މަރުކޮމިޝަނަށް ތަހުޤީޤު ކުރިއަށް ނުގެންދެވޭނޭ ބުނުމަކީ ރައްޔިތުން ބަލައިގަންނާނެ ކަމެއް ނޫން: ޣައްސާން

މަރު ކޮމިޝަނުގެ ފަރާތުން ފަށާފައިވާ ތަހުޤީޤުތައް ކުރިއަށް ނުގެންދެވޭނެ ކަމުގައި ބުނުމަކީ ރައްޔިތުން ބަލައިގަންނާނެ ކަމެއް ނޫން ކަމުގައި ރައްޔިތުން މަޖިލިހުގެ ގުރައިދޫ ދާއިރާ މެންބަރު އަދި ޕީޕީއެމްގެ ނައިބު ލީޑަރު މުޙައްމަދު ޣައްސާން މައުމޫން ވިދާޅުވެއްޖެއެވެ.ޣައްސާން މިފަދައިން ވިދާޅުވީ މިއަދު އޮތް މަޖިލިހުގެ ޖަލްސާގައި ރައްޔިތުން މަޖިލިހުގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވި ބަސްފުޅަކަށް އިޝާރާތްކުރައްވައި ކުރެއްވި ޓުވީޓެއްގައެވެ. ރައީސް ނަޝީދު ވިދާޅުވެފައިވަނީ މަރު ކޮމިޝަނުން ބަލަމުން ދިޔަ މައްސަލަތައް އިތުރަށް ތަޙުޤީޤުނުކުރެވޭނެ ކަމުގައާއި އައު ހެކި ލިބެން ނެތްކަމުގައި ކޮމިޝަނުން ބުނެފައިވާ ކަމުގައެވެ. ޣައްސާން އެކަމަށް އިޝާރާތްކުރައްވައި ވިދާޅުވީ ސަރުކާރުން ވަޢުދުވެފައިވަނީ މަރުތަކުގެ ޙަޤީޤަތް ހޯދައި މުޖުތަމަޢާއި އެޢާއިލާތަކަށް ހަމަޖެހުމާއި އިންސާފު ހޯދައިދިނުމަށް ކަމުގައެވެ. އަދި މަރު ކޮމިޝަނަށް ޤާނޫނީ ބާރު ދީފައިވާ ކަން ޣައްސާން ފާހަގަކުރެއްވިއެވެ. ހަމައެހެންމެ ދައުލަތުގެ މާލިއްޔާއިން އެކޮމިޝަނަށް ޚަރަދުކޮށްފައިވާކަންވެސް ޣައްސާން ފާހަގަކުރެއްވިއެވެ. ޣައްސާން ވިދާޅުވީ ކޮމިޝަނަށް ޤާނޫނީ ބާރުދީ އަދި ޚަރަދުކުރުމަށްފަހު މިހާރު މައްސަލަތައް ތަހުޤީޤުނުކުރެވޭނެ ކަމުގައި ބުނުމަކީ ރައްޔިތުން ބަލައިގަންނާނެ އަދި ޤަބޫލުކުރާނެ ކަމެއް ނޫން ކަމުގައެވެ. އަދި އޭގެ އިތުރަށް ޣައްސާނު ސުވާލުކުރައްވާފައިވަނީ "ސެލެކްޓިވް" ޖަސްޓިސް ނުވަތަ ވަކި ބައެއްގެ މައްޗަށް އަދުލު އިންސާފު ހިންގުމުގެ ތެރެއިން އިންސާފުގެ ދަތުރު ނިންމާލީތޯއެވެ. މަޖިލިހުގެ ރައީސް ކޮމިޝަނުގެ މަސައްކަތް ކުރެވެން ނެތް ކަމުގައި ކޮމިޝަނުން ބުނެފައިވާ ކަމަށް ވިދާޅުވިނަމަވެސް މިއަދު ކޮމިޝަނުން ނެރުނު ބަޔާނެއްގައި އެކަން ދޮގުކޮށްފައިވެއެވެ. ކޮމިޝަނުން ބުނީ ކޮމިޝަނުގެ މަސައްކަތް ގޮސްފައިވާ ހިސާބާތައި މަސައްކަތުގައި އައު ހެކި ހޯދުމަށް މެދުވެރިވާ ގޮންޖެހުންތަކުގެ ވާހަކަ އެކޮމިޝަނުން މަޖިލިހާ ހިއްސާކުރި ކަމުގައެވެ. ނަމަވެސް ތަހުޤީޤެއް ހުއްޓާލާނެ ކަމުގައި ނުވަތަ ކުރިއަށް ނުގެންދެވޭނެ ކަމުގައި ބުނެފައިނުވާނެ ކަަމަށްވެސް ކޮމިޝަނުން ބުނެފައިވެއެވެ. 
މިލިޔުން ކިޔާލުމުން
0 %
އުފާވި
0 %
ދެރަވި
0 %
ރުޅިއައި
0 %
މައުލޫމާތު މުއްސަނދިވި
ކިޔުންތެރިންގެ ހިޔާލު
ފޮނުވާ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ