ކޯޓުގައިވެސް ނަޝީދު އަވަހާރަކޮށްލާނެ ކަމުގެ އިންޒާރު، އިތުރު އެއް މަހަށް ޖަލަށް

ކީރިތި ރަސޫލާއަށް އެންމެ ބޮޑަށް ގޯނާކުރި އަބޫ ޖަހުލަށް ހަދާލި ގޮތް، ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް ހަދާނެ ކަމަށް ބުނެ އިންޒާރު ދިން އިސްމާއިލް ޔާފިސް، ކުރިމިނަލް ކޯޓުގައިވެސް ނަޝީދަށް މަރުގެ އިންޒާރު ދީފި އެވެ
ފޭސްބުކުގައި ކުރި ކޮމެންޓާ ގުޅިގެން އުމުރުން 40 އަހަރުގެ ޔާސިފް ހައްޔަރުކުރީ އޮގަސްޓު މަހުގެ 23 ވަނަ ދުވަހު ރ. މީދޫންނެވެ. ނަމަވެސް ރ. އުނގޫފާރު މެޖިސްޓްރޭޓް ކޯޓަށް ހާޒިރުކުރުމުން އެ ކޯޓުގައިވެސް އަޑުގަދަކޮށް ހަދާފައިވާތީ, ހުރުމަތް ކެނޑުމުގެ އަދަބެއްގެ ގޮތުން 15 ދުވަހުގެ ޖަލު ހުކުމެއް އިއްވި އެވެ.
ޔާފިސް މިއަދު ކުރިމިނަލް ކޯޓަށް ހާޒިރުކުރީ އޭނާގެ ބަންދު މަޖިލީހަށެވެ. އެ މަޖިލީހުގައި ޔާފިސް ވަނީ ނަޝީދު އަވަހާރަކޮށްލާނެ ކަމަށް ބުނެ އިންޒާރުތަކެއް ދީފަ އެވެ.
އެގޮތުން ކުރިމިނަލް ކޯޓުގެ ގާޒީ އަލީ އާދަމް ނިންމެވީ އެއީ ކޯޓުގެ ހުރުމަތް ކެނޑުމުގެ އަމަލެއްގެ ގޮތުގަ އެވެ. އަދި އަދަބެއްގެ ގޮތުން އެއް މަހުގެ ޖަލު ހުކުމެއް އިއްވެވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ