މިއަދު ކޮވިޑަށް ޕޮޒިޓިވްވި މީހުންގެ އަދަދު 50 އަށް

ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ނެރުނު ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި މިއަދު ރާއްޖެއިން ކޮވިޑަށް ޕޮޒިޓިވްވި މީހުންގެ އަދަދު 50 އަށް އަރައިފިއެވެ.
މިއަދު ޕޮޒިޓިވް ވި މީހުންގެ ތެރޭގައި ހިމެނެނީ މާލެ ސަރަހައްދުން ޕޮޒިޓިވް ވި 27 މީހަކާއި، އަތޮޅު ތެރެއިން މީހުން ދިރިއުޅޭ ރަށްރަށުން 16 މީހަކާއި ހިންގަމުންދާ ރިސޯޓަކުން 7 މީހެކެވެ. އެހެންކަމުން ޖުމްލަ ކޭސްތަކުގެ އަދަދަކީ 48 އެއް ކަމަށް އެޗްޕީއޭއިން ބުނެއެވެ.
މިއާއެކު ރާއްޖެއިން މި ބައްޔަށް ޕޮޒިޓިވްވި މީހުންގެ ޖުމްލަ އަދަދު މިވަނީ 14،375 އަށް އަރާފައެވެ. އޭގެ ތެރެއިން މިއަދު 9 މީހަކު ރަނގަޅުވެފައި ވާއިރު ބަލިން ރަނގަޅުވި ޖުމްލަ މީހުންގެ އަދަދު ވަނީ 13،474 އަށް އަރާފައެވެ. މިވަގުތު މިބަލި ޖެހިފައި ތިބި މީހުންގެ އަދަދު 845 ގައި އުޅޭ އިރު، އެމީހުންގެ ތެރެއިން 61 މީހަކަށް ހޮސްޕިޓަލުގައި ދަނީ ފަރުވާ ދެމުންނެވެ.
ރާއްޖެއިން ކޮވިޑް ބަލީގައި ނިޔާވި މީހުންގެ އަދަދު 49 އަށް ވަނީ އަރާފައެވެ. އެއީ 42 ދިވެހިންނާއި ހަތް ބިދޭސީންނެވެ. އެ ބިދޭސީންގެ ތެރޭގައި ހިމެނެނީ ބަންގްލަދޭޝްގެ ހަ މީހަކާއި ފިލިޕީންސް މީހެކެވެ. ނިޔާވި 49 މީހުންގެ އިތުރުން ކޮވިޑަށް ޕޮޒިޓިވްވި 7 މީހަކު ނިޔާވެފައި ވެއެވެ. އަދި އެ 7 މީހުންނަކީ ކޮވިޑް މަރެއް ނޫން ކަމަށް އެޗްޕީއޭއިން ވަނީ ނިންމާފައެވެ.
މިވަގުތު ރާއްޖޭގެ ބައެއް ރަށްރަށް ވަނީ ކޮވިޑްގެ ސަބަބުން މޮނިޓަރިންގެ ހާލަތަށް ބަދަލުކޮށްފައެވެ. އެ ރަށްރަށުގެ ތެރޭގައި ގއ. ދެއްވަދޫއާއި، ދާންދޫ އާއި ވިލިނގިލީގެ އިތުރުން ލ. ފޮނަދޫއާއި ގަން ހިމެނެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ