ސާކް އާޓިސްޓް ކޭމްޕް ފަށައިފި

ސާކް ގައުމުތަކުގެ އާޓިސްޓުންގެ މެދުގައި ބާއްވާ ސާކް އާޓިސްޓް ކޭމްޕުގެ ނުވަވަނަ ކޭމްޕް ފަށައިފި އެވެ.
މިއަހަރުގެ ސާކް އާޓިސްޓް ކޭމްޕް ހުޅުމާލޭގައި އިއްޔެއިން ފެށިގެން ކުރިއަށްދާއިރު ސާކުގެ ގައުމުތަކުގެ ތެރެއިން އިންޑިއާ އަދި އަފްޣާނިސްތާނު ނޫން ހުރިހާ ގައުމަކުން ވަނީ މިއަހަރުގެ ކޭމްޕުގައި ބައިވެރިވުމަށް ރާއްޖެ އައިސްފަ އެވެ. އެގޮތުން ބަންގްލަދޭޝް، ނޭޕާލް، ސްރީލަންކާ، ބޫޓާން، ޕާކިސްތާން، އަދި ދިވެހިރާއްޖޭގެ އަށް އާޓިސްޓުން ވަނީ މި ކޭމްޕުގައި ބައިވެރިވެފަ އެވެ.
މި ކޭމްފަ ގުޅޭގޮތުން މީޑިއާތަކަށް މައުލޫމާތު ދެއްވަމުން މިިނިސްޓަރ އޮފް އާޓްސް ކަލްޗާ އެންޑް ހެރިޓޭޖްގެ ޑެޕިއުޓީ މިނިސްޓަރު މުހައްމަދު އިކްރާމް ވިދާޅުވީ މި ކޭމްޕުގައި އާޓިސްޓުން ކުރަހާނީ މުޅިއެކު ދެ ކުރެހުމެއް ކަމަށެވެ. ކުރެހުންތައް ހުށަހަޅަންޖެހޭ ވަކި ތީމްއެއް ކަނޑައަޅާފައިވާނެ ކަމަށާއި، ހުރިހާ ކުރެހުންތެރިންވެސް ހުށަހަޅަންޖެހޭނީ މި ތީމްއާ އެއްގޮތް ކުރެހުމެއް ކަމަށްވެސް އިކްރާމް ވަނީ ވިދާޅުވެފަ އެވެ. އަދި މިކޭމްޕް ނިމުމުން ބައިވެރިންގެ ކުރެހުންތައް އާޓް ގެލެރީގައި ދައްކާލާނެ ކަމަށްވެސް ވިދާޅުވި އެވެ.
މީގެ އިތުރުން ސާކްގެ އެހެން ގައުމުތަކުގައިވެސް އެގްޒިބިޝަނެއް ގޮތަށް މި ކުރެހުންތައް ދައްކާލުމުގެ މަސައްކަތް ކުރަމުންދާ ކަމަށްވެސް އިކްރާމް ވަނީ ވިދާޅުވެފަ އެވެ.
މި ކޭމްޕަކީ ސާކް ކަލްޗްރަލް ސެންޓަރުން ކޮންމެ އަހަރަކުވެސް ބާއްވަމުން އަންނަ ކޭމްޕެކެވެ. ސާކް އާޓިސްޓް ކޭމްޕުގެ މިއަހަރުގެ ކޭމްޕް ރާއްޖޭގައި ފެށިގެން ކުރިއަށްދާއިރު މިއީ މި ކޭމްޕު ރާއްޖޭގައި ބައްވާ ދެވަނަ ފަހަރެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ