އާރަށް ވަކި ބަޔަކަށް ދޭން އެންގެވީ ޔާމީން، ފޯންކޯލް ރިކޯޑިންތަކެއް ހުށައަޅަނީ

ވ. އާރަށް ކުށްޔަށް ދިން މައްސަލާގައި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް ދައުވާ ކުރާ މައްސަލާގައި އެމަނިކުފާނުގެ ކުރީގެ ނާއިބް ރައީސް އަހްމަދު އަދީބާ ދެމެދު ކުރެވުނު ފޯން ކޯލްތަކެއްގެ ރެކޯޑިން ދައުލަތުން ކޯޓަށް ހުށައަޅައިފިއެވެ.
އާރަށް ކުއްޔަށް ދިން މައްސަލާގައި ޔާމީންގެ މައްޗަށް އުފުލާފައިވަނީ މަނީ ލޯންޑަރިން ކުށުގެ ދައުވާއާއި ރިޝްވަތު ޤަބޫލުކުރުމުގެ ދައުވާއެވެ. އަދި މި މައްސަލާގައި ރައްޔިތުން މަޖިލީހުގެ ފެލިދޫ ދާއިރާގެ ކުރީގެ މެމްބަރުން ޔޫސުފް ނައީމްގެ މައްޗަށްވެސް ދައުލަތުން ވަނީ ރިޝްވަތު ދިނުމުގެ ދައުވާ އުފުލާފައެވެ.
މި މައްސަލާގައި މިހާރު ކުރިޔަށް ދާ ޝަރީއަތުގައި ވާހަކަދައްކަވަމުން ދައުލަތުގެ ވަކީލުން ވިދާޅުވީ ފިޝަރީޒް މިނިސްޓްރީގެ ދަށުގައި އޮތް އާރަށް ޓްއަރިޒަމް މިނިސްޓްރީގެ ދަށަށް ބަދަލުކޮށް އެމްއެމްޕީއާރުސީ މެދުވެރިކޮށް އެރަށް ކުއްޔަށް ދިނުމަށް އޭރުގެ ޓްއަރިޒަމް މިިނިސްޓަރު އަހްމަދު އަދީބަށް ރައީސް ޔާމީން އެންގެވިކަމަށެވެ.
މި ރަށް ކުއްޔަށް ނެގީ ޔޫސުފް ނައީމްގެ 99 އިންސައްތަ ކުރިން އޮންނަ ކުންފުންޏަކުން ކަމަށާއި އެ ކުންފުނި އުފެއްދީ އާރަށް ޓުއަރިޒަމް މިނިސްޓްރީއަށް ބަދަލުކުރި ފަހުންކަމަށެވެ. އަދި އެކުންފުންނަށް އެރަށް ލިބުމާއި އެކު ރަށުގެ އަގަށްވާ އެއްމިލިއަން ޑޮލަރު އެމްއެމްޕީއާރުސީއަށް އެކުންފުނިން ޖަމާކުރިއެވެ. އަދި ހަމަ އެދުވަހު ޔޫސުފް ނައީމްގެ އެކައުންޓަށްވެސް އެއް މިލިއަން ޑޮލަރު ޖަމާކުރިކަމަށާއި ފަހުން އެ ފައިސާ ޔާމީންގެ އެކައުންޓަށް ޖަމާކޮށްފައިވާކަންވެސް ދައުލަތުން ވަނީ ފާހަގަކޮށްފައެވެ.
ޔާމީންގެ އެކުންޓަށް ޖަމާވި އެއް މިލިއަން ޑޮލަރަކީ ޑޮލަރަކީ ޑޮލަރު ގަނެ ވިއްކުމުގެ މުއާމަލާތެއްކަމަށް އެމަނިކުފާނު އަންނަނީ ވިދާޅުވަމުންނެވެ. އެހެންނަމަވެސް ދައުލަތުން ވިދާޅުވީ އެކަމަށް ބާރުދޭ އެއްވެސް ހެއްކެތް ރައީސް ޔާމީންނަށް ދެއްކިފައި ނުވާކަމަށެވެ.
މި މައްސަލާގައި ވާހަކަދައްކަވަމުން ދައުލަތުގެ ވަކީލް ވިދާޅުވީ ޔާމީނާއި އަދީބާއި ދެމެދު ފޯނުން ދެކެވިފައިވާ ވާހަތަކުގެ ރެކޯޑިންތަކެއް ކޯޓުގެ އަމުރެއްގެ ދަށުން ހޯދުމަށް ހެކީގެ ގޮތުގައި ހުށައަޅާފައިވާނެކަމަށެވެ. އަދި މި ރިކޯޑިންތައް ހުށައެޅީ 2013 ވަނަ އަހަރުން ފެށިގެން ރަށްތަކާއި ފަޅުތައް ކުއްޔަށް ދޫކުރުމުގައި ޔާމިންގެ ނުފޫޒު ފޯރުވިކަން ސާބިކުރަންކަމަށް ދައުލަތުގެ ވަކީލް ވިދާޅުވިއެވެ.
ޔޫސުފް ނައީމްގެ ހިއްސާކުރިން އޮތް ކުންފުންޏަކަށް އާރަށް ކުއްޔަށް ދޭން ޔާމިން އިރުޝާދު ދެއްވިކަން އަހްމަދު އަދީބާއި އެމްއެމްޕީއާރުސީގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރ އަބްދުﷲ ޒިޔަތުގެ ބަހުން ސާފުވާނެކަމަށްވެސް ދައުލަތުން ވިދާޅުވިއެވެ.
ޔާމިމްގެ ދިފާއީ ވަކީލުން ކޯޓްގައި ވާހަކަދައްކަވަމުން މުޅިންވެސް ވިދާޅުވަމުން ގެންދެވީ މީ ސިޔާސީ ބަދަލު ހިފުމުގެ ދައުވާއެއްކަމަށެވެ. އަދި މީ ޔާމީން ފްރޭމްކުރަންވެގެން ކޮށްފައިވާ ދައުވާއެއްކަމަށްވެސް ދިފާއީ ވަކީލުން ދިޔައީ ވިދާޅުވަމުންނެވެ.
މި މައްސަލާގައި ހެކިންގެ ގޮތުގައި އަދީބާއި ޒިޔަތުގެ ހެކި ބަސް ގަބޫލުނުކުރެވޭނެކަމަށް ސުޕްރީމްކޯޓުން ނިންމާފައިވާކަން ދިފާއީ ވަކީލުން ފާހަގަކުރިއެވެ. އަދި މި މައްސަލާގައިވެސް އަދީބާއި ޒިޔަތު ހެކީގެ ގޮތުގައި ހުށައަޅާފައިވާކަމަށްވެސް ދިފާއީ ވަކީލުން ވިދާޅުވިއެވެ. އަދި ޔާމީން އެއްވެސް ކަމަކަށް ނުފޫޒު ފޯރުވާފައި ނުވާކަމަށާއި ޔާމީންނަށް އިންސާފުވެރި އަދުލުވެރި ޝަރީއަތެއް ދެއްވުމަށްވެސް ދިފާއީ ވަކީލުން އެދިވަޑާއިގަތެވެ.
ދިފާއީ ވަކީލުންގެ މި ވާހަކަތަކަށް ޖަވާބުދެއްވަމުން މައްސަލަ ބައްލަވާ ކްރިމިނަލްކޯޓުގެ އިސްގާޒީ ހަސަން ޝަކީލް ވިދާޅުވީ ޝަރީއަތް ކުރިޔަށް ގެންދާނީ އިންސާފުވެރިކޮށް ވަކި ފަރާތަކަށް ބުރަވުމެއް ނެތިކަމަށެވެ.
މި މައްސަލާގައި ދައުލަތުގެ ފަރާތުން ވަނީ 13 ހެއްކަކު ހުށައަޅާފައެވެ. ދިފާއުގައި ރައީސް ޔާމިންގެ ފަރާތްޕުޅުން ހުށައެޅުއްވީ 7 ހެކިންނެވެ.
ރައީސް ޔާމީންގެ ފަރާތްޕުޅުން ހެކީގެ ގޮތުގައި ހުށައަޅާފައިވަނީ އެމަނިކުފާނާއި ޔޫސުފް ނައީމާ ދެމެދު ހިނގާދިޔަކަމަށް ބުނާ މުއާމަލާތާއި ގުޅޭ ލިޔެކިޔުންތަކާއި އޭސީސީގެ ބަޔާނަކާއި ކްރިމިނަލްކޯޓުގެ ދެ ހުކުމަކާއި ހައިކޯޓްގެ ދެ ހުކުމަކާއި ރައީސް އޮފީހުގެ ލިޔުންތަކެކެވެ.
މައްސަލަ ބައްލަވާ ގާޒީ ވިދާޅުވީ މި މައްސަލާގައި ހުށައަޅާފައިވާ ހެކިންގެ ހެކިބަސްތައް މިމަހު ނަގާ ނިންމުމަށް ތާވަލުކުރައްވާނެކަމަށެވެ. އެގޮތުން އަންނަ ހަފްތާއިން ފެށިގެން މިމަހުގެ 30ގެ ނިޔަލަށް ހެކިބަސް ނަގާ ނިންމަން ގަސްތުކުރައްވާކަމަށް ގާޒީ ވިދާޅުވިއެވެ.
ހެއްކާއި ބެހޭ ގޮތުން ދެ ފަރާތުން ވާހަކަ ދައްކާ މައްސަލައިގެ ހުލާސާ ބަޔާން އަންނަ އޮގަސްޓްމަހު ހުށައަޅަން ތާވަލުކުރަން ގާޒީ ވަނީ ނިންވާފައެވެ. އަދި އޭގެ ފަހުން 30 ދުވަހުގެ ތެރޭގައި ހުކުމް އިއްވަވާނެކަމަށްވެސް ގާޒީ ވިދާޅުވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ