ރައްޔިތުން އުފަލާއެކު އިންތިޚާބުކުރާނެ ހަަމައެކަނި ޗޮއިސް އަކީ ޔާމީން: ޖަމީލް

ކުރިޔަށް އޮތް ރިޔާސީ އިންތިހާބުގައި ރައްޔިތުން އުފަލާއެކު އިންތިޚާބުކުރާނެ ހަަމައެކަނި ޗޮއިސް އަކީ ކުރީގެ ރައިސް ޔާމީން އަބްދުލްގައްޔޫމް ކަމަށް، ކުރީގެ ނައިބު ރައީސް އަދި މަޝްހޫރު ގާނޫނީ ވަކީލް ޑރ. މުހައްމަދު ޖަމީލް އަހުމަދް ވިދާލުވެއްޖެއެވެ.
ޑރ. ޖަމީލް މިފަދައިން ވިދާޅުވީ، އަންނަ އަހަރު ބާއްވާ ރިޔާސީ އިންތިޚާބުގައި ޕީޕީއެމްގެ ޓިކެޓްގައި ވާދަކުރައްވާނެ ކެންޑިޑޭޓަކީ ރައީސް ޔާމީން ކަމަށް އެ ޕާޓީގެ ސެނެޓުން ނިންމެވުމާއި ގުޅިގެންނެވެ.
މިކަމާ ގުޅިގެން ޖަމީލް ކުރެއްވި ޓްވީޓެއްގައި ވަނީ، ޔާމީންގެ ދައުރުގައި ވަރަށް ބޮޑު ތަފާތެއް ރައްޔިތުންނަށް ފެނިފައިވާ ކަމަށާ، މިނިވަންކަން ވިއްކާނުލާނެކަމާ، ދީނުގެ ހަމަތަކުގައި ހިފަހައްޓަވާނެކަން އަދި ވިޝަނަރީ ތަރައްޤީ ސާބިތުކޮށްދެއްވި ކަމަށްވެސް ޖަމީލް ވިދާޅުވިއެވެ. އަދި ރައިސް ޔާމިނަކީ ކުރިޔަށް އޮތް އިންތިހާބުގައި ރައްޔިތުން އުފަލާއެކު އިންތިޚާބުކުރާނެ ހަަމައެކަނި ޗޮއިސްކަން ޔަޤީން ކަމަށް ވިދާޅުވެ ޖަމީލް ވަނީ ރައިސް ޔާމީނަށް ހޫނު މަރުޙަބާއެއް ވެސް ވިދާޅުވެފައެވެ.
ޕީޕީއެމާ ކޯލިޝަން ހަދާފައިވާ ޕީއެންސީގެ ރައީސް، އަބްދުއްރަހީމް އަބްދުﷲ ވިދާޅުވީ ޕީޕީއެމްގެ ސެނެޓުގެ ނިންމުމާ އެއްގޮތަށް ރިޔާސީ އިންތިޚާބުގައި ވާދަކުރައްވަން ރައީސް ޔާމީން އެއްބަސްވެވަޑައިގެންފައިވާ ކަމަށެވެ.
ރިޔާސީ ޓިކެޓް ރައީސް ޔާމީނަށް ދޭން ނިންމާފައިވާއިރު، އެމަނިކުފާނުގެ މައްޗަށް އުފުލާފައިވާ ހަތަރު ދައުވާއެއް ކްރިމިނަލް ކޯޓުގައި އެބަ ހިނގައެވެ. އެއީ ވ. އާރަށުގައި ޓޫރިސްޓް ރިސޯޓެއް ތަރައްގީކުރުމަށް ކުންފުންޏަކާ ހަވާލުކުރުމުގެ މުއާމަލާތާ ގުޅިގެން އުފުލާފައިވާ ދެ ދައުވާ އަކާއި ރ. ފުއްގިރީގައި ޓޫރިސްޓް ރިސޯޓެއް ތަރައްގީކުރުމުގެ މުއާމަލާތާ ގުޅިގެން އުފުލާފައުވާ ދެ ދައުވާއެކެވެ.
ވ. އާރަށް މައްސަލައިގައި ޔާމީންގެ މައްޗަށް ކުރާ ދައުވާގެ ޝަރީއަތުގެ އަޑުއެހުމެއް މިއަދު ވެސް ކްރިމިނަލް ކޯޓުގައި ތާވަލުކޮށްފައިވެއެވެ.
އަދި ރ. ފުއްގިރި ކުއްޔަށް ދިން މުއާމަލާތާ ގުޅިގެން ވެސް އެ މަނިކުފާނުގެ މައްޗަށް މަނީ ލޯންޑްރިންގެ ދައުވާއެއް ދައުލަތުން ކުރެއެވެ. އެ ދެ މައްސަލަ ކުރިއަށް ގެންދަނީ ވަކިންނެވެ.
ރައީސް ޔާމީނަކީ ދިވެހި ރައްޔިތުން އިޚްތިޔާރުކުރާނެ ހަމައެކަނި ޗޮއިސް ކަމަށް ޑރ. ޖަމީލް ވިދާޅުވާއިރު، މީގެކުރިން ޖުމްހޫރީ ޕާޓީގެ ލީޑަރުގެ އެޑްވައިޒަރުގެ މަގާމުގައި ހުންނަވައިގެން ޖަމީލް ވަނީ ރައީސް ޔާމީނަށް ބޮޑެތި ފާޑުކިޔުންތަކެއްވެސް އަމާޒުކުރައްވާފައެވެ. އެހެންނަމަވެސް ޖުމްހޫރީ ޕާޓީ ދޫކުރައްވާ 2020 ވަނަ އަހަރުގެ ޖޫން މަހުގެ 25 ވަނަ ދުވަހު ޕީޕީއެމް އާއި ގުޅިވަޑައިގަތް ހިސާބުން ފެށިގެން އަނެއްކާވެސް ޖަމީލް ފެނިވަޑައިގަންނަވަނީ ރައީސް ޔާމީނަށް ސަނާ ދަންނަވާ ބޭފުޅެއްގެ ގޮތުގައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ