ލަނޑާކޮޅެއް އާލާކޮށްގެން ރާއްޖޭގެ އިގްތިސާދު ރަނގަޅެއް ނުކުރެވޭނެ: ޔާމީން

ރާއްޖޭގެ އިގްތިސާދު ވޭތުވެ ދިޔަ ތިން އަހަރުގެ ތެރޭގައި ވަރަށް ބޮޑަށް ދަށަށް ގޮސްފައިވާ ކަމަށާއި އެހެންކަމުން ހަމައެކަނި ލަނޑާކޮޅެއް އާލާކޮށްގެން ނުވަތަ މެރިކަލްޗަރުން ލިބޭ އެއްޗަކުން އިގްތިސޯދު ރަނގަޅު ނުކުރެވޭނެ ކަމަށް ޕީޕީއެމްގެ ރިޔާސީ ކެނޑިޑޭޓް އަބްދުﷲ ޔާމީން ރޭ ވިދާޅުވެއްޖެ އެވެ.
އެ ޕާޓީން އާޓިފިޝަލް ބީޗުގައި ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ޔާމީން ވިދާޅުވީ އިގްތިސޯދު ރަނގަޅުކުރުމަށް އެމްޑީޕީން ކުރިއަށް ގެންދަން ނިންމާފައިވާ މެރިކަލްޗަރުގެ މަސައްކަތަށް ވުރެ ބޮޑެތި އާމްދަނީ ލިބޭ ކަންކަން ކުރަން ޖެހޭ ކަމަށެވެ.
ޔާމީން ވިދާޅުވި ގޮތުގައި ވޭތުވެ ދިޔަ 30 އަހަރުގެ ތެރޭގައި ކަމެއް ނުކުރާ ކަމަށް ބުނާއިރު އޭރު ނުވެ ހުރި ކަންތައްތައް އެމްޑީޕީގެ ތިން އަހަރުގެ ވެރިކަމުގައި ވެސް ނުވާ ކަމަށެވެ. އެ ތިން އަހަރުގެ ތެރޭގައި ފެނުނީ "ބޯކޮޅު ވަތަށް ޖެހިގެން އިގްތިސޯދު އެނބުރޭތަން" ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ޔާމީން ވިދާޅުވީ ދިވެހި ރުފިޔާގެ އަގު 20 ޕަސެންޓަށް ދަށްވި އިރު އެ މުއްދަތުގެ ތެރޭގައި ތަކެތީގެ އަގު 30 ޕަސެންޓަށް އުފުލުނު ކަމަށެވެ. އެކަމަކު އާމްދަނީ އާއި ދާއިމީ މުސާރަ އާއި ގެދޮރުގެ ކުލި 20 ޕަސެންޓް މައްޗަށް ނުދާ ކަމަށް އޭނާ ވިދާޅުވީ އެވެ. އެހެންކަމުން އޭގެ ނުބައި އަސަރު، ރާއްޖެ އިން ބޭރުގައި ކިޔަވަން ތިބި ކުދިންނަށް ވެސް ކުރި ކަމަށް ވިދާޅުވި އެވެ.
"ބޭރުގައި ކިޔަވަން ތިބޭ ކުދިން ގާތު އަޅުގަނޑުމެން ބުނެލަން ބޭނުންވަނީ ކިޔަވަން ފޮނުވާފައި ތި ތިބެނީ މައިންބަފައިންގެ ގެދޮރު ވިއްކައިގެން ނުވަތަ ކުއްޔަށް ދީގެންނޭ. އެހެންވެ، ވިސްނައިގެން ވޯޓު ލާށޭ،" ޔާމީން ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ރާއްޖޭގެ އިގްތިސޯދު އެހާ ބޮޑަށް ދަށަށް ދިޔައީ ސަރުކާރުގެ ސިޔާސަތުތައް ގޯސްވީމާ ކަމަށާއި އެހެންކަމުން ޕީޕީއެމުން މަސައްކަތް ކުރަމުން ދަނީ ރާއްޖޭގެ އިގްތިސޯދު ދިވެހިންގެ އަތް މައްޗަށް ގެނެސްގެން، ސީރިއަސް މަސައްކަތްތަކެއް ކުރަން ކަމަށެވެ.
ޔާމީން ވިދާޅުވި ގޮތުގައި ރާއްޖޭގައި ގެއްލިގެން އުޅެނީ ހަމައެކަނި އަމަންއަމާން ކަމާއި އަންހެނުންގެ ހައްގުތަކާއި އަދުލު އިންސާފު ގާއިމްކުރުމުގެ ހަލުއިކަން އެކަންޏެއް ނޫނެވެ. ރާއްޖޭގައި ގެއްލިގެން ނުދާ "ހަމަ އެންމެ ކަމެއް ވެސް ނެތް" ކަމަށާއި އެހެންވެ، ކެންޑިޑޭޓުންނަށް ކަންތައްތައް ކުރަން ލިބުނު ފުރުސަތުގެ ބޭނުން ކިހާ ވަރަކަށް ހިފިތޯ ވިސްނާލަން ޖެހޭ ކަމަށް އޭނާ ވިދާޅުވި އެވެ.
"އަޅުގަނޑުމެންގެ ގާތަށް ހިނި އަންނަނީ ރައީސް ނަޝީދު ވަޑައިގެން އަދުލު އިންސާފު ގާއިމުކުރާ ވާހަކަ ދައްކަވާތީ. އިގްތިސާދީ ފުދުންތެރިކަމާއި ކޮންމެ ޒުވާނަކަށް ވަޒީފާއެއް ލިބޭނެ ކަން ކަށަވަރު ކޮށްދެނީ ހަމައެކަނި ލަނޑާކޮޅެއް، ނުވަތަ ފާނަކޮޅެއް ވިއްސައިގެން ނޫން،" ޔާމީން ވިދާޅުވި އެވެ.
ޔާމީން ވަނީ އޭނާގެ ބޮޑުބޭބޭފުޅު ކުރީގެ ރައީސް އަދި ޕީޕީއެމްގެ ވެސް ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ވެރިކަމުގައި ރާއްޖޭގެ އިގުތިސާދަށް އައި ކުރިއެރުން ސިފަކުރައްވައިފަ އެވެ. އެގޮތުން ބޮލަކަށް އަހަރަކު ޖެހޭ 200 ޑޮލަރު މައުމޫންގެ ވެރިކަމުގައި 4،500 ޑޮލަރަށް ބަދަލުވީ ބުރަ މަސައްކަތުން ކަމަށް އޭނާ ވިދާޅުވި އެވެ. އެކަމަކު އޭގެ ފަހުން ދެން ނުފެނުނީ އެ ނަތީޖާގެ މައްޗަށް ބިނާކޮށް އިގްތިސާދު ވަރުގަދަ ކުރުމަށް ކުރި މަސައްކަތް ކަމަށް ވިދާޅުވި އެވެ. އަދި އެއީ އެމްޑީޕީގެ ތިން އަހަރުގެ ވެރިކަން ފެއިލް ވުން ކަމަށް ވެސް ޔާމީން ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ