ހެނދުނުގެ ނާސްތާ ނުލިބޭ ނަމަ ދަރިން މަގުން ކައްސާލައިގެންދޭ: ނަޝީދު

ހެނދުނުގެ ނާސްތާ ނުލިބި ސްކޫލަށް ދާން ޖެހޭ ދަރިވަރުން މަގުން ކައްސާލައިގެންދާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ. ރޭ އއ. ތޮއްޑޫ ސްކޫލުގެ އަހަރީ އިނާމު ދިނުމުގެ ޖަލްސާ ޝަރަފުވެރިކުރައްވައި ވާހަކަފުޅު ދައްކަވަމުން، ރައީސް ނަޝީދު ވިދާޅުވީ، ހެނދުނުގެ ނާސްތާ ނުނަގައިި ކްލާހަށް އަންނަ ކުއްޖާއަށް އެންމެ އެކަށީގެންވާ ވަރަށް ފިލާވަޅަށް ސަމާލުކަން ނުދެވޭނެ ކަަމަށެވެ. އަދި މަޑު މަޑުން ކުއްޖާގެ ފެންވަރު ދަށްވާ ކަމަށް ވިދާޅުވި އެވެ. "ކުދިން މަދަރުސާއަށް އަންނަ އިރުގައި ރަނގަޅަށް ބަނޑު ނުފުރައި، ސައި ނުބޮވި މަދުރުސާއަށް އައީމާ، ދެން ވެގެންދާ ގޮތަކީ މަދު އަދަދެއްގެ ކުދިން ނަމަވެސް، ކުލާހުގައި އިންނަ އިރުގައި އެ ކުދީންނަށް ފިލާވަޅުތަކަށް، ޓީޗަރުންނަށް ދޭން ޖެހޭ އަހަންމިއްޔަތުކަން، ބަހައްޓަން ޖެހޭ މުހިންމުކަން ނުބެހެއްޓޭ. އެހެން ނުބެހެއްޓުނީމާ އެ ކުއްޖާ މަޑު މަޑުން ކްލާހުގައި ދަށްވަމުން ދަށްވަމުން ދަނީ،" ނަޝީދު ވިދާޅުވި އެވެ. ނާސްތާ ނުލިބި ކްލާހަށް އަންނަ ކުއްޖާގެ ފެންވަރު ދަށްވަމުން ގޮސް ގްރޭޑު ހަތަކާ ހަމައަށް ދާންވާއިރަށް ސްކޫލުން ކެނޑޭ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ. އަދި އެ ކުއްޖާއަށް 18 ނުވަތަ 20 އަހަރު ފުރޭ އިރު އޭނާ ހުންނަނީ ގޭންގަކާ ގުޅިފައި ކަމަށް ނަޝީދު ވިދާޅުވި އެވެ. އޭގެ އިތުރުން، ކުޑައިރުގައި އެކަށީގެންވާ ބަރުދަނެއް ނުލިބޭ ކުދިން މުސްތަގުބަލުގައި މަގުން ކައްސާލާކަން ފާހަގަވެފައިވާ ކަމަށްވެސް ނަޝީދު ވިދާޅުވި އެވެ. އަދި އެކަން ފާހަގަވީ މަގުން ކައްސާލާ ކުދީންގެ އުމުރުގެ ފުރަތަމަ ފަސް އަހަރުގެ ބަރުދަން ދައްކާ ޗާޓަށް ބެލުމުން ކަމަށްވެސް ވިދާޅުވި އެވެ. "ޖަލުން ވަރަށް ގިނައިން އަޅުގަނޑާ ދިމާވާނީ އެ ފަސް އަހަރުގެ ޗާޓުގައި ބަރުދަން ރަނގަޅަށް ނުލިބި ތިބި ކުދިން. އެއީ ހެނދުނު މަދަރުސާއަށް ސައި ނުބޮއި އަންނަން ޖެހުނު ކުދިން. އެހެންވީމާ އެ ސަބަބުވެސް އޮވެގެން ކުރި ނޭރި ކުދިން. އެހެންވީމާ އެންމެ ފަހުން މަގުން ކައްސާލައި މަގުމައްޗަށް ގިނަވެ މާރާމާރީ ހިންގާ ކުދިން. އެހެންވީމާ މަގު އޮޅިގެންގޮސް އެހެން ގައުމުތަކަށް ހަނގުރާމައަށްދާ ކުދިން. އެހެންވީމާ އަޅުގަނޑުމެން މި ދެކޭ ގައުމިއްޔަތު ބިނާ ކުރުމުގައި އެހީ ނުވެވޭނެ ކުދިން،" ނަޝީދު ވިދާޅުވިއެވެ. ނަޝީދު ވިދާޅުވީ، ހެނދުނުގެ ނާސްތާގެ ހެޔޮ ނަތީޖާ 10 ނުވަތަ 15 ވަރަކަށް އަހަރު ފަހުން ފެންނާނެ ކަމަށް ގަބޫލުފުޅު ކުރައްވާ ކަަމަށެވެ. ކޮންމެ ސްކޫލު ކުއްޖަކަށް ހެނދުނުގެ ނާސްތާގެ ގޮތުގައި ކިރުތައްޓަކާއި ދޮންކެޔޮ ވަކެއް ދިނުމަކީ ރައީސް ނަޝީދު 2013 ވަނަ އަހަރު ރިޔާސީ އިންތިހާބުގައި ވާދަ ކުރެއްވި އިރު ވެވަޑައިގެންނެވި ވައުދުފުޅެކެވެ. އެ ވައުދު ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން މިހާރު ވަނީ ފުއްދައިދީފަ އެވެ. ސަރުކާރުން ސްކޫލު ކުދިންނަށް ނާސްތާ ދޭން ފެށީ މި އަހަރުގެ ޖޫން މަހުގެ ތެރޭގައެވެ. ސަރުކާރުން ހިންގާ ހުރިހާ ސްކޫލެއްގައި މިހާރު ހެނދުނުގެ ނާސްތާ ދެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ