އިންޑިއާއިން އިންތިހާބަށް ނުފޫޒު ފޯރުވިކަމަށް ދޭހަވި ވާހަކަތަކުން ނަޝީދު ހޫނުފެނަށް

މިދިޔަ ރިޔާސީ އިންތިހާބުގެ ނަތީޖާއަށް އޮޅުވާލުމަށް އިންޑިއާއިން އެހީވި ކަމަށް ދޭހަވާ ފަދަ ގޮތަކަށް ރައްޔިތުން މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވާހަކަ ދެއްކެވި ކަމަށް ވިދާޅުވެ އެމަނިކުފާނަށް ފާޑުކިޔުން އަމާޒުވުމުން، އެގޮތަށް ވާހަކަ ދައްކަވާފައި ނުވާނެ ކަމަށް ވިދާޅުވެ އެ ތުހުމަތުތައް ނަޝީދު މިއަދު ދޮގުކުރައްވައިފި އެވެ. މިފަހުން އެމަނިކުފާނު އިންޑިއާއަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިން މިދިޔަ ރިޔާސީ އިންތިހާބު ކާމިޔާބު ކުރެވުނީ އިންޑިއާގެ ޑިޕްލޮމެޓުންގެ އެހީގައި ކަމަށާއި އެހެން ނޫނީ އިންތިހާބު ކާމިޔާބު ކުރުމަކީ ވާނެ ކަމެއް ނޫން ކަމަށް އެމަނިކުފާނު ވަނީ ވިދާޅުވެފަ އެވެ. އެކަމާ ގުޅިގެން އިދިކޮޅު ފަރާތްތަކުން ވަނީ ނަޝީދުގެ ވާހަކަތަކުން ރިޔާސީ އިންތިހާބުގެ ނަތީޖާ އޮޅުވާލުމަށް އިންޑިއާއިން އެހީވި ކަމަށް ދޭހަވާ ކަމަށެވެ. އަދި އެކަމަކީ ތަހުގީގު ކުރަން ޖެހޭ ކަމެއް ކަމަށް އިދިކޮޅުން ވަނީ ބުނެފަ އެވެ. އެކަމާ ގުޅިގެން ނަޝީދު މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ރިޔާސީ އިންތިހާބު އޭރުގެ އިދިކޮޅަށް ކާމިޔާބު ކުރުމަށް އިންޑިއާއިން އެހީވި ކަމަށް، އެމަނިކުފާނު ދެންނެވީ އިންޑިއާ ހިމެނޭ ގޮތުން ބައިނަލްއަގުވާމީ މުޖުތަމައުން ރާއްޖޭގައި މިނިވަން އިންސާފުވެރި އިންތިހާބެއް ބޭއްވުމަށް އޭރު ރާއްޖޭގެ ސަރުކާރަށް ކުރި ޕްރެޝަރުތަކަށް އިޝާރާތް ކުރައްވާ ކަމަށެވެ. "ބައިނަލްއަގުވާމީ މުޖުތަމައުން އޭރު ކުރި ޕްރެޝަރުތަަކަށް އަޅުގަނޑު ޝުކުރުވެރިވަން،" ނަޝީދު ވިދާޅުވި އެވެ. "އެއްވެސް އިރެއްގައި ރާއްޖޭގެ އިންތިހާބަށް ނުފޫޒު ފޯރުވި ވާހަކައެއް ނުބުނަން،" ނަޝީދު ވިދާޅުވީ، އެ ވާހަކަ މީޑިއާގައި ދެންނެވުމުން ބައެއް ފަރާތްތަކުން އެ ވާހަކަ އޮޅުވާލައިގެން އެހެން މާނައެއްގައި ދައްކަމުން ދާ ކަމަށެވެ. އެހެންވެ، އެ ވާހަކަތައް ތަފްސީލް ކޮށްދެއްވަން ޖެހިވަޑައިގަތީ ކަމަށް ވެސް ނަޝީދު ވިދާޅުވި އެވެ. މިފަހުން އިންޑިއާގެ އިލެކްޝަންސް ކޮމިޝަނާއި ރާއްޖޭގެ އީސީއިން ވަނީ އެއްބާރުލުން ދިނުމުގެ އެއްބަސްވުމެއްގައި ސޮއިކޮށްފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ