ފުވައްމުލަކުން މަސްތުވާތަކެއްޗާއިއެކު މީހަކު ހައްޔަރުކޮށްފި

މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި 5 ރަބަރު ކޮޅާއެކު ފުވައްމުލަކުން މީހަކު ހައްޔަރުކޮށްފިއެވެ.
މިމައްސަލާގައި ފުވައްމުލަކު ޕޮލިސް ސްޓޭޝަނުން ހައްޔަރުކޮށްފައިވަނީ އުމުރުން 18 އަހަރުގެ ފިރިހެނެކެވެ.
ފުލުހުންބުނީ މިމަހުގެ 25 ވަނަ ދުވަހުގެ މެންދުރުގެ ވަގުތެއްގައި މަސްތިވާތަކެތީގެ ވިޔަފާރިކުރާކަމަށް ފުލުހުންނަށް ލިބުނު މައުލޫމާތަކާއިގުޅިގެން ފުވައްމުލަކު ޕޮލިސް ސްޓޭޝަނުން ހިންގި ހާއްސަ އޮޕެރޭޝަނެއްގައި ފުލުހުން އޭނާ ހައްޔަރުކޮށްފައިވަނީ މަގުމަތީގައި ހުޓައެވެ.
ފުލުހުން އޭނާ ހައްޔަރުކުރުމަށްފަހު އޭނާގެ ހަށިގަނޑާއި އޭނާ ހުރި ސަރަހައްދު ފުލުހުން ބަލައި ފާސްކުރިއިރު އޭނާ މަޑުކޮށްގެން ހުރި ސަރަހައްދުގައި އޮތް ގާގަނޑެއްގެ ދަށުން ރަބަރު ޕެކެޓެއް ވަނީ ފެނިފައެވެ. މި ޕެކެޓް އޭނާގެ ހާޒިރުގައި ފުލުހުން ބަލައި ފާސްކުރިއިރު އޭގެ ތެރޭގައި މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއް އަޅާފައި ހުރި 5 ރަބަރު ކޮޅު ފެނިފައިވާ ކަމަށްވެސް ފުލުހުންގެ މީޑިއާއިން މައުލޫމާތު ލިބެއެވެ
އިތުރަށް މައުލޫމާތުދެއްވަމުން އޭނާ ފުވައްމުލަކު ޕޮލިސް ސްޓޭޝަނަށް ހާޒިރުކުރެވި އޭނާގެ ކުޑަކަމުދާތަކެތި ޓެސްޓުކުރިއިރު މަސްތުވާތަކެތީގެ ބާވަތެއްކަމަށްވާ އެމްފެޓަމައިން އަށް ޕޮޒިޓިވް ވެފައިވާކަމަށްވެސް ފުލުހުން ބުނެއެވެ.
އެ މައްސަލަ ފުވައްމުލަކު ޕޮލިސް ސްޓޭޝަނުން މިހާރު ތަހުގީގު ކުރަމުންދާކަމަށް ފުލުހުންގެ މީޑިއާއިން ބުނެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ