ކްރޫޒްލައިނާތަކަށް މަރުހަބާ ކިޔާ އިރު އައްޑޫން "އެހެން މަންޒަރެއް"

އައްޑު އަށް ޓޫރިސްޓުންނާ އެކު ކްރޫޒްލައިނާތައް ޒިޔާރަތްކުރުމަކީ އައްޑޫގެ ގިނަ ބަޔަކު ބޭނުންވާ ކަމެކެވެ. މިދިޔަ ހުކުރު ދުވަހާއި ހޮނިހިރު ދުވަހު އައްޑު އަށް ޒިޔާރަތް ކުރި ޖަރުމަންވިލާތުގެ ދެ ކްރޫޒްލައިނާއާ އެކު އެކަން ވަރަށް ރަނގަޅަށް އެނގުނެވެ. އެހެން ނަމަވެސް ކްރޫޒްލައިނާތަކަށް މަރުހަބާ ކިޔަން ޖެހުނީ ދަތިތަކަކާ އެކުގަ އެވެ. އެދަތިކަން އެންމެ ބޮޑަށް އިހުސާސް ކުރަން ޖެހުނީ ހޮނިހިރު ދުވަހު އެވެ. ޔުނިވާސަލްގެ އެޖެންޓްކަމުގެ ދަށުން ހޮނިހިރު ދުވަހު ޖަރުމަންވިލާތުގެ ބިޔަ "އަލްބަޓްރޮސް" ގަމުގެ ބޮޑު ފާލަމާ ދިމާއަށް ބަނދަރުކުރީ އެ ދުވަހު ހެނދުނު 10:30 ހާ އިރު އެވެ. އޭގައި ތިބި ޓޫރިސްޓުން 11 ޖަހާ އިރު ފައިބަން ފަށާނެ ކަމަށް އަންގައި، މަރުހަބާ ކިއުމަށް ވެސް އޮތީ ތައްޔާރުވެފަ އެވެ. އެކަމަކު ދެން ފެނުނީ އެހެން މަންޒަރެކެވެ. ބޮޑު ފާލަމާ ދިމާލު ބޭރުގައި އޮތް ކްރޫޒްލައިނާގެ ޕެސެންޖަރުން އުފުލާ ކުޑަ އުޅަނދުތައް ތައްޔާރުވަމުން ދިޔައީ ޓޫރިސްޓުން ބޮޑު ފާމަލަށް ބޭލޭނެ ގޮތެއް ވޭތޯ އެވެ. އެހެން ނަމަވެސް ފާލަމުގެ ތިން ފަރާތުން ވެސް އެކަން ކުރެވޭ ގޮތެއް ނުވި އެވެ. ދުވަހަކީ އޮއިގަދަ ވައި ބާރު ދުވަހެކެވެ. ޕްރިންސް އެންޑްރޫ އައްޑު އަށް 2009 ގައި ކުރެއްވި ދަތުރުފުޅުގައި އޭނާ ގަމުން ޝަންގްރިއްލާ ރިސޯޓަށް ވަޑައިގަތުމަށް ހާއްސަކޮށްގެން ބޮޑު ފާލަމުގައި ހެދި ޖެޓީގަނޑު ވެސް އޮތީ ބޭނުން ކުރެވޭ ފަދަ ހާލަތެއްގައެއް ނޫނެވެ. ޖެޓީގެ ހަރުފަތްތައް ހަލާކުވެފައި އޮތުން ކްރޫޒްލައިނާގެ އުޅަނދު އެ ޖެޓީ އަށް ކައިރި ކުރެވޭ ގޮތެއް ނުވި އެވެ. މީގެ އިތުރުން ގަމުގެ އެހެން ދިމަދިމާ އަށް ވެސް ޓޫރިސްޓުން ބޭލޭތޯ އައްޑޫ ސިޓީ ކައުންސިލްގެ އޮފިޝަލުންގެ އެހީތެރިކަމާ އެކު ކްރޫޒްލައިނާގެ ފަޅުވެރިން ހަރަކާތްތެރިވި އެވެ. އެހެން ނަމަވެސް ފަޅުވެރިން ބޭނުންވި ގޮތަކަށް ޓޫރިސްޓުން ބޭލޭ ގޮތެއް ނުވި އެވެ. އެންމެ ފަހުން ކްރޫޒްލައިލާ އިން ހަރެއް ގެންގޮސްގެން ބޮޑު ފާލަމުގެ ދެ ދިމާލެއްގައި އެ ހަރު ބޭނުންކޮށްގެން ޓޫރިސްޓުން ބޭލޭނެ ގޮތެއް ވޭތޯ ވެސް ބުރަ މަސައްކަތްތަކެއް ކުރި އެވެ. މިކަމަށް އެ ދުވަހު ބޮޑު ފާލަމަށް އެއްވެފައި ތިބި އެތައް ބައެއްގެ އެހީތެރިކަން ވެސް ލިބުނެވެ. ނަމަވެސް ޓޫރިސްޓުން ގަމަށް ބޭލޭ ގޮތެއް ނުވި އެވެ. ހަގީގަތުގައި ޓޫރިސްޓުން ބޭނުންވީ ގަމަށް ފައިބާށެވެ. އެއީ ގަމުގެ އީކްއެޓާ ވިލެޖަށް ޒިޔާރަތްކޮށް، ގަމުގެ މޫދަށް ވެސް ފަސޭހަ އިން އެރެވެން އޮތީ ގަމަށް ފައިބައިގެން ކަމަށް ވާތީ އެވެ. އެކަމަކު އެކަން ކާމިޔާބު ނުވީ އެވެ. "ގައިމު މި ފާލަމުގެ ހާލަތު ވެސް ތަންކޮޅެއް ރަނގަޅަށް އޮތް ނަމަ މިހާލެއްގައި އުޅޭކަށް ނުޖެހުނީސް. މިކަހަލަ ކަންތައްތަކާ ދިމާވީމާ ލަދުން ބޯހަލާކުވޭ. އެއްކޮޅުން އެބަ ޖެހޭ ކްރޫޒްލައިނާ އާއި ޔޮޓް ފަދަ އެއްޗެހި އައްޑު އަށް އަންނަން،" ހޮނިހިރު ދުވަހު ގަމުގައި ހުރި މީހަކު ހިތްހަމަނުޖެހިފައި ބުންޏެވެ. "އެކަމަކު އެފަދަ އުޅަނދުތަކަށް ކައިރިކޮށްލެވޭ ވަރު ވެސް އަހަރަމެންގެ ނެތް. އަނެއްކޮޅުން ގަމަކީ އިނގިރޭސީން ތަރައްގީކޮށް ދީފައި އޮތް ރަށެއް. އެ ތަރައްގީއެއް، އެ ފަސޭހައެއް މިހާރު ފެންނާކަށް ނެތް. ތަންތަން މިއޮތް ދަނީ ވީރާނާވަމުން. މިކަންކަމަށް އަޅާލާނެ ބަޔަކު ނެތް." "އަލްބަޓްރޮސް" އިން އައްޑު އަށް ދިޔަ ޓޫރިސްޓުންނާއި ހުކުރު ދުވަހު "އެސްޓޯ" އިން ދިޔަ ޓޫރިސްޓުން ފޭބީ ފޭދޫ ބަނދަރަށެވެ. މިކަމާ ބައެއް މީހުން އެހާ ހިތްހަމައެއް ނުޖެހެ އެވެ. އެއް ކަމަކީ ފައިބާ ބައެއް ޓޫރިސްޓުން ނިވާކަން ކުޑަކޮށް ތިބުމެވެ. އެ ޝަކުވާ ހުކުރު ދުވަހު ފޭބި ޓޫރިސްނާ އެކު ކައުންސިލަށް ވެސް ލިބުނެވެ. އެހެންވެ ހޮނިހިރު ދުވަހު، ޓޫރިސްޓުން ފޭބުމުގެ ކުރިން އެކަމަށް ހާއްސަ ސަމާލުކަމެއް ދިން ކަމަށް ކައުންސިލުން ބުންޏެވެ. "އަޅުގަނޑުމެން އެހާ ހިތްހަމައެއް ނުޖެހޭ އެހާ ގިނަ އަދަދެއްގެ ޓޫރިސްޓުން، މީހުން ދިރިއުޅޭ ރަށަކަށް އެއް ފަހަރާ ބާލަކަށް. ފެންނަން ނުވާ މަންޒަރުތައް މިހެން ދިމާވީމަ ފެންނާތީ މައްސަލަ އަކީ،" ފޭދޫން ވާހަކަ ދެއްކި މީހަކު ބުންޏެވެ. އޭނާ ވެސް ބުނީ ކްރޫޒްލައިނާ ފަދަ އުޅަނދުތަކަށް މަރުހަބާ ކިޔަން ހަމަ އެންމެ ރަނގަޅީ ގަން ކަމަށެވެ. އެހެން ނަމަވެސް ގަމުގެ ހާލަތު މިހާރު ވަރަށް ދަށެވެ. އެ ރަށަށް ދޭންވާ ސަމާލުކަން ނުދެވޭތީ ރަށުގެ ތަންތަން ދަނީ ހަލާކުވަމުންނެވެ. "އެއީ މީހުން ދިރިއުޅޭ ރަށެއް ނޫން. އަނެއްކާ ގިނަ އަދަދެއްގެ ބަޔަކު ފޭބިއަސް އާންމުންނަށް ވާނެ އުނދަގުލެއް ނެތް. ކުރަން ޖެހޭ ކަމަކީ ގަމަށް އަރައި ފޭބޭނެ ރަނގަޅު ނިޒާމެއް ހަމަޖެހިފައި އޮތުން،" އޭނާ ބުންޏެވެ. "މިކަހަލަ ކަމަކާ ދިމާވީމަ މި އެނގެނީ ކަންކަމުގައި ހުންނަ މުހިއްމުކަން."
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ