ރައީސް ޔާމީން މިނިވަންކުރަން ސީދާ ހަރަކާތަށް ނުކުންނަން އިދިކޮޅުން ނިންމައިފި

ކުރީގެ ރައީސުލްޖުމްހޫރިއްޔާ ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް މިނިވަންކުރުމަށް ސީދާ ހަރަކާތަށް ނުކުތުމަށް އިދިިކޮޅު ޕްރޮގްރެސިވް ކޮންގުރެސް ކޯލިޝަނުން މިއަދު ނިންމައި ޤަރާރެއް ފާސްކޮށްފިއެވެ.
މި ޤަރާރު ފާސްކޮށްފައިވަނީ އިދިކޮޅު ކޯލިޝަނުގައި ހިމެނޭ ދެ ޕާޓީ ކަމުގައިވާ ޕީޕަލްސް ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް) އަދި ޕީޕަލްސް ނޭޝަނަލް ކޮންގުރެސް (ޕީއެންސީ)ގެ ކައުންސިލުތައް އެއްކޮށް ކުރިއަށް ގެންދިޔަ ޖޮއިންޓު ކައުންސިލަށް އެ ކޯލިޝަން ހިންގެވުމާ ވަގުތީ ގޮތުން ހަވާލުވެވަޑައިގެން ހުންނެވި ޕީއެންސީގެ ރައީސް ޢަބްދުއްރަޙީމް ޢަބްދުﷲ ހުށަހެޅުއްވި ޤަރާރެއްގައެވެ.
އިދިކޮޅު އިއްތިހާދުގެ ކައުންސިލުން ފާސްކުރި ޤަރާރުގައި ބުނެފައިވަނީ ރައީސް ޔާމީނުގެ މައްޗަށް މަނީލޯންޑަރިންގެ ކުށް ސާބިތުވެއްޖެކަމަށް ކަނޑައަޅައި ކުރިމިނަލް ކޯޓުން އިއްވި ހުކުމަކީ ސިޔާސީ ބޭނުމަށްޓަކައި، އިސްލާމީ ޝަރީޢަތާއި ޤާނޫނުތަކާ ޚިލާފަށް އިއްވި ހުކުމެއް ކަމަށާއި، އަދި އެ ހުކުމް ނަގަހައްޓަން ހައިކޯޓުގައި އެމަނިކުފާނުގެ އިސްތިއުނާފު މައްސަލަ ބެއްލެވި ފަނޑިޔާރުންގެ މަޖިލިހުގެ 2 ފަނޑިޔާރުންގެ އަޣުލަބިއްޔަތުން ނިންމި ނިންމުމަކީވެސް އެފަދައިން ސިޔާސީ ސަބަބުތަކަށްޓަކައި ނިންމާފައިވާ ޤާނޫނާއި ޝަރީޢަތާ ޚިލާފު ނިންމުމެއް ކަމަށެވެ.
އަދި ހައިކޯޓުގައި މައްސަލަ ބެއްލެވި ފަނޑިޔާރުންގެ ތެރެއިން ފަނޑިޔާރު ޙުސައިން ޝަހީދުގެ ރައުޔައަށް ބަލާއިރު، މި މައްސަލައަކީ ފެށުމުގައިވެސް ބާޠިލު ދައުވާއެއްގެ މައްޗަށް ބިނާކޮށް ކުރިއަށް ގެންގޮސްފައިވާ މައްސަލައެއް ކަމާއި، ރައީސް ޔާމީނުގެ މައްޗަށް މައްސަލަ ސާބިތުކުރި ހެއްކަކީވެސް ބާޠިލު ހެކިތަކެއްކަން އެނގޭ ކަމަށް އެ ޤަރާރުގައި ބުނެފައިވެއެވެ.
އަދި ކުރީގެ ނައިބުރައީސް އަޙްމަދު އަދީބާއި އެމްއެމްޕީއާރުސީގެ ކުރީގެ މެނޭޖިން ޑިރެކްޓާ ޢަބްދުﷲ ޒިޔަތުގެ ހެކި ބަހަކީ ފާސިޤުންގެ ހެކިބަސް ކަމަށާއި އެއީ ބަލައިނުގަނެވޭނެ ހެކިބަސްކަމަށް ދެ ފަނޑިޔާރަކު އިއްތިފާޤުވެފައިވާ ކަމަށާއި، އޭސީސީގެ ކުރީގެ ރައީސް މުޢައްވިޒް ރަޝީދުގެ ހެކިބަސް ބަލައިނުގަނެވެނީ އޭނާ ޝަރީޢަތުގެ މަޖިލިހުގައި ދޮގު ހެދުމުން ކަމަށް ފަނޑިޔާރު ޝަހީދުގެ ރައުޔައިން އެނގޭ ކަމަށް އިދިކޮޅުގެ ޤަރާރުގައި ފާހަގަކޮށްފައިވެއެވެ.
ދަށު ކޯޓުގެ ހުކުމް ނަގަހައްޓަވަން ނިންމެވި ދެ ފަނޑިޔާރުން އެގޮތަށް ނިންމެވުމުގައި ދިވެހިރާއްޖޭގެ ޤާނޫނު އަސާސީއަށާއި ޤާނޫނުތަކަށާއި، ބައިނަލްއަޤުވާމީ މުޢާހަދާތަކާއި ކުރިއަރާފައިވާ ޤައުމުތަކުގައި މިފަދަ މައްސަލަތައް ބެލުމުގައި ނިންމާފައިވާ ނިންމުންތަކަށް އެއްވެސް ވަރަަކަށް ރިޢާޔަތްކުރައްވާފައި ނެތުމުން އެއީ އެ ބޭފުޅުން މިނިވަންކަމާއެކު ނެރުއްވި ހުކުމެއް ނޫންކަން އެނގޭ ކަމަށް އިދިކޮޅު ކޯލިޝަނުގެ ޤަރާރުގައި ބުނެފައިވެއެވެ.
އިދިކޮޅު ކޯލިޝަނުގެ ޤަރާރުގައި ނިންމާފައިވަނީ ހައިކޯޓުގެ ހުކުމް ބަލައިނުގަތަމަށެވެ. އެއީ ޤާނޫނާއި އިސްލާމީ ޝަރީޢަތާ ޚިލާފު ހުކުމެއް ކަމުގައި ދެކޭ ކަމަށް އެ ކޯލިޝަނުން ބުނެފައިވެއެވެ. އަދި އެ ކޯލިޝަނުން ނިންމާފައިވަނީ ރައީސް ޔާމީން މިނިވަންކުރުމަށް ސީދާ މަގުމަތީ ހަރަކާތް ހިންގުމަށް ނުކުންނަން ކަމުގައިވެސް އެ ޤަރާރުގައި ބުނެފައިވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ