ބްރޯޑްކޮމަށް ލިބެންޖެހޭ ފައިސާ ހޯދަން މަސައްކަތެއް ނުކުރޭ

މޯލްޑިވްސް ބްރޯޑް ކާސްޓިންގް ކޮމިޝަން (ބްރޯޑްކޮމް)އަށް ލިބެންޖެހޭ ފައިސާ ހޯދުމަށް މަސައްކަތް ކޮށްފައި ނުވާކަމަށް އޮޑިޓް އޮފީހުން ބުނެފި އެވެ.
ބްރޯޑްކޮމްގެ މިދިއަ އަހަރުގެ އޮޑިޓު ރިޕޯޓުގައި ބުނެފައިވަނީ، އެ ކޮމިޝަނަށް ލިބެންޖެހޭ އެކިއެކި އަހަރީ ފީތަކާއި އަހަރީ ފީ ނުދައްކައިގެން އަރާ ޖޫރިމަނާ ފައިސާހޯދުމަށް މާލިއްޔަތުގެ ގަވާއިދުގައި ބަޔާންކޮށްފައިވާ ގޮތަށް އަމަލުކޮށްފައި ނުވާ ކަމަށެވެ.
މިގޮތުން، އޮޑިޓް ސާމްޕަލް ނަގައިގެން ބެލި ބެލުމުން އެއް އަހަރަށްވުރެ ގިނަ ދުވަސްވެފައިވާ ލައިސަންސް ފީތަކާއި، ލައިސަންސް ފީ ނުދައްކައިގެން އަރާފައިވާ ޖޫރިމަނާގެ ގޮތުގައި ލިބެންޖެހޭ ތިން މިލިއަނަށް ވުރެ ގިނަ ރުފިޔާ ހޯދުމަށް، އެފަރާތްތަކަށް ފައިސާ ދެއްކުމަށް ހަނދާންކޮށްދީ، ދެފަހަރު މަތިން ސިޓީ ފޮނުވުމަށްފަހުވެސް ފައިސާ ދައްކާފައި ނުވި ނަމަވެސް، ދައުލަތުގެ މާލިއްޔަތުގައި ވާގޮތަށް ފައިސާ ހޯދުމަށް ޝަރީއަތަށް ހުށަހަޅާފައި ނުވާކަން އެ ރިޕޯޓުގައި ވަނީ ފާހަގަކޮށްފައި އެވެ.
މީގެ އިތުރުން، އެއް އަހަރަށްވުރެ ގިނަ ދުވަސްވެފައިވާ ލައިސަންސް ފީތަކާއި ލައިސަންސް ފީ ނުދައްކައިގެން އަރާފައިވާ ޖޫރިމަނާގެ ގޮތުގައި ލިބެންޖެހޭ އިތުރު އެއް މިލިއަނަށް ވުރެ ގިނަ ރުފިޔާ ހޯދުމަށްވެސް، މިއަހަރުގެ ފެބްރުއަރީ މަހުގެ ނިޔަލަށް އެ ކޮމިޝަނުން ޝަރީއަތަށްތަށް ހުށަހަޅާފައި ނުވާކަމަށްވެސް އެ ރިޕޯޓުގައި ބުންޏެވެ.
އޮޑިޓު އޮފީހުން ބުނީ، ދައުލަތަށް އާމްދަނީގެ ގޮތުގައި ލިބެންޖެހޭ ފައިސާއެއް ހޯދުމަށް އެކަށީގެންވާ މަސައްކަތްތަކެއް ނުކުރެވޭނަމަ، ދައުލަތަށް ލިބެންޖެހޭ ފައިސާ ލިބުން ލަސްވެ، އެ ފައިސާއިން ދައުލަތަށް ލިބެންޖެހޭ މަންފާ ނުލިބޭ ކަމަށެވެ.
އެހެންކަމުން، މާލިއްޔަތުގެ ގަވާއިދުގައި ބަޔާންކޮށްފައިވާ ގޮތަށް، ބްރޯޑްކޮމުން ދައުލަތަށް ލިބެންޖެހޭ ފައިސާ ހޯދުމަށް ފިޔަވަޅު އެޅުމަށާއި، ފުރުޞަތު ދިނުމުންވެސް ފައިސާ ނުދައްކައިފިނަމަ، ފައިސާ ހޯދުމުގެ މައްސަލަ ޝަރީއަތަށް ހުށަހަޅައިގެން ކުރިއަށް ގެންދިއުމަށް އޮޑިޓު އޮފީހުން ވަނީ ލަފާދީފައި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ