ރިސޯޓު ތަރައްގީކުރަން ދޫކޮށްފައިވާ މުއްދަތު އިތުރުކޮށްދިނުމަށް ނަގާ ފައިސާ ރަށްރަށަށް ހޭދަކުރަނީ

ރިސޯޓު ތަރައްގީކުރަން ދޫކޮށްފައިވާ މުއްދަތު އިތުރުކޮށްދިނުމަށް ނަގާ ފައިސާގެ ތެރެއިން ކަނޑައަޅާ ވަކި އަދަދެއް ރިސޯޓު ހިމެނޭ އަތޮޅުގެ ރަށްރަށަށް ހޭދަކުރުމަށް ނިންމައިފިއެވެ.
އެ ބަދަލު ގެނެސްފައި މިވަނީ ފަތުރުވެރިކަން ތަރައްގީކުރުމަށް ކުއްޔަށް ދޫކޮށްފައިވާ ތަންތަން ތަރައްގީކޮށް ނިންމުމަށް ދެވޭ މުއްދަތު އިތުރުކުރުމާއި ކުއްޔާއި ޖޫރިމަނާގެ ފައިސާ ފަސްކޮށްދިނުމާ ބެހޭ އާ ގަވާއިދުގެ ދަށުންނެވެ.
ޓޫރިޒަމް މިނިސްޓްރީން ނެރުނު ނޫސްބަޔާނެއްގައި ބުނީ އެ ގަވާއިދަށް އަމަލުކުރުމަކީ ފަތުރުވެރިކަމުގެ ދާއިރާ ތަރައްގީކުރުމަށް އިންވެސްޓަރުންނަށް ހެޔޮ ގޮތްތަކެއް ފަހިކޮށްދެވި، އިންވެސްޓަރ ކޮންފިޑެންސް ވަރުގަދަވެ ރައްޔިތުންގެ އުންމީދުތަކަށް އިތުރު ހިތްވަރެއް ލިބިގެންދިޔަ މުހިންމު ފިޔަވަޅެއް ކަމަށެވެ.
އެ ގަވާއިދު އެކުލަވާލުމުގެ މައިގަނޑު މަގުސަދަކީ، ތަރައްގީކޮށް ނިމިފައި ނުވާ ތަންތަން އަވަހަށް ތަރައްގީކޮށް ނިންމުމަށް ލުއި ގޮތްތަކެއް ހަމަޖައްސައިދީ، އެތަންތަން ނިންމުމަށް އެ ފަރާތްތަކަށް ހިތްވަރުދިނުން ކަމަށާއި އަދި ތަރައްގީކުރަމުން އަންނަ ތަންތަން އިތުރުވެފައިވާ ދުވަސްވަރެއްގައި އިންވެސްޓްކުރާ ގިނަ ފަރާތްތަކަކަށް އެކިއެކި ގޮންޖެހުންތައް ދިމާވެފައިވާ ހިނދު، އެ އިންވެސްޓްމަންޓުތައް މެދުކެނޑުމެއްނެތި ކުރިއަށް ގެންގޮސް ނިންމުމަށް ސަރުކާރުން ފޯރުކޮށްދެވެން ހުރި އެހީތައް ފޯރުކޮށްދިނުމަކީ މުހިންމު ކަމެއް ކަމަށް ސަރުކާރަށް ގަބޫލުކުރެވޭތީ ކަމަށް ޓޫރިޒަމް މިނިސްޓްރީން ބުންޏެވެ.
އެ މިނިސްޓްރީން ބުނީ ކޮންސްޓްރަކްޝަން ޕީރިއަޑްގެ މުއްދަތު އިތުރުކުރުމުގެ އިޖުރާއަތެއްގެ ގޮތުގައި ކޯޕަރޭޝަން ސޯޝަލް ރެސްޕޮންސިބިލިޓީ (ސީއެސްއާރު) ހުށަހަޅާނީ އަލަށް އެކުލަވާލި ގަވާއިދުގައިވާ ގޮތުގެ މަތިން މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ)އަށް ކަމަށާއި ސީއެސްއާރު ނެގުމުގެ ޖަދުވަލެއް ހިމެނުމުގެ މައިގަނޑު މަގުސަދަކީ ކުރިން އަމަލުކުރަމުންދިޔަ އުސޫލާ ހިލާފަށް އުސޫލެއްގެ ބަދަލުގައި ގަވާއިދެއް ހެދި ހާމަކަން ބޮޑު، ދެފުން ފެންނަ ގޮތެއްގައި ކަންކަން ހަރުދަނާކުރެވި އިސްލާހު ކުރެވިގެން ދިއުން ކަމަށެވެ.
އޭގެ އިތުރުން ތަރައްގީ ކުރެވޭ ރަށް ހިމެނޭ ސަރަހައްދެއްގެ ރައްޔިތުންނަށް ފައިދާ އާއި މަންފާ ލިބޭނެ ގޮތްތަކެއް ހޯދައިދީ، ސީއެސްއާރުގެ ހަގީގީ ކުލަ އާންމު ރައްޔިތުންނަށް ހަރުދަނާ ގޮތެއްގައި ލިއްބައިދެވި، ކޮރަޕްޝަންގެ ޑަނޑޫރާގެ އުސޫލުތައް އިސްލާހު ކުރެވިގެންދާނެ ކަމަށް ވެސް ޓޫރިޒަމް މިނިސްޓްރީން ބުންޏެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ