މިންތީގެ ހަމަހަމަކަން ކަށަވަރުކުރަން ވިސްނުން ބަދަލުކުރަންޖެހޭ: އޭޖީ

މިންތީގެ ހަމަހަމަކަން ކަށަވަރުކުރުމަށް ވިސްނުން ބަދަލުކުރަންޖެހޭ ކަމަށް އެޓާނީ ޖެނެރަލް އިބްރާހިމް ރިއްފަތު ވިދާޅުވެއްޖެއެވެ.
އޭޖީ މިހެން ވިދާޅުވީ ލޯކަލް ކައުންސިލްތަކުގެ 33 ޕަސެންޓް އަންހެނުންނަށް ހާއްސަ ކުރާ ގޮތަށް ލާމަރުކަޒީ ގާނޫނަށް ގެނެސްފައިވާ އިސްލާހާއި ގުޅިގެން ހައިކޯޓަށް ހުށަހެޅި މައްސަލައާ ގުޅިގެންނެވެ. އެ މައްސަލައިގައި ހައިކޯޓުން އިއްޔެ ވަނީ އެ އިސްލާހު ގެނެސްފައިވަނީ ރަނގަޅަށް ކަމަށް ހުކުމް ކޮށްފައެވެ.
މި މައްސަލަ ހައިކޯޓަށް ހުށަހެޅީ ޖުމްހޫރި ޕާޓީގެ ޒުވާނުންގެ ގޮފީގެ ކުރީގެ ރައީސް މޫސާ އަންވަރުއެވެ. އެގޮތުން މޫސަގެ ފަރާތުން ހައިކޯޓަށް ހުށައެޅި މި މައްސަލައިގައި ބުނެފައިވަނީ، އަންހެނުންނަށް ގޮނޑި ޚާއްސަކުރަން ޖެހޭ ގޮތަށް ލާމަރުކަޒީ ނިޒާމަށް ގެނައި އިސްލާޙަކީ ޖިންސީ ގޮތުން ތަފާތު ކުރުމަށް މަގުފަހިވާ އިސްލާޙެއް ކަމަށެވެ.
އޭޖީ ރިފްއަތު ވިދާޅުވީ މުޖުތަމައުގެ އާދަކާދަ އާއި ވިސްނުން އެ ޒަމާނާއި އެ އިރެއްގެ ހާލަތަށް ބަދަލު ކުރުމަށް ގާނޫނަކީ ހަމައެކަނި ވަސީލަތެއް ކަމަށެވެ. އަދި މިންތީގެ ހަމަހަމަކަން ކަށަވަރު ކުރެވޭނީ ވިސްނުން ބަދަލުކޮށްގެން ކަމަށްވެސް ރިފްއަތު ވިދާޅުވި އެވެ.
މުޖުތަމަޢުގެ އާދަކާދާއި ވިސްނުން ޒަމާނާއި ހާލަތަށް ބަދަލުކުރުމަށްޓަކައި ޤާނޫނަކީ ހަމައެކަނި ވަޞީލަތެކެވެ. މިންތީގެ ހަމަހަމަކަން ކަށަވަރުކުރުމަށް ވިސްނުން ބަދަލުކުރަންޖެހެއެވެ.
— I Riffath (@ibriffath) January 25, 2021
އެ ނިންމުމާ ގުޅިގެން މޫސަ ވިދާޅުވީ ހައިކޯޓުގެ ހުކުމް ގާނޫނު އަސާސީގެ ހައްގުތަކުގެ ބާބު ކަފުން ކުރުމަށް ފުރުސަތު ލިބޭތީ އަދި އެ ހުކުމް ގާނޫނު މާނަކުރުމުގެ ހަމަތަކާއި އަދުލު އިންސާފު ގާއިމު ކުރުމުގެ އަސާސީ މަގުސަދުތަކާއި ހިލާފު ކަމަށް ވާތީ ސުޕްރީމް ކޯޓުގައި އިސްތިއުނާފް ކުރުމަށް ނިންމާފައިވާ ކަމަށެވެ.
މޫސާ އަންވަރުގެ ފަރާތުން މި މައްސަލަ ފުރަތަމަ ހުށައަޅާފައިވަނީ ވެސް ސުޕްރީމް ކޯޓަށެވެ. އެހެން ނަމަވެސް މި މައްސަލަ ނުބެލޭނެ ކަމަށް ނިންމައި ސުޕްރީމް ކޯޓުގެ ރެޖިސްޓްރަރ، މޫސާ އަންވަރަށް ފޮނުވާފައިވާ ސިޓީގައި ބުނެފައިވަނީ، ފުރަތަމަ މަރުހަލާގައި އެ މައްސަލަ ބެލުމުގެ ބާރުލިބިގެންވަނީ ހައިކޯޓަށް ކަމަށެެެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ