ކޯވިޑް-19 ފެތުރޭތީ ދެކުނު އެފްރިކާގައި އަޅާފައިވާ ފިޔަވަޅުތަކަށް ލުއިދޭން ނިންމައިފި

ކޯވިޑް-19 ފެތުރޭތީ ދެކުނު އެފްރިކާގައި އަޅާފައިވާ ރައްކާތެރިކަމުގެ ފިޔަވަޅުތަކަށް ޖޫން 1ން ފެށިގެން ލުއިދޭން ފަށާނެކަމަށް އެޤައުމުގެ ރައީސް ސިރިލް ރަމަފޯސާ އިޢުލާނުކުރައްވައިފިއެވެ.
ދެކުނު އެފްރިކާގައި ކޯވިޑް-19 ޖެހިފައިވާ މީހުންގެ ޢަދަދުވަނީ 22،583އަށް އިރުތުވެ 429 މީހުން މަރުވެފައެވެ. އެ ޤައުމުގައި ކޯވިޑް-19 ފެތުރޭތީ މާރިޗުމަހުގައި ވަނީ ހަރުކަށި ފުރަބަންދެއް އިޢުލާނުކޮށްފައެވެ. އޭގެ ސަބަބުން މައިގަނޑު ގޮތެއްގައި ސިނާޢީ މަސައްކަތުގެ މައްޗަށް ބަރޯސާވާ ދެކުނު އެފްރިކާގެ އިޤްތިޞާދަށްދަނީ ގިނަ ނޭދެވޭ އަސަރުތައް ކުރަމުންނެވެ. ޤައުމުގައި އަޅާފައިވާ ހަރުކަށި ފިޔަވަޅުތަކަށް ޢާންމުންގެ ތާޢީދު ފުރަތަމައަށް އޮތްނަމަވެސް އެ ޤައުމުގެ އާބާދީގެ ބޮޑު ބަޔަކީ ފަޤީރުންނަށްވުމާއި އިޤްތިޞާދަށް ވަމުންދާ ގެއްލުމުގެ ސަބަބުން ގިނަ ބަޔަކުދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ. އަދި އިދިކޮޅުފަރާތްތަކާއި އެކި ދާއިރާތަކުންދަނީ ޤައުމުގައި އަޅާފައިވާ ފިޔަވަޅުތަކަށް ލުއިދިނުމަށް ގޮވާލަމުންނެވެ.
ރައީސް ރަމަފޯސާ ވިދާޅުވީ ޤައުމުގެ ވަޒީރުންގެ މަޖިލީހުގައި ގިނަ މަޝްވަރާތައް ކުރުމަށްފަހު ލެވެލް-5ގައި އޮތް އެ ޤައުމުގެ ފުރަބަންދު ލެވެލް-3އަށް ދަށްކުރަން ނިންމާފައިވާކަމަށެވެ. ފުރަބަންދުގެ މިންވަރު ދަށްކުރުމުން އެ ޤައުމުގެ އިޤްތިޞާދީ ގިނަ ޙަރަކާތްތައް އަލުން ފެށޭނެއެވެ.
ރަމަފޯސާ ވިދާޅުވީ ލެވެލް-3އަށް ދަށްކުރުމުން ޤައުމުގައި އިޢުލާނުކޮށްފައިވާ ކާފިއު އުވޭނެކަމަށާއި ޢާންމުން ބޭރުތެރެއަށް ނުކުމެ އުޅުމުގައި ލުއިތަކެއް ދޭނެކަމަށެވެ. ފުރަބަންދުގެ ސަބަބުން ޤައުމުގައި ބަލިފެތުރޭ މިންވަރު ހިފެހެއްޓިފައި އޮތުމުގެ އިތުރުން ޞިއްޙީ ނިޒާމު ހަރުދަނާކުރުމަށް ފުރުޞަތު ލިބިގެންދިޔަކަން ފާހަގަކުރައްވާ ރައީސް ރަމަފޯސާ ވިދާޅުވީ ފުރަބަންދުގެ ލެވެލް ދަށްކުރުމުގެ ސަބަބުން ޤައުމުގައި ބަލިފެތުރޭ މިންވަރު އިތުރުވާނެކަމަށެވެ. ބަލިފެތުރޭ މިންވަރު މާބޮޑަށް އިތުރުވާނަމަ އަދި ޞިއްޙީ ނިޒާމަށް މާ ބޮޑަށް ބާރުބޮޑުވާނަމަ އަލުން ހަރުކަށި ފިޔަވަޅުތައް ރުޖޫޢަކުރައްވާނެކަމަށް އޭނާ ވިދާޅުވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ