ކޮވިޑް-19: ޓެސްޓުކުރުމުގެ އުސޫލަށް ބަދަލު ގެންނަން މަޝްވަރާ ކުރަނީ

ރާއްޖޭގައި ކޮވިޑް-19 އަށް ޓެސްޓު ކުރުމުގެ އުސޫލަށް ބަދަލުތަކެއް ގެންނަން މަޝްވަރާތައް ފަށާފައިވާ ކަމަށް އައިޖީއެމްއެޗުގެ ޑރ. މޫސާ މުރާދު މިރޭ ވިދާޅުވެެއްޖެ އެވެ.
ކޮވިޑް-19 އާ ގުޅޭ އެންމެ ފަހުގެ މައުލޫމާތު ހާމަކުރުމަށް ބޭއްވި މީޑިއާ ބްރީފިންގައި ޑރ. މުރާދު ވިދާޅުވީ، މި މަޝްވަރާތައް ފަށާފައި ވަނީ ރާއްޖޭގައި ކަރަންޓީނުގެ މުއްދަތު ހަމަކުރުމަށް ފަހު، ފުރައިގެން ދިޔަ އިޓަލީގެ ދެ ޓޫރިސްޓުންގެ ނަތީޖާ ޕޮޒިޓިވްވުމާ ގުޅިގެން ކަމަށެވެ.
އެ ދެ މީހުންގެ ފަރާތުން ކޮވިޑް ބަލީގެ އެއްވެސް އަލާމާތެއް ނުފެނުނު ނަމަވެސް އެ މީހުން އެ ބައްޔަށް ޓެސްޓް ކުރީ ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ކުރާ ދިރާސާ އަކަށް ކަމަށް އެ އިދާރާ އިން ވަނީ ބުނެފަ އެވެ. ނަމަވެސް އެ މީހުންގެ ނަތީޖާ ލިބުނު އިރު އިއްޔެ ހެނދުނު ވަނީ ފުރައިގެން ގޮސްފަ އެވެ.
ޑރ. މުރާދު ވިދާޅުވީ އެ މައްސަލަ ފެންމަތިވުމާ އެކު، މިހާރު ލިބިފައިވާ މައުލޫމާތުތަކާއި އެހެން ގައުމުތަކުގައި އަމަލު ކުރާ އުސޫލުތަކާއި މައުލޫމާތުތަކަށް ބަލައި، ރާއްޖޭގައި މިހާރު ކަން ކުރަމުންދާ ޕޮލިސީތަކަށް ގެންނަން ފެންނަ ރަނގަޅު ބަދަލުތަކާ ގުޅިގެން ޓެކްނިކަލް އެޑްވައިޒަރީ ޓީމުން މަޝްވަރާ ކުރަމުން އަންނަ ކަމަށެވެ.
"އިރާދަކުރެއްވިއްޔާ ވަރަށް އަވަހަށް ތިޔަބޭފުޅުންނަށް އަޅުގަނޑުމެން އެ ނިންމާ ނިންމުންތަކުގެ މައުލޫމާތު ލިބިގެންދާނެ. އަޅުގަނޑުމެން މި ބަލަނީ މާދަމާއާ ހިސާބަށް އެ މައުލޫމާތުތައް އަޅުގަނޑުމެންނަށް ނުވަތަ އެ ނިންމުންތައް ނިންމަން ވަކި ގޮތެއް ފައިނަލައިޒް ކުރެވޭނެ ކަމަށް،" ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރުން ބޭއްވި މީޑިއާ ބްރީފިންގައި ޑރ. މުރާދު ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުުގައި، ޓެސްޓު ކުރުމަށް ގެންނަ ބަދަލުތަކުގައި ބަލާނީ އެކި ގައުމުތަކުގައި ކޮވިޑް-19 ފެތުރިފަައި އޮތް ވަރާއި ރާއްޖޭގެ ހާލަތާއި ބަލި ކޮންޓްރޯލް ކުރެވިފައި އޮތް މިންވަރަށެވެ. އަދި ކުރިމަގުގައި ރާއްޖޭގައި އަޅަން ބޭނުންވާ ފިޔަވަޅުތަކަށް މި ޓެސްޓުތަކުގެ ނަތީޖާ ވަރަށް މުހިންމު ވާނެ ކަމަށް ޑރ. މުރާދު ވިދާޅުވި އެވެ.
އެކަމަކު، ޓެސްޓު ކުރުމުގެ ވަސީލަތްތައް ހުރި މިންވަރަށް ބަލާއިރު، މުޅި އާބާދީ އެއްކޮށް ޓެސްޓު ކުރެވެން ނޯންނަ ކަމަށާއި ޓެސްޓުގެ ނަތީޖާގެ ސައްހަކަން ހިފަހައްޓަން ބޭނުން ނަމަ ވަކި މިންގަނޑުތަކަކުން އެ ޓެސްޓު ހަދައިގެން ނޫނީ ސައްހަ ރަނގަޅު ނަތީޖާއެއް ނުލިބޭނެ ކަމަށް ވިދާޅުވި އެވެ.
އެގޮތުން، ބައިވަރު ސާމްޕަލްތަކެއް އެއްފަހަރާ ފޮނުވައިފި ނަމަ ނަތީޖާ ލިބުން ލަސްވުމާއި ބޭނުންވާ ސްޕީޑުގައި ޓެސްޓު ނުހެދުން ފަދަ މައްސަލަތައް ކުރިމަތިވާނެ ކަމަށް ޑރ. މުރާދު ވިދާޅުވި އެވެ.
ޓެސްޓުގެ ނަތީޖާ ނުލިބެނީސް ޜާއްޖެ އިން ފުރައިގެން ދިޔަ އިޓަލީގެ ދެ ޓޫރިސްޓުންނަކީ ވެސް އައިލެންޑް ސަފާރީން އެންމެ ފުރަތަމަ ޕޮޒިޓިވްވި ދެ ޓޫރިސްޓުންނާ ޑައިރެކްޓް ކޮންޓޭކްޓް ވެފައިވާތީ ކަރަންޓީނު ކުރި މީހުންގެ ތެރެއިން ދެ މީހެކެވެ. ނަމަވެސް، އެ ދެ ޓުއަރިސްޓުންގެ ކިބައިން ބަލީގެ އަލާމާތްތައް ފެނިފައި ނުވާތީ ކަރަންޓީންގެ މުއްދަތުގެ ތެރޭގައި ޓެސްޓު ކޮށްފައެއް ނުވެ އެވެ.
އެ ދެ މީހުން ފުރައިގެން ދިޔަ މަތިންދާބޯޓުގައި ތިބި މީހުންނާ އެކު، އެ ބޯޓު މިހާރު ވަނީ ރަޝިއާގައި ކަރަންޓީންކޮށްފަ އެވެ. އެ މަތިންދާބޯޓުގައި 358 މީހުން ދަތުރުކުރި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ