ތޯމަސް ކުކް ބަނގުރޫޓުވެ ހާލުގައި ޖެހުނު ފަތުރުވެރިންނަށް ސަރުކާރުން އެހީވަނީ

ރާއްޖެއަށް ގިނަ އަދަދަކަށް ފަތުރުވެރިން ފޮނުވަމުން އައި ތޯމަސް ކޫކް ބަނގުރޫޓުވެ، އެކުންފުނި މެދުވެރިކޮށް ރާއްޖެ އައިސް ތިބި ފަތުރުވެރިން އެނބުރި ޤައުމަށް ދިއުމަށް ދިމާވެފައިވާ ދަތިތަކަށް ހައްލު ހޯދައިދިނުމުގައި އެހީވެދޭނެ ކަމަށް ދިވެހި ސަރުކާރުން ބުނެފިއެވެ.
ޚާރިޖީ ވަޒީރު ޢަބުދުﷲ ޝާހިދު ކުރައްވާފައިވާ ޓުވީޓެއްގައި ވިދާޅުވީ، ތޯމަސް ކޫކް މެދުވެރިކޮށް ރާއްޖެ އައިސްތިބި ފަތުރުވެރިންނަށް އަނބުރާ ޤައުމަށް ދިޔުމަށްޓަކައި، އެހީވުމުގެ ގޮތުން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި ހެލްޕް ޑެސްކެއް ޤާއިމްކޮށްފައިވާ ކަމަށެވެ.
މިނިސްޓްްރީ އޮފް ޓޫރިޒަމްއިން ކޮށްފައިވާ ޓްވީޓުގައި ބުނެފައިވަނީ، ތޯމަސް ކޫކް ބަނގުރޫޓުވުމާއި ގުޅިގެން އެހީތެރިކަން ބޭނުންވާ ފަތުރުވެރިންނަށް އެހީތެރިވެ ދިނުމުގެ ގޮތުން އެއާޕޯޓުގެ ފުރާމީހުންގެ ގޭޓު ކައިރީގައި ހެލްޕް ޑެސްކެއް ޤާއިމްކޮށްފައިވާ ކަމަށެވެ. އަދި އެހީތެރިންކަން ބޭނުންވާ ފަރާތްތަކުން ގުޅާނެ ހޮޓްލައިނެއްވެސް ވަނީ ޤާއިމްކޮށްފައެވެ.
ޔޫރަޕުން ރާއްޖެއަށް ގިނައަދަދެއްގެ ފަތުރުވެރިން ފޮނުވަމުން އައި ތޯމަސް ކުކް ބަނގުރޫޓުވީ، ޔޫރަޕުގެ އިއްތިހާދުން އިނގިރޭސިވިލާތް ވަކިވުމަށް ނިންމުމައި ގުޅިގެން އަންނަމުންދާ ބަދަލުގެ ސަބަބުން އެކުންފުންޏަށް ދިމާވި މާލީ މައްސަލަތަކުގެ ތެރެއިންކަމަށް ރިޕޯޓްތައް ބުނެއެވެ.
ތޯމަސް ކުކް މެދުވެރިކޮށް ރާއްޖެއަށް އައި ފަތުރުވެރިންނަށް މައްސަލަތަކާއި ކުރިމަތިވި އިރު އެކުންފުނި މެދުވެރިކޮށް ރާއްޖެއަންނަށް ބުކިންގ ހެދި އެތައް ބަޔަކަށްވެސް ޗުއްޓީއަށް ރާއްޖެ އާދެވޭގޮތް ވަނީ ނުވެފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ