އަންނަ ހަފްތާއިން ފެށިގެން ޕެންޝަން ފައިސާ އިން ހައްޖަށް ދިއުމުގެ ފުރުސަތު ހުޅުވާލަނީ

ޕެންޝަން ފައިސާ އިން ހައްޖަށް ދާން ބޭނުންވާ ފަރާތްތަކަށް އަންނަ ހަފްތާއިން ފެށިގެން އެކަމަށް އެދުމުގެ ފުރުޞަތު ހުޅުވާލާނެކަމަށް ޙައްޖު ކޯޕަރޭޝަނުން ބުނެފިއެވެ.
ޙައްޖު ކޯޕަރޭޝަނުން މިގޮތަށް ބުނެފައިވާއިރު މިދިޔަ އަންގާރަ ދުވަހު, ހައްޖުގެ އަޅުކަމަށް ދާން ބޭނުންވާ މީހުންނަށް ޕެންޝަން ފަންޑުން ފައިސާ ދޫކުރުމާއި ގުޅޭ އެއްބަސްވުމެއްގައި، ހައްޖު ކޯޕަރޭޝަނާއި ޕެންޝަން އޮފީހާ ދެމެދުވަނީ ސޮއިކޮށްފައެވެ.
މި އެއްބަސްވުމުގެ ދަށުން ފަރުޟު ޙައްޖު އަދާކުރުމަށް ރިޓަޔަރމަންޓް ސޭވިންގްސް އެކައުންޓުގެ ފައިސާ ބޭނުންކުރުމުގެ ޝަރުތު ހަމަވާކަން ކަނޑައަޅާ، އެފައިސާ އެ ކޯޕަރެޝަނަށް ދޫކުރާނީ ޕެންޝަން އޮފީހުން ކަމަށެވެ. އަދި މިކަމަށް އެދުމުގެ ފުރުޞަތު މި މަހުގެ 26 ވަނަ ދުވަހު ހުޅުވާލާނެ ކަމަށެވެ.
ޙައްޖު ކޯޕަރޭޝަނުން ބުނީ ޕެންޝަން އޮފީހުން ކަނޑައަޅާފައިވާ އުޞޫލާއި އެއްގޮތަށް ފަރުޟު ޙައްޖު އަދާމުރުމަށް ރިޓަޔަރމަންޓް ސޭވިންގްސް އެކައުންޓުގައިވާ ފައިސާ ބޭނުންކުރުމުގެ ޝަރުތު ހަމަވާ ފަރާތްތަކަށް އެފަރާތެއްގެ ޙައްޖު ދަތުރުގެ އަގުގެ ބައެއް ދެއްކުމަށް އެފައިސާ ބޭނުން ކުރެވޭނެ އިންތިޒާމް ޕެންޝަން އޮފީހާއި ގުޅިގެން އެ ކޯޕަރޭޝަނުން ހަމަޖައްސައިދޭނެ ކަމަށެވެ.
ހައްޖު ކޯޕަރޭޝަނުން ބުނީ، ހައްޖަށް ދިއުމަށް އެ ކޯޕަރޭޝަނަށް ފައިސާ ދައްކަވާ ފަރާތްތަކުގެ ތެރެއިން ޝަރުތު ހަމަވާ ފަރާތްތަކަށް، ހައްޖުގެ އަގުގެ 50 ޕަސެންޓް ފައިސާ އެ ކޯޕަރޭޝަނަށް ދެއްކެވުމުން، އެފަރާތަކަށް ހައްޖަށް ދިއުމުގެ ޖާގަ ކަށަވަރުކޮށްދީ ސްލޮޓް ލިސްޓުން ޖާގަ ދޭނެ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ