ޑަބްލިއުއެލްޓީއަށް ސަރުކާރުން ފައިސާ ދައްކައިފި

ވިލާ ކުންފުނީގެ ހިއްސާ އޮންނަ ވޯލްޑް ލިންކް ޓްރެވަލްސް (ޑަބްލިއުއެލްޓީ)އަށް ރަށްތަކެއް ހަވާލު ނުކުރި މައްސަލާގައި ބަދަލުގެ ގޮތުގައި 130 މިލިއަން ރުފިޔާ ސަރުކާރުން މިއަދު ދައްކައިފި އެވެ.
ބަންޑާރަ ނައިބު އޮފީހުގެ ކޮމިއުނިކޭޝަން ޑިރެކްޓަރު ހުސައިން ހަސަން މައުލޫމާތު ދެއްވި ގޮތުގައި 130 މިލިއަން ރުފިޔާ މިއަދު ދައްކާފައިވާއިރު އެ އަދަދަކީ ވިލާ އިން ދައުލަތަށް ދައްކަންޖެހޭ ޓެކްސްތަކާއި ދަރަނިތަކަށް ކެނޑުމަށް ފަހު އެއްބަސްވި އަދަދެވެ.
މިދިޔަ މާޗް މަހުގެ ތެރޭގައި ސުޕްރީމް ކޯޓުން ހުކުމް ކުރީ ބަދަލުގެ ގޮތުގައި ޑަބްލިއެލްޓީއަށް 200 މިލިއަނަށް ވުރެ ގިނަ ރުފިޔާ ނަގައިދިނުމަށެވެ. އެހާ ބޮޑު ބަދަލެއް ދޭން ޖެހުމުން ސަރުކާރުން ވިލާ ކުންފުންޏާއެކު މަޝްވަރާތަކަށް ދިޔަ އެވެ.
އެންމެ ފަހުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ބޭއްވެވި ނޫސްވެރިންގެ ބައްދަލުވުމުގައި ސަރުކާރުން ޑަބްލިއެލްޓީއަށް ފައިސާ ދެއްކުމަށް އެއްބަސްވެފައިވާކަން ހާމަ ކުރައްވާފައިވެ އެވެ. ބަދަލުގެ ގޮތުގައި 130 މިލިއަން ޑޮލަރު ދޭން ސަރުކާރާއި ވިލާ ކުންފުނިން އެއްބަސްވީ ކޯޓު ބޭރުން ކުރިއަށް ގެންދިޔަ މަޝްވަރާތަކުގައި ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.
ޑަބްލިއުއެލްޓީއިން ކޯޓަށް ދިޔައީ ސަރުކާރު ހިއްސާވާ ކުންފުނިތަކެއް ގުޅިގެން އުފެއްދި އެއާޕޯޓް އިންވެސްޓްމަންޓް މޯލްޑިވްސް (އެއިމްސް)އިން ޑަބްލިއުއެލްޓީއަށް ތިން ރަށެއް 2007 ވަނަ އަހަރު ދިނުމަށް ނިންމުމަށްފަހު ވެސް އެ ރަށްތައް ދޫނުކުރި މައްސަލާގަ އެވެ. އޭގެ ބަދަލުގެ ގޮތުގައި އެ ކުންފުނިން ދައުވާކުރީ 112 މިލިއަން ޑޮލަރު ހޯދުމަށެވެ.
ނަމަވެސް އެ އަދަދު ބަދަލުގެ ގޮތުގައި ސުޕްރީމް ކޯޓުން ނަގައިނުދިނެވެ. ސުޕްރީމް ކޯޓުން ޑަބްލިއުއެލްޓީއަށް ދޭން އަމުރުކުރި 200 މިލިއަން ރުފިޔާއަކީ ފައިނޭންސް ކޯސްޓްގެ ގޮތުގެ ބަދަލުގެ ހޯދަން އެދުނު އަދަދެވެ. ސުޕްރީމް ކޯޓުގެ ހުކުމްގައި ބުނީ އެ އަދަދަކީ ޑަބްލިއުއެލްޓީގެ ފަރާތުން ވިލާ ކުންފުނީގެ ކްރެޑިޓް ފެސިލިޓީއެއްގެ ދަށުން ނެގި ލޯނެއް، އިންޓްރެސްޓާއެކު އަރާފައިވާ މިންވަރުކަން އޮޑިޓް ރިޕޯޓުން ސާފުވާ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ