އިންތިހާބު ކާމިޔާބުކުރާނީ އެއް ބުރުން: ޔާމީން

އަންނަ އަހަރު އޮންނަ ރިޔާސީ އިންތިހާބު އިދިކޮޅު ޕީޕީއެމް/ޕީއެންސީ ކޯލިޝަނުގެ ކެންޑިޑޭޓް، ކުރީގެ ރައީސް އަބްދުﷲ ކާމިޔާބު ކުރައްވާނީ އެއް ބުރުން ކަމަށް ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވެއްޖެ އެވެ.
ޕީޕީއެމް/ޕީއެންސީ ކޯލިޝަނުގެ ރިޔާސީ ޓިކެޓް ޔާމީނަށް ދިނުމަށް ނިންމީ އެ ދެ ޕާޓީގެ ކައުންސިލުންނެވެ. ޔާމީން ވަނީ އެ ނިންމުން މިހާރު ގަބޫލުފުޅުކުރައްވާފަ އެވެ.
އަދުރޭ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އަންނަ އަހަރުގެ ރިޔާސީ އިންތިހާބު ޔާމީން ކާމިޔާބު ކުރައްވާނީ ފުރަތަމަ ބުރުން ކަމަށެވެ. އެގޮތުން ޔާމީންގެ ޒަޢާމަތުގައި ދިވެހިން ދެކޭނީ މިނިވަން މުސްތަގިއްލު ސައްތައިން ސައްތަ އިސްލާމީ ދައުލަތެއް ކަމަށާއި އަދި ފުދުންތެރި އުފާ ފާގަތި އަމިއްލަ ވަންތަ ގައުމެއް ކަމަށް އަދުރޭ ވިދާޅުވި އެވެ.
މާތް اللہ ގެ ތަނަވަސް ރަޙުމަތްފުޅާއެކު 2023 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބް @prz_ymn ކާމިޔާބު ކުރައްވާނީ ފުރަތަމަ ބުރުން.އެ މަނިކުފާނުގެ ޒަޢާމަތުގައި ދިވެހިން ދެކޭނީ މިނިވަން މުސްތަގިއްލު ސައްތައިންސައްތަ އިސްލާމީ ދައުލަތެއް.ފުދުންތެރި އުފާ ފާގަތި އަމިއްލަ ވަންތަ ގައުމެއް #RY2023 pic.twitter.com/NUAdzrbbf6
— Abdul Raheem Abdulla (@Banafsaa) July 31, 2022
ޕީޕީއެމް-ޕީއެންސީއިން 2023 ގެ ރިޔާސީ ޓިކެޓު ޔާމީނަށް ދިނުމަށް ނިންމިއިރު އެމަނިކުފާނާއި ދެކޮޅަށް ކޯޓުތަކުގައި މިހާރުވެސް އަންނަނީ މައްސަލަތައް ހިނގަމުންނެވެ. އެ މައްސަލަތައް ސާބިތުވެއްޖެނަމަ ޔާމީނަށް އަންނަ ރިޔާސީ އިންތިހާބުގައި ވާދަކުރުމުގެ ފުރުސަތު ބަންދުވާނެ އެވެ.
ޔާމީން ވަނީ 2013 ވަނަ އަހަރުގެ ރިޔާސީ އިންތިހާބު ކާމިޔާބު ކުރެއްވުމަށްފަހު ފަސް އަހަރު ދައުރެއް ފުރިހަމަ ކުރައްވާފަ އެވެ. ނަމަވެސް 2018 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ވާދަކޮށް ޔާމީނަށް ވަނީ ނާކާމިޔާބީއާ ކުރިމަތިލާން ޖެހިވަޑައިގެންފަ އެވެ.
އިންތިހާބުން ޔާމީނަށް ނާކާމިޔާބީއާ ކުރިމަތިލާން ޖެހިވަޑައިގަތް އިރު މަނީ ލޯންޑަރިންގެ ކުށް ސާބިތުވެ ފަސް އަހަރު ޖަލު ހުކުމެއް މިދިޔަ އަހަރު ޔާމީންގެ މައްޗަށް ކްރިމިނަލް ކޯޓުން ވަނީ އިއްވާފަ އެވެ. ނަމަވެސް ސުޕްރީމް ކޯޓުން ވަނީ ފަހުން އެ ހުކުމް ބާތިލުކޮށްފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ