ރާއްޖޭގައި ތިބި އިންޑިއާ ރައްޔިތުން ގައުމަށް ގެންދިއުމަށް އިތުރު ދަތުރެއް

ރާއްޖޭގައި ތިބި އިންޑިއާ ރައްޔިތުންގެ ތެރެއިން ގައުމަށް ދާން ބޭނުންވާ މީހުން އަނބުރާ ގައުމަށް ފޮނުވުމަށް އިތުރު ދަތުރުތަކެއް އަޅަން ނިންމައިފިއެވެ.
އިންޑިއާއިން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ސަންޖޭ ސުދީރު ވިދާޅުވީ، ރާއްޖޭގައި ތިބި އިންޑިއާ ރައްޔިތުންގެ ތެރެއިން އަނބުރާ އިންޑިއާ އަށް ދިއުމަށް ބޭނުންވާ ދިގު ލިސްޓެއް ލިބިފައިވާ ކަމަށެވެ. އެފަދަ ދިގު ލިސްޓެއް ލިިބިފައިވީ ނަމަވެސް އެންމެން ގައުމަށް ފޮނުވާ ނުލެވިދާނެ ކަމަށާއި ނަމަވެސް ވީހާވެސް ގިނަ މީހުން ފޮނުވޭތޯ ބަލަމުން އަންނަ ކަމަށް ސަފީރު ވިދާޅުވިއެވެ.
ސަންޖޭ ވިދާޅުވީ، މިހާތަނަށް 1800 އެއްހާ މީހުން އަނބުރާ އިންޑިއާއަށް ގޮސްފައިވާ ކަމަށާއި މީގެ އިތުރުން މިމަހުގެ 5 ވަނަ ދުވަހު އިތުރު 700 މީހަކު ފޮނުވާލުމަށް އެ މީހުން ބަލައި އިންޑިއާ އަސްކަރިއްޔާގެ މަނަވަރެއް ރާއްޖެ އަންނާނެ ކަމަށެވެ.
މީގެއިތުރުން އެއާ އިންޑިއާގެ 3 ފްލައިޓެއް ޓްރެވިންޑްރަމް، ދިއްލީ އަދި ކޮލްކަތާއަށް މިމަހުގެ މެދުތެރޭގައި ބާއްވާނެ ކަމަށްވެސް ސަންޖޭ ވިދާޅުވިއެވެ.
"އެއާ އިންޑިއާގެ 3 ފްލައިޓެއް މިހާރު ވަނީ ޝެޑިއުލް ކުރެވިފައި. ޓްރިވެންޑްރަމަށް 16 ގައި ދިއްލީ އަށް 17 ވަނަ ދުވަހު އަދި ކޮލްކަތާއަށް 18 ވަނަ ދުވަހު" ސަންޖޭ ވިދާޅުވިއެވެ.
އޭނާ އިތުރަށް ވިދާޅުވީ އިންޑިއާއިން މިހާރު ޗާޓަރު ފްލައިޓްތައް ބޭއްވުމަށް ހަމަޖެހިފައިވާ ކަމަށާއި އަމިއްލަ ކުންފުނިތަކުގެ އިތުރުން އެހެން ކުންފުނިތަކަށްވެސް ޗާޓަރު ދަތުރުތައް އެޅުމަށް ބޭނުންފުޅުވާނަމަ އެ ފުރުސަތު އޮންނާނެ ކަމަށެވެ.
"ޕްރައިވެޓް ކޮމްޕެނީ އަދި އޯގަނައިޒޭޝަންތަކަށް ރާއްޖެ އަދި އިންޑިއާގެ އޭވިއޭޝަން ފަރާތްތަކާއި ޑައިރެކްޓް ކޮންޓެކްޓް ކޮށް ޗާޓަރު ކުރެވޭނެ. އަޅުގަނޑުމެން އިންޑިއާ ސަރަހައްދުން ކުރަން ޖެހޭ ކަންތައް ކުރާނަން" ސަންޖޭ ވިދާޅުވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ