ލަންކާގެ ރައީސް ފިއްލަވައިގެން ރާއްޖެއަށް، ހުރިހާ ކަމެއް މަގުފަހިކޮށްދެއްވީ ނަޝީދު

މިއަދު އިސްތިއުފާ ދެއްވާނެ ކަމަށް ވައުދުވެވަޑައިގެންފައިވާ، ސްރީ ލަންކާގެ ރައީސް ގޮތަބަޔާ ރާޖަޕަކްސަ އަށް ގައުމުން ބޭރަށް ވަޑައިގެންނެވޭނެ ގޮތެއް ނެތި އަމިއްލަ ގައުމުގައި ތާށިވެފައި ހުންނެވުމަށްފަހު އެންމެ ފަހުން ރާއްޖެއަށް ވަޑައިގެންފި އެވެ.
މިދިޔަ ހޮނިހިރު ދުވަހު ލަންކާގައި ކުރިއަށްދިޔަ ވަރުގަދަ މުޒާހަރާތަކުގައި ގޮތަބަޔާގެ އިސްތިއުފާއަށް ގޮވައި، ރިޔާސީ ގަނޑުވަރަށް މުޒާހަރާކުރާ މީހުން ވަދެގަތުމުން އެ މަނިކުފާނު ވަނީ މިއަދު މަގާމުން އިސްތިއުފާ ދެއްވާނެ ކަމަށް ވައުދުވެވަޑައިގެން، ސުލްހަވެރިކަމާ އެކު ބާރުތައް ބަދަލު ކުރައްވާނެ ކަމަށް ވިދާޅުވެފަ އެވެ. ނަމަވެސް ރައީސްގެ މަގާމުގައި ހުންނަވަނިކޮށް ގޮތަބަޔާ ހައްޔަރެއް ނުކުރެވޭނެ އެވެ. ގާނޫނީ ގޮތުން ރައީސަށް ހިމާޔަތް ލިބެ އެވެ.
އެހެންކަމުން ގޮތަބަޔާ ފުރަތަމަ ނިންމެވީ މަގާމުން އިސްތިއުފާ ދެއްވުމުން ހައްޔަރުކޮށްފާނެ ކަމުގެ ބިރަށް އިސްތިއުފާ ދެއްވުމުގެ ކުރިން ގައުމުން ބޭރަށް ވަޑައިގަންނަވާށެވެ. އެގޮތުން ގޮތާބަޔާ ފުރަތަމަ އުޅުއްވީ ދުބާއީއަށް ފިއްލަވާށެވެ.
އެ ފުރުސަތު ހޯއްދެއްވުމަށް ގޯތަބަޔާ އާއި އަނބިކަނބަލުން ލަންކާގެ މައި އެއާޕޯޓް ކައިރީގައި ހުރި އަސްކަރީ މަރުކަޒެއްގައި އެއް ދުވަސް ވަންދެން ތިއްބެވުމަށްފަހު ފުރާވަޑައިގަތުމަށް އިއްޔެ އެއާޕޯޓަށް ވަޑައިގަތުމުން އިމިގްރޭޝަން އޮފިސަރުން ވަނީ ވީއައިޕީއަށް ގޮސް ގޯތާބާޔަ ޕާސްޕޯޓްގައި ސްޓޭމްޕް ޖެހުމަށް އިންކާރު ކޮށްފަ އެވެ. އެހެންކަމުން އެ މަނިކުފާނު ހުންނެވީ ގައުމުގައި ތާށިވެފަ އެވެ.
އެހެން ހުންނެވުމަށްފަހު ގޮތަބަޔާ ރާއްޖެ ވަޑައިގެންކަން އެންމެ ފުރަތަމަ ރިޕޯޓް ކުރީ ބޭރުގެ މީޑިއާތަކުންނެވެ. އަދި އެކަން ކަށަވަރުކޮށްދެއްވައި ލަންކާގެ އެއާފޯހުން ނެރުނު ބަޔާނެއްގައި ބުނީ، ގޮތަބަޔާ އާއި އެމަނިކުފާނުގެ އަނބިކަނބަލުން އަދި ދެ ބޮޑީގާޑުން ރާއްޖެ ވަޑައިގެންނެވީ ލަންކާ އެއާފޯސްގެ މަތިންދާބޯޓެއްގައި ކަމަށެވެ.
ގޮޓާބަޔަކަށް ދަތުރުކުރެއްވި ބޯޓު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި ޖެއްސީ މެންދަމުން އަލިވެ 3 ޖަހަން އުޅެނިކޮށް ކަމަށް ވަނީ ބެލެވިފަ އެވެ. އަދި އެ ވަގުތާ ދިމާކޮށް އެއާޕޯޓުގެ ސަލާމަތީ ފިޔަވަޅުތައް ވަރަށް ބޮޑަށް ވަރުގަދަވެސް ކުރި އެވެ.
ލަންކާ ސަރުކާރުގެ މަސްދަރުތަކާއި ގޮތަބަޔާގެ ގާތް ބޭފުޅަކާ ހަވާލާދީ ރޮއިޓާސްގައި ބުނެފައިވާ ގޮތުން ގޮތަބަޔާ މިވަގުތު ހުންނެވީ ވެރިރަށް މާލޭގަ އެވެ. އަދި ރާއްޖޭގައި މަޑުކުރެއްވުމަށްފަހު އެހެން ގައުމަކަށް ވަޑައިގަންނަވާނެ ކަމަށް ބެލެވޭ ކަމަށް ބުނެފައިވެ އެވެ
ސީއެންއެންއެން އިން ލަންކާގެ އިސް ސެކިއުރިޓީ އޮފިޝަލަކާ ހަވާލާދީ ބުނިގޮތުގައި ރާއްޖޭގެ އެއާޓްރެފިކް ކޮންޓްރޯލުން، ބޯޓު ޖެއްސުމުގެ ހުއްދަ އެންމެ ފުރަތަމަ ނުދިނެވެ. ނަމަވެސް ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ އެ ކަމުގެ ތެރެއަށް ވަންނަވައިގެން ހުއްދަ ލިބުނީ ކަމަށް ސީއެންއެން އިން ބުނެ އެވެ. އެ ކަމާ ބެހޭ ގޮތުން ނަޝީދުގެ ބަހެއް ހޯދަން ސީއެންއެން އިން ނަޝީދަށް ގުޅާފައިވާ ކަމަށް ވެސް ބުންޏެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ