ޝަރުއީ ކޯޓުތަކަށް ދައްކަންޖެހޭ ފައިސާ "ބަނޑޭރި ޕޭ" މެދުވެރިކޮށް ދެއްކޭނެ އިންތިޒާމު ހަމަޖައްސައިފި

ފިނޭންސް މިނިސްޓްރީން ގާއިމުކޮށްފައިވާ "ބަނޑޭރި ޕޭ" މެދުވެރިކޮށް ޝަރުއީ ދާއިރާގެ ކޯޓުތަކަށާއި އިދާރާތަކަށް ދައްކަންޖެހޭ ފައިސާ ދެއްކޭނެ އިންތިޒާމު ހަމަޖައްސައިފިއެވެ.
ބަނޑޭރި ޕޭއަކީ އެކި ފަރާތްތަކުން ދައުލަތުގެ އޮފީސްތަކަށް ދައްކަންޖެހޭ ފައިސާ އޮންލައިންކޮށް ދެއްކުމަށް ބޭނުންކުރާ ޕޯޓަލްއެކެވެ.
ކޮވިޑް 19އާ ގުޅިގެން މިދިޔަ މާޗް މަހުގެ 19 ވަނަ ދުވަހުން ފެށިގެން ޝަރުއީ ދާއިރާއަށް ދައްކަންޖެހޭ ފައިސާ ދެއްކުމަށް ތިން ގޮތެއް އޮތީ ހަމަޖައްސައިފައެވެ.
އެއީ ފައިސާ ދައްކަންޖެހޭ ފަރާތުގެ ވައިބާ ނުވަތަ ވަޓްސްއެޕް ނުވަތަ އީމެއިލް މެދުވެރިކޮށް ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން (ޑީޖީއޭ) އިން ފޮނުވާ ލިންކުން ހުޅުވޭ ޕޯޓަލް މެދުވެރިކޮށްގެންނާއި އެ ޑިޕާޓްމަންޓުގެ ވެބްސައިޓުގައި އިންނަ ސްޓެޓިކް ކިއުއާރު ސްކޭން ކޮށްގެން އަދި ބޭންކް އޮފް މޯލްޑިވްސްގެ ބޭންކު އެކައުންޓަކަށް ފައިސާ ޓްރާންސްފާ ކޮށްގެންނެވެ.
ޑީޖީއޭ އިން މިއަދު ނެރުނު އިއުލާނެއްގައި ބުނީ ބަނޑޭރި ޕޭ ޕޯޓަލް މެދުވެރިކޮށް ޝަރުއީ ދާއިރާއަށް ދައްކަންޖެހޭ ފައިސާ ދެއްކުމުގެ އިންތިޒާމު ހަމަޖެހުމުން، ބޭންކު އެކައުންޓަށް ފައިސާ ބަލައިގަތުން މިމަހުގެ ފަހުން ހުއްޓާލާނެ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ