1600 ވުރެ ގިނަ ބަންގްލަދޭޝް ރައްޔިތުން ޤައުމަށް ފޮނުވާލައިފި

ޤަވާއިދާއި ޚިލާފަށް ރާއްޖޭގައި އުޅޭ ބިދޭސީން ފޮނުވާލުމަށް ކުރާ މަސައްކަތުގެ ތެރެއިން މިއަދުވެސް ބަންގްލަދޭޝްގެ 200 ރައްޔިތަކުން އަނބުރާ ޤައުމަށް ފޮނުވާލައިފިއެވެ. މި އެންމެންވެސް ފޮނުވާލީ ޑާކާއަށް މިއަދު ދިޔަ މޯލްޑިވިއަންގެ ފްލައިޓްގައެވެ.
ރާއްޖޭގައި އެއްވެސް ލިޔެކިއުމެއް ނެތި ޤަވާއިދާއި ޚިލާފަށް އުޅޭ ބިދޭސީން އެމީހުންގެ ޤައުމުތަކަށް އަނބުރާ ފޮނުވާލުމަށް ކުރަމުން އަންނަ މަސައްކަތުގެ ދަށުން މިހާތަނަށް 1600 ވުރެ ގިނަ ބަންގަލަދޭޝް ރައްޔިތުން ވަނީ ފޮނުވާލާފައެވެ.
ރާއްޖޭގައި މަސައްކަތް ކުރާ ބިދޭސީންގެ ތެރެއިން ވާކް ވިސާ ނެތި ޤަވައިދާ ހިލާފަށް އެންމެ ގިނައިން އުޅެނީ ބަންގަލަދޭޝް އަށް ނިސްބަތްވާ މީހުންނެވެ.
ރާއްޖޭގައި މަސައްކަތް ކުރާ ބަންގްލަދޭށްގެ ރައްޔިތުންގެ އިތުރުން އެހެން ޤައުމުތަކުގެ ރައްޔިތުންވެސް އަންނަނީ ޤައުމުތަކަށް ފޮނުވާލުމުގެ މަސައްކަތް ކުރަމުންނެވެ. މިގޮތުން އިންޑިއާގެ 2000 ވުރެ ގިނަ މީހުންވަނީ އަނބުރާ ޤައުމަށް ގެންގޮސްފައެވެ. އަދި ޕާކިސްތާނުގެ 40 ވުރެ ގިނަ ރައްޔިތުންވެސް ވަނީ އެމީހުންގެ ޤައުމަށް ފޮނުވާލާފައެވެ.
ޤަވައިދާ ހިލާފަށް އުޅޭ ބިދޭސީން ފޮނުވާލުމުގެ މަސައްކަތް ކުރަމުން އަންނަ އިރު އަމިއްލަ ޤައުމަށް ދާން ބޭނުންވެ ދެވޭނެ ގޮތެއް ނެތިފައި ތިބި ބައެއް މީހުންވެސް އަންނަނީ ފޮނުވާލަދެމުންނެވެ. މިގޮތުން ޤަވާއިދާއި އެއްގޮތަށް އުޅުނު 300 ވުރެ ގިނަ މީހުން އެމީހުން އެދުމުގެ މަތިން ވަނީ ޤައުމަށް ފޮނުވައިދީފައިވާކަމަށެވެ.
ރާއްޖޭގައި ވޯކް ޕާމިޓާއި ނުލާ މަސައްކަތް ކުރާ 5000 ބިދޭސީން އަނބުރާ ޤައުމުތަކަށް ކުރިއަށް ތިން މަސްދުވަހުގެ ތެރޭގައި ފޮނުވާލާނެކަން ސަރުކާރުން ވަނީ ހާމަކޮށްފައެވެ.
މާލޭގައި ކޯވިޑް ބަލި ފެތުރެން ފެށުމާއި އެކު ބިދޭސީންނަކީ ބަލިމަޑުކަމުގައި ނުރައްކާ އެންމެ ބޮޑު އެއް އާބާދީކަމަށްވާތީ އެމީހުންގެ ޙާލަތު ވަރަށް ގާތުން ބަލަމުންދާކަމަށް ސަރުކާރުން ވަނީ ވިދާޅުވެފައެވެ. އެއްތަނެއްގައި ތޮއްޖެހިގެން އުޅޭ ބިދޭސީންގެ ތެރޭގައި މިބަލި ފެތުރިދާނެ ކަމުގެ ބިރު ބޮޑުވެފައިވާތީ މިވަގުތުވެސް 40 ވުރެ ގިނަ ތަނެއް ކޮންޓެއިންމެންޓް ސައިޓްތައްކަމަށް ބަލާ ވަދެ ނިކުތުން މަނާކޮށް އެތަންތަން އަންނަނީ ބަލަހައްޓަމުންނެވެ.
މީގެ އިތުރުން ދިވެހި ރެޑް ކްރެސެންޓް މެދުވެރިކޮށް ބިދޭސީންނަށް ބޭނުންވާ އެހީތެރިކަން އަންނަނީ ފޯރުކޮށްދެމުންނެވެ. މީގެ އިތުރުން ބިދޭސީންނަށް ޚާއްސަ އައިސޮލޭޝަން ފެސިލިޓީތަކާއި، ކަރަންޓީން ފެސިލިޓީތައް ޤާއިމުކޮށް އެތަންތަނަށް ބިދޭސީން ބަދަލުކޮށް އަންނަނީ ބަލަހައްޓަމުންނެވެ.
ޤަވާއިދާ ޚިލާފަށް އުޅޭ ބިދޭސީން އެމީހުންގެ ޤައުމަށް ފޮނުވާލުމުގެ މަސައްކަތް ސަރުކާރުން ކުރަމުން އަންނައިރު ރާޢްޖޭގައި ޤަވާއިދާ ޚިލާފަށް އުޅެމުންދާ ބިދޭސީން އަލުން ރަޖިސްޓަރ ކުރުމަށްޓަކައި ޚާއްޞަ ރެގިއުލަރައިޒްކުރުމުގެ ޕްރޮގްރާމެއް ވަނީ ފަށާފައެވެ. އެގޮތުން މިފުރުސަތުގެ ދަށުން 40 ހާހަށްވުރެ ގިނަ ބިދޭސީން ރަޖިސްޓްރީކޮށްފައިވާކަމަށް އިކޮނޮމިކް މިނިސްޓްރީއިން ވަނީ ވިދާޅުވެފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ