މޯލްޑިވް ގޭހުން ވެސް ހިދުމަތްދޭ ވަގުތު އިތުރުކޮށްފި

މޯލްޑިވް ގޭހުން ވެސް ޚިދުމަތް ދޭ ވަގުތު މިއަދުން ފެށިގެން އިތުރުކޮށްފި އެވެ.
އެ ކުންފުނިން ބުނީ މާލެ އާއި ހުޅުމާލެ އަދި ވިލިމާލޭގައި، ކޮންމެ ހަފުތާއެއްގެ ހުކުރު ދުވަސް ފިޔަވައި އެހެން ހުރިހާ ދުވަހަކު ވެސް ހެނދުނު 9 އަކުން ހަވީރު 4 އަކަށް ޚިދުމަތް ދޭނެ ކަމަށެވެ. ހުކުރު ދުވަހު ގޭސްފުޅިތައް ޑެލިވަރީކޮށްދޭނީ މެންދުރުފަހު 2:00 އިން ހަވީރު 6:00 އަށެވެ.
އެ ކުންފުނިން ވަނީ ތިލަފުށީގައި ޚިދުމަތް ދޭ ގަޑިތަކަށް ވެސް މިއަދު ބަދަލު ގެނެސްފަ އެވެ. މިއަދުން ފެށިގެން ކޮންމެ ހަފުތާއެއްގެ ހޮނިހިރު ދުވަހުން ބުރާސްފަތި ދުވަހާ ހަމައަށް ތުލަފުށީގައި ހިދުމަތް ދޭނީ ހެނދުނު 9:00 އިން ހަވީރު 4:00އަށެވެ. ހުކުރުދުވަހު ޚިދުމަތެއް ނުދޭނެ އެވެ.
ހެނދުނު ނުވައަކުން ރޭގަނޑު 11 އާ ދެމެދު ހުސްފުޅިތައް ގެންގޮސްދިނުމުން އެ ކުންފުނީގެ ޔުނިޓުތަކުން ގޭސް ފުޅި ފޯރުކޮށްދޭނެ އެވެ.
މޯލްޑިވް ގޭސްގެ ކަސްޓަމަރުންނަށް އެ ކުންފުނީގެ ކޯލް ސެންޓަރު 1616 އަށް ގުޅައިގެން ނުވަތަ އޮންލައިކޮށް ވެސް ގޭހަށް އޯޑަރު ކުރެވޭނެ އެވެ. އެ ކުންފުނިން ފައިސާ ބަލައިގަންނާނީ ހަމައެކަނި އޮންލައިންކޮށެވެ.
ކޮވިޑް-19އާ ގުޅިގެން މޯލްޑިވް ގޭހުން ހިދުމަތްދޭ ވަގުތުތަކަށް ބަދަލު ގެނެސްފައިވާއިރު މި ދަނޑިވަޅު އެ ކުންފުނިން ޑެލިވަރީގެ ހިދުމަތް ދެމުންއަންނަނީ ރައްކާތެރިކަމުގެ ފިޔަވަޅުތައް ވަރުގަދަކޮށްގެންނެވެ. އެގޮތުން، ވެހިކަލްތަކާއި ފުޅިތައް ޑިސްއިންފެކްޓު ކުރުމާއި މުވައްޒަަފުން މާސްކާއި އަންގި ބޭނުން ކުރުން ފަދަ ފިޔަވަޅުތައް އަޅަން އެ ކުންފުނިން ވަނީ ފަށައިފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ