު ހޯދުމުގެ ވޯޓެއް ނެގިދާނެތޯ އެއީ އުފެދޭ ސުވާލެއް ކަމަށް ވެސް ނަޝީދު ވިދާޅުވެފައިވެ އެވެ.އަދި، އެފަދަ ޚިޔާލު ހޯދުމުގެ ވޯޓެއްގެ ނަތީޖާ ލިބުމުން، ލާމަރުކަޒީ ޤާނޫނުގައި ވަކިގޮތަކަށް ވަކި އުސޫލަކުން ކުރުމަށް ބަޔާންކޮށްފައިވާ ކަމެއް ސަރުކާރަށް ބަދަލު ކުރެވިދާނެތޯ، އާއި ރައްޔިތުންގެ ޙުކުމަކަށް ނުވާ، އެއަށް ތަބާވުން ލާޒިމުނުވާ، ރައްޔިތުންގެ ހަމައެކަނި ޚިޔާލު ހޯދުމުގެ ވޯޓެއްގެ ނަތީޖާއަކުން، ރައްޔިތުންނާއި ދައުލަތުން ތަބާވުން ލާޒިމުވެގެންވާ ޤާނޫނެއްގައިވާ އުސޫލެއް ބަދަލުކުރެވިދާނެތޯ، އެއީވެސް އުފެދޭ ސުވާލެއްކަމަށް އޭނާ ވިދާޅުވެފައިވެ އެވެ. އަދި މި ވޯޓުގެ އަޣްލަބިއްޔަތު ވަކިކޮޅަކަށް ލިބުނުކަމަށްވާނީ، ރަށުގެ ރައްޔިތުންގެ ރަޖިސްޓްރީގައިވާ މީހުންގެ ޖުމްލަ އަޣްލަބިއްޔަތު ލިބުމުންތޯ އާއި ރަށުގައި ތިބި 18 އަހަރުން މަތީގެ މީހުންގެ ޖުމްލަ އަޣްލަބިއްޔަތު ލިބުމުންތޯ އާއި ވޯޓުލާން ނުކުމެ ވޯޓުލީ މީހުންގެ އަޣްލަބިއްޔަތު ލިބުމުންތޯ، މިއީވެސް އުފެދޭ ސުވާލުތަކެއް ކަމަށް އޭނާ ވިދާޅުވެފައިވެ އެވެ. އަދި ވޯޓުގެ ނަތީޖާ ބެލުމަށްއޮތް މި ތިން ފޯމިއުލާއަކީ، ރަށުގެ ކުރިމަގާ ސީދާ ގުޅިފައިވާ ފޯމިއުލާއެއް ކަމަށާއި މިއީ ރައްޔިތުންނަށް އޮތް ވޯޓު ދިނުމުގެ ޙައްޤާ ސީދާ ގުޅިފައިވާ ފޯމިއުލާތަކެއް ކަމަށް ވެސް ނަޝީދު ވިދާޅުވެފައިވެ އެވެ.އިލެކްޝަންސް ކޮމިޝަންގެ ރައީސް ފުއާދު ތައުފީގު ވިދާޅުވެފައި ވަނީ، އަންނަ މަހުގެ ނުވައެއްގައި ނެގުމަށް ހަމަޖެހިފައިވާ މި ވޯޓަކީ، ލާމަރުކަޒީ ޤާނޫނުން ރައީސުލްޖުމްހޫރިއްޔާއަށް ލިބިދޭ ބާރުގެ ދަށުން އަންގަވައިގެން ނެގުމަށް ހަމަޖެހިފައިވާ ވޯޓެއް ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ